Roadha Mihaaru
ފުޓްބޯޅަ ސީޒަން ފަށަން ޖަރުމަނު ސަރުކާރުން ރުހުންދީފި

ފުޓްބޯޅަ ސީޒަން ފަށަން ޖަރުމަނު ސަރުކާރުން ރުހުންދީފި

07 މެއި 2020

ބާލިން (މެއި 7) - ކޮރޯނާވައިރަހާ ގުޅިގެން މެދުކަނޑާލާފައިވާ ޖަރުމަނުގެ ފުޓްބޯޅަ ލީގުތައް އަންނަ ހަފްތާގައި ފަށަން ކުރާ މަސައްކަތާ އެއްގޮތަށް ކުރިއަށް ދިއުމުގެ ހުއްދަ ޖަރުމަނުގެ ސަރުކާރުން ދީފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ބާލިން (މެއި 7) - ކޮރޯނާވައިރަހާ ގުޅިގެން މެދުކަނޑާލާފައިވާ ޖަރުމަނުގެ ފުޓްބޯޅަ ލީގުތައް އަންނަ ހަފްތާގައި ފަށަން ކުރާ މަސައްކަތާ އެއްގޮތަށް ކުރިއަށް ދިއުމުގެ ހުއްދަ ޖަރުމަނުގެ ސަރުކާރުން ދީފި އެވެ.

ޖަރުމަން ލީގު ހިންގާ ޑީއެފްއެލް އިން މިހާރު ޕްލޭންކޮށްފައި އޮތީ މި މަހުގެ 15 ވަނަ ދުވަހު ލީގު ފަށާށެވެ. އޭރު ލީގު ފަށާއިރު ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން އަޅަން ޖެހޭ ހުރިހާ ފިޔަވަޅެއް އަޅާނެ އެވެ. އެންމެ ފުރަތަމަ ކަމަކަށް މިހާރު ވަނީ ޖަރުމަނުގެ އެއް ވަނަ އަދި ދެ ވަނަ ޑިވިޝަނުގެ ހުރިހާ ޓީމެއް ކޮވިޑް-19 އަށް ޓެސްޓްކޮށްފަ އެވެ. ދެ ޑިވިޝަނުގެ 40 ޓީމުން ކުރި ޓެސްޓްތަކުން 10 މީހެއް ވައިރަހަށް ޕޮޒިޓިވްވި އެވެ. އެހެންވިޔަސް ލީގު ފެށުމަށް ހުރަހެއް ނެތެވެ.

ޖަރުމަނުގެ ޗާންސެލާ އެންޖެލާ މާކެލް ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައިވަނީ ސަރުކާރުން ކަނޑައަޅާފައިވާ އުސޫލުތަކުގެ ތެރެއިން ޖަރުމަނުގެ ފުޓްބޯޅަ ސީޒަން ފެށުމުގައި އެއްވެސް މައްސަަލައެއް ނެތް ކަމަށް ވިދާޅުވެފަ އެވެ.

"މީގައި ވަރަށް ބޮޑެތި ޒިންމާތަކަކާ އެކު މި ފުރުސަތު މި ދެނީ. މިއީ ވަރަށް ވިސްނަން ޖެހޭ ވެސް ކަމެއް" މާކެލް ވިދާޅުވި އެވެ.

ސަޕޯޓަރުން ނުވައްދައި މެޗުތައް ކުޅެން އަންގާފައިވާއިރު، ކުޅުންތެރިން ވެސް ވަކި އުސޫލުތަކެއްގެ ތެރެއިން އަމަލުކުރަން ޖެހެ އެވެ. އެ ގޮތުން ކުޅުންތެރިންނަށް ވެސް ދެވޭނީ ސަރުކާރުން ހުއްދަ ދީފައިވާ ތަންތަނަށްކަން ވަނީ އަންގައިފަ އެވެ. ސަރުކާރުގެ އެންގުންތަކާ ހިލާފުވާ ކުޅުންތެރިންނާ ދެކޮޅަށް ހަރުކަށި ފިޔަވަޅު އަޅާނެކަން ޑީއެފްއެލް އަށް ވަނީ އަންގައިފަ އެވެ.

ޔޫރަޕްގެ ބައެއް ގައުމުތަކުުން ވަނީ ކޮވިޑް-19 ގެ ސަބަބުން ދެން ކުރިއަށްގެންދެވޭނެ މާހައުލެއް ނެތުމުން ފުޓްބޯޅަ ސީޒަން ކެންސަލްކޮށްފަ އެވެ. އެ ގޮތަށް ނިންމަން ޖެހުނީ ފުޓްބޯޅަ ސީޒަން ކުރިއަށްގެންދަން ސަރުކާރުގެ ރުހުން ނުލިބިގެންނެވެ. ޖަރުމަނު ލީގަކީ ޔޫރަޕްގެ ވަރުގަދަ ފަސް ލީގުގެ ތެރެއިން އެންމެ އަވަހަށް ފަށާ ލީގެވެ. އިޓަލީ އާއި ސްޕެއިން އަދި އިންގްލެންޑުގައި ވެސް ލަސްވެގެން އަންނަ މަހު ފުޓްބޯޅަ ސީޒަން އަލުން ފަށަން އަންނަނީ މަސައްކަތްކުރަމުންނެވެ.

ޖަރުމަނުގެ ގައުމީ ޓީމާއި ބަޔާން މިއުނިކްގެ ކެޕްޓަން ގޯލްކީޕަރު މެނުއަލް ނޯޔާ ބުނީ ފުޓްބޯޅަ އަލުން ފަށާއިރު ކޮންމެ މީހަކަށް ވެސް ޒިންމާއެއް އެބައޮތް ކަމަށާއި މި ވަގުތު މުޅި ދުނިޔޭގެ ސަމާލުކަން ހުއްޓިފައި އޮތީ ޖަރުމަނަށް ކަމަށްވާއިރު އަމަލުތައް ބަހައްޓަން ޖެހޭނީ އޮންނަ އުސޫލުގެ ތެރެއިން ކަމަށެވެ.

އަލުން ލީގު ނުފެށިއްޖެނަމަ ކްލަބްތަކަށް ބޮޑު މާލީ ގެއްލުންތަކެއްވާނެ ކަމަށް ޖަރުމަނު ކްލަބްތަކުގެ އޮފިޝަލުން ވަނީ ބުނެފަ އެވެ. ލީގު ކެންސަލްކުރަން ޖެހިއްޖެނަމަ ޖަރުމަނު އެއް ވަނަ އަދި ދެ ވަނަ ޑިވިޝަނުގައި ހިމެނޭ 36 ޓީމުގެ ތެރެއިން 13 ޓީމެއް ބަނގުރޫޓުވުމުގެ ފުރުސަތު އެބައޮތެވެ. އަލުން ފަށައިގެން ސީޒަން ނިންމާލެވިއްޖެނަމަ ޓީމުތަކަށް ޓީވީ ރައިޓްސް އާމްދަނީގެ ގޮތުގައި 325 މިލިއަން ޑޮލަރު ހޯދޭނެ އެވެ. ސީޒަން ކެންސަލްކޮށްލައިފިނަމަ ޖުމްލަ ލިބޭނެ ގެއްލުން އެއް ބިލިއަން ޑޮލަރަށް އަރާނެ ކަމަށް ވަނީ އަންދާޒާ ކޮށްފަ އެވެ.

ސަޕޯޓަރުން ނުވައްދައި މެޗުތައް ކުޅެން އަންގާފައިވާއިރު، އަންނަ ސީޒަނުގައި ވެސް ސަޕޯޓަރުން ނުވައްދައި ކުޅުމުގެ ފުރުސަތު ބޮޑެވެ. މީގެ ކުރިން ޑީއެފްއެލް އިން ވަނީ ކޮވިޑް-19 އަށް ވެކްސިނެއް ނުލިބެނިސް ސަޕޯޓަރުން ދަނޑަށް ވަންނަން ހުއްދަދެވޭނެ ގޮތެއް ނެތް ކަމަށް ބުނެފަ އެވެ. އެ ވިސްނުމުގައި ކުރިއަށްދާއިރު އަންނަ ސީޒަނުގައި ވެސް ސަޕޯޓަރުން ނުލައި ގިނަ މެޗުތަކެއް ކުޅެން ޖެހިދާނެ އެވެ.