Roadha Mihaaru
އެންޖެލާގެ މަގާމު ފުރާނެ މީހެއްގެ އިންތިހާބު ކުރިއަށް

އެންޖެލާގެ މަގާމު ފުރާނެ މީހެއްގެ ވާދަވެރި އިންތިހާބު ކުރިއަށް

26 ސެޕްޓެމްބަރ 2021

ޖަރުމަން ވިލާތުގެ ޗާންސެލަރު އެންޖެލާ މާކެލްގެ ބަދަލުގައި އެ މަގާމު ފުރުއްވާނެ އާ ބޭފުޅަކު ކަނޑައެޅުމަށް ބާއްވާ ވާދަވެރި އިންތިހާބުގެ ވޯޓުލުން މިއަދު ހެނދުނު ފަށައިގެން ކުރިއަށް އެބަދެ އެވެ.

ޖަރުމަން ވިލާތުގެ ޗާންސެލަރު އެންޖެލާ މާކެލްގެ ބަދަލުގައި އެ މަގާމު ފުރުއްވާނެ އާ ބޭފުޅަކު ކަނޑައެޅުމަށް ބާއްވާ ވާދަވެރި އިންތިހާބުގެ ވޯޓުލުން މިއަދު ހެނދުނު ފަށައިގެން ކުރިއަށް އެބަދެ އެވެ.

މިއަދު ކުރިއަށް ދާ ފެޑެރަލް އިންތިހާބުގައި އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހަށް 709 މެމްބަރުން އިންތިހާބު ކުރާނެ އެވެ. މި އިންތިހާބުގައި ޕޯސްޓުގެ ޒަރީއާއިން ވޯޓުލުމުގެ ބައި މިހާރު ނިމިފައިވާ އިރު، ޕޯސްޓުގެ ޒަރީއާއިން ވޯޓުލީ މީހުންގެ އަދަދު ރެކޯޑް އަދަދަކަށް މަތި ކަމަށް، އެ ގައުމުގެ މީޑިއާތަކުން ބުނެ އެވެ.

މިފަހަރުގެ އިންތިހާބުގައި މިހާރުގެ ޗާންސެލަރު އެންޖެލާ މާކެލް ވާދައެއް ނުކުރައްވާނެ އެވެ. މިއީ އެ ގައުމުގެ ތާރީހުގައި ވެސް، މަގާމުގައި ހުންނެވި ޗާންސެލަރަކު މަގާމަގާ ވާދަނުކުރައްވާ ގޮތަށް ބާއްވާ ފުރަތަމަ އިންތިހާބެވެ.

މިއަދުގެ އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން، ވެރިކަން ކުރާ ސޯޝަލް ކްރިސްޓިއަން ޑިމޮކްރެޓިކް ޔޫނިއަންގެ ލީޑަރު އާރްމިން ލަޝެޓް އިއްޔެ ބޭއްވެވި ކެމްޕޭން އެއްވުމެއްގައި މިހާރުގެ ޗާންސެލަރު އެންޖެލާ ބައިވެރިވެވަޑައިގެންނެވި އެވެ. އެ ބައްދަލުވުމުގައި އެންޖެލާ މާކެލް ދެއްކެވި ވާހަކައިގައި ވިދާޅުވީ ޖަރުމަން ވިލާތަށް ބޭނުންވަނީ ހަމަޖެހުން ކަމަށާއި ގައުމުގެ ރައްޔިތުން ބޭނުންވަނީ އުޖާލާ ކުރިމަގެއް ކަމަށެވެ. އެކަންކަން ހާސިލުކޮށްދެވޭނެ ބޭފުޅަކީ މިހާރު ވެސް ވެރިކަމުގައި އޮތް ޕާޓީގެ ލީޑަރު އާރްމިން ކަމަށް ވެސް އެންޖެލާ ވިދާޅުވި އެވެ.

ސޯޝަލް ޑިމޮކްރެޓިކް ޕާޓީގެ އޮލަފް ޝޯލްޒް

ސޯޝަލް ޑިމޮކްރެޓިކް ޕާޓީގެ އޮލަފް ޝޯލްޒް

މިއަދުގެ އިންތިހާބުގައި، ޖަރުމަނު ވިލާތުގެ 18 އަހަރުން މަތީގެ 60 މިލިއަނަށް ވުރެ ގިނަ މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވެ އެވެ. ހިޔާލު ހޯދުމުގެ ވޯޓުތައް ދައްކާ ގޮތުން، މިއަދުގެ އިންތިހާބުގައި ވޯޓު ލާން ނުކުންނަ އިރު ވެސް، ވޯޓު ދޭންވީ ކާކަށް ކަން، ވޯޓުލުމުގެ ހައްގު ލިބިގެންވާ އާބާދީގެ ތިން ބައިކުޅަ ދެބައި މީހުން ކަނޑައެއްނާޅަ އެވެ.

ހިޔާލު ހޯދުމުގެ ވޯޓުތައް ދައްކާ ގޮތުން، މިފަހަރުގެ އިންތިހާބުގައި ވެސް ކުރި ހޯދާނީ ވެރިކަން ކުރާ، ކޮންޒަވޭޓިވް ހިޔާލާތުގެ ކްރިސްޓިއަން ޑިމޮކްރެޓިކް ޔޫނިއަން އާއި އެ ޕާޓީގެ ތެރެއިން އުފެދިފައިވާ ސޯޝަލް ޑިމޮކްރެޓިކް ޕާޓީ އާއި، ތިމާވެށީގެ މައްސަލަތަކަށް ހާއްސަ އިސްކަމެއް ދޭ ގްރީންސް ޕާޓީ އެވެ.

ޗާންސެލަރުގެ މަގާމަށް ވާދަކުރައްވާނެ ތިން ބޭފުޅުންނަކީ ވެރިކަން ކުރާ ކްރިސްޓިއަން ޑިމޮކްރެޓިކް ޕާޓީގެ އާރްމިން ލަޝެޓް އާއި ސޯޝަލް ޑިމޮކްރެޓިކް ޕާޓީގެ އޮލަފް ޝޯލްޒް އާއި ގްރީންސް ޕާޓީގެ އަނަލީނާ ބޭރްބޮކް އެވެ. އެއް ޕާޓީއަކަށް ގާނޫނު ހަދާ މަޖިލީހުގެ އަގުލަބިއްޔަތު ނުލިބިއްޖެ ނަމަ، ޗާންސެލަރަކު ކަނޑައަޅާނީ، އެންމެ ގިނަ ގޮނޑި ކާމިޔާބުކުރާ ޕާޓީތަކުގެ ގުޅިފައިވާ އިއްތިހާދަކުންނެވެ.