Roadha Mihaaru
ކޮވިޑްގެ ތިންވަނަ ޑޯޒެއް ޖެހުން ފަސްކޮށްދޭން އެދިއްޖެ

ކޮވިޑްގެ ތިން ވަނަ ޑޯޒެއް ޖެހުން ފަސްކޮށްލަދީ: ޑަބްލިއުއެޗްއޯ

05 އޯގަސްޓް 2021

ކޮވިޑް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާ މީހުންގެ ހަށިގަނޑުގައި، ކޮވިޑްގެ ދިފާއު އިތުރުކުރުމުގެ ގޮތުން ތިން ވަނަ ޑޯޒެއް ޖެހުމަށް ރާވާފައިވާ ގައުމުތަކުން، މި އަހަރުގެ ސެޕްޓެމްބަރުގެ ނިޔަލަށް އެކަން ހުއްޓާލުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އިން ގޮވާލައިފި އެވެ.

ކޮވިޑް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާ މީހުންގެ ހަށިގަނޑުގައި، ކޮވިޑްގެ ދިފާއު އިތުރުކުރުމުގެ ގޮތުން ތިން ވަނަ ޑޯޒެއް ޖެހުމަށް ރާވާފައިވާ ގައުމުތަކުން، މި އަހަރުގެ ސެޕްޓެމްބަރުގެ ނިޔަލަށް އެކަން ހުއްޓާލުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އިން ގޮވާލައިފި އެވެ.

ޑަބްލިޔުއެޗްއޯ އިން ބުނި ގޮތުގައި ކޮވިޑްގެ ދިފާއު ހަށިގަނޑުގައި އިތުރު ކުރުމުގެ ގޮތުން، ކޮވިޑް ވެކްސިންގެ ތިން ވަނަ ޑޯޒެއް ޖެހުމުގެ މަސައްކަތް ހުއްޓާލަން ޖެހެނީ، ދުނިޔޭގެ އާބާދީގެ ބޮޑު ބަޔަކަށް އަދިވެސް ކޮވިޑްގެ ފުރަތަމަ ޑޯޒް ވެސް ނުޖެހޭތީ، އެ ގައުމުތަކަށް ވެކްސިން ފޯރުކޮށްދިނުމުގެ ގޮތުންނެވެ. އެ ގޮތުން އެ ޖަމިއްޔާ އިން މިހާރު އަމާޒު ހިފާފައިވަނީ، ކޮންމެ ގައުމެއްގެ ވެސް ވެކްސިން ޖަހާ އުމުރުގެ 10 ޕަސެންޓް މީހުންނަށް، ސެޕްޓެމްބަރު މަހުގެ ނިޔަލަށް ކޮވިޑް ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރުމަށެވެ.

"ޑެލްޓާ ބާވަތުގެ ކޮވިޑް ވައިރަހުން ރައްޔިތުން ރައްކާތެރި ކުރުމަށް، ގައުމުތަކުގެ ސަރުކާރުތަކުން ސަމާލުކަން ދޭ މިންވަރު އަޅުގަނޑަށް ވެސް ވަޒަން ކުރެވޭ. ނަމަވެސް، މިހާތަނަށް ދުނިޔޭގައި އުފެއްދި ކޮވިޑް ވެކްސިންގެ ތެރެއިން ގިނަ އަދަދެއްގެ ވެކްސިން ބޭނުންކުރި ގައުމުތަކުން، ދެން ހުރި ވެކްސިންކޮޅު ވެސް ބޭނުންކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން،" ޑަބްލިޔުއެޗްއޯގެ ސެކްރެޓަރީ ޖެނެރަލް ޓެޑްރޯސް އަދަނޮމް ގެބްރެސޫސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ވެކްސިން ނުލިބޭ ގައުމުތަކުގެ ރައްޔިތުން ކޮވިޑް ވަބާ އިން ރައްކާތެރި ކުރުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރެވޭނީ، ޖީ-20 ގައި ހިމެނޭ، އިގްތިސާދީ ގޮތުން ކުރިއަރާފައިވާ 20 ގައުމަށެވެ. ސަބަބަކީ އެންމެ ގިނައިން ކޮވިޑް ވެކްސިން އުފައްދަނީ އަދި އެންމެ ގިނައިން ކޮވިޑް ވެކްސިން ބޭނުންކޮށް އަދި އެންމެ ގިނައިން ކޮވިޑް ވެކްސިން ހަދިޔާ ކުރަނީ ވެސް އެ ގައުމުތަކުން ކަމަށް ވާތީ އެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ކޮވިޑް ވެކްސިންގެ މައްސަލައިގައި ކަންބޮޑުވުން މި ފާޅުކުރީ، އެންމެ ހަލުވިކޮށް ކޮވިޑް ފެތުރެމުންދާ ފަގީރު ގައުމުތަކުގައި އާބާދީގެ ބޮޑު ބަޔަކަށް ވެކްސިންގެ އެންމެ ޑޯޒެއް ވެސް ނުޖެހިގެން އުޅޭއިރު، ކުރިއަރާފައިވާ ގައުމުތަކުން ދެ ޑޯޒް ފުރިހަމަކޮށް ތިން ވަނަ ޑޯޒެއް ޖެހުމަށް ރާވަމުން ދާތީ އެވެ.

އެ ގޮތުން ޑެލްޓާ ބާވަތުގެ ކޮވިޑް ވައިރަހުގެ ނުރައްކާ ބޮޑުވެފައިވާތީ، އެމެރިކާ އާއި އިނގިރޭސި ވިލާތް އަދި ޖަރުމަނުން ވެސް މިހާރު އަންނަނީ، ކޮވިޑް ވެކްސިންގެ ތިން ވަނަ ޑޯޒެއް ޖެހުމާ މެދު، ކަމާ ބެހޭ އިދާރާތަކުގައި މަޝްވަރާ ކުރަމުންނެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ މި ގޮވައިލުމަށް، އެމެރިކާ އިން އިއްޔެ ވަނީ ދެކޮޅު ހަދައިފަ އެވެ. އެމެރިކާގެ ރިއާސީ ގަނޑުވަރު ވައިޓް ހައުސްގެ ތަރުޖަމާނު ޖެން ސާކީ ވިދާޅުވި ގޮތުގައި ދުނިޔޭގެ އެކި ގައުމުތަކަށް އެމެރިކާ އިން މިހާރު ވެސް ވާނީ 110 މިލިއަން ޑޯޒްގެ ކޮވިޑް ވެކްސިން ހަދިޔާކޮށްފަ އެވެ. މިއީ އެއްވެސް ގައުމަކުން މިހާތަނަށް ހަދިޔާ ނުކުރާހާ ގިނަ އަދަދެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެމެރިކާގެ ރައްޔިތުންނަށް ތިން ވަނަ ޑޯޒެއް ޖެހިޔަސް، އިތުރު ގައުމުތަކަށް ހަދިޔާ ކުރެވޭ ވަރަށް އެމެރިކާގައި ވެކްސިން އެބަހުއްޓެވެ. އެހެންކަމުން، ތިން ވަނަ ޑޯޒެއް ޖެހުން ހުއްޓައިލުމަށް ގޮވައިލުމަކީ އެމެރިކާ އިން ގަބޫލުކުރާނެ ކަމެއް ނޫން ކަމަށާއި، ދެ ޑޯޒް ފުރިހަމަކުރި މީހުންނަށް ތިން ވަނަ ޑޯޒެއް ޖަހަން، ފުޑް އެންޑް ޑްރަގް އޮތޯރިޓީން ނިންމައިފި ނަމަ އެކަން ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.