Roadha Mihaaru
މި ސީޒަނަށް ފަހު ލާމް ފުޓްބޯޅަ ކުޅުން ހުއްޓާލަނީ

މި ސީޒަނަށް ފަހު ލާމް ފުޓްބޯޅަ ކުޅުން ހުއްޓާލަނީ

08 ފެބުރުއަރީ 2017

މިއުނިކް (ފެބްރުއަރީ 8) - މި ސީޒަނަށް ފަހު ފުޓްބޯޅަ ކުޅުން ހުއްޓާލާނެ ކަމަށް ޖަރުމަން އަދި ބަޔާން މިއުނިކްގެ ޑިފެންޑަރު ފިލިޕް ލާމް ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

މިއުނިކް (ފެބްރުއަރީ 8) - މި ސީޒަނަށް ފަހު ފުޓްބޯޅަ ކުޅުން ހުއްޓާލާނެ ކަމަށް ޖަރުމަން އަދި ބަޔާން މިއުނިކްގެ ޑިފެންޑަރު ފިލިޕް ލާމް ބުނެފި އެވެ.

އުމުރުން 33 އަހަރުގެ ލާމް ބަޔާނާ އެކު ހަދާފައިވާ އެއްބަސްވުމުގައި ބާކީ އެއް އަހަރު އެބައޮތެވެ. އެހެން ނަމަވެސް ލާމް ބުނީ މިއީ އޭނާގެ ކެރިއަރުގެ ފަހު އަހަރު ކަމަށެވެ.

"ފާއިތުވި އަހަރެއްހާ ދުވަހުގައި އަހަރެން ވިސްނަމުން މިދަނީ ކުޅުން ހުއްޓާލާނެ ދުވަހަކަށް އަހަރެން ދެކޭ ގޮތުގައި މިއީ އެކަން ކުރަން އެންމެ ރަނގަޅު ވަގުތު. މިއީ އަހަރެންގެ އެންމެ ފަހު ސީޒަން،" ޖަރުމަން ކަޕްގެ ގަދަ 16 ޓީމުގެ ބުރުގައި ރޭ ވުލްފްސްބާގާ ދެކޮޅަށް ކުޅުނު މެޗަށް ފަހު ލާމް ބުންޏެވެ.

"އަހަރެން ވާނީ މިކަން ބަޔާންގެ އޮފިޝަލުންނަށް އަންގާފައި. ކުޅުން ހުއްޓާލާނެކަން އިއުލާން ކުރިޔަސް އެންމެ ފަހު މެޗާ ޖެހެންދެން އަހަރެންގެ ކުޅުމަށް އަދި ކްލަބަށް ދޭން ޖެހޭ އެހީތެރިކަމަކަށް ބަދަލެއް ނާންނާނެ،" ލާމް ބުންޏެވެ.

ބަޔާން ޔޫތު ޓީމުން ކެރިއަރު ފެށި ލާމް އެންމެ ފުރަތަމަ ބަޔާން ސީނިއާ ޓީމަށް ކުޅުނީ 2001 ވަނަ އަހަރު އެވެ. އޭގެ ފަހުން ދެ ސީޒަނުގައި ލޯން އެއްބަސްވުމެއްގެ ދަށުން ސްޓުޓްގާޓަށް ކުޅުނު ނަމަވެސް 2005 ވަނަ އަހަރުން ފެށިގެން ލާމް އަކީ ބަޔާން ޓީމަށް ގަވައިދުން ކުޅެމުން އަންނަ ކުޅުންތެރިޔެކެވެ.

އޭނާ ވަނީ ބަޔާނަށް 500 މެޗަށް ވުރެން ގިނައިން ކުޅެދީފަ އެވެ. އަދި އެ ޓީމާ އެކު ހަތް ފަހަރު ޖާމަން ލީގު ކާމިޔާބު ކޮށްފަ އެވެ. އަދި ހަ ފަހަރު ޖަރުމަނު ކަޕް ކާމިޔާބުު ކުރިއިރު، ޗެމްޕިއަންސް ލީގާއި ކްލަބް ވޯލްޑް ކަޕް ވެސް ވަނީ އުފުލާލައިފަ އެވެ.

ލާމް އަކީ ޖަރުމަނު ގައުމީ ޓީމުގައި ވެސް ކާމިޔާބު ކުޅުންތެރިޔެކެވެ. އުމުރުފުރާ ގައުމީ ޓީމުތަކުން ވިދާލުމަށް ފަހު ލާމް އެންމެ ފުރަތަމަ ސިނިއާ ޓީމަށް މެޗެއް ކުޅުނީ 2004 ވަނަ އަހަރު އެވެ. އޭގެ ފަހުން ލާމް އަކީ ގަވައިދުން ޓީމުން ޖާގަ ހޯދާ ކުޅުންތެރިޔެކެވެ.

ޖަރުމަން ގައުމީ ޓީމަށް ކުޅުން ލާމް ހުއްޓާލީ އޭނާގެ ކެޕްޓަން ކަމުގެ ދަށުގައި 2014 ވަނަ އަހަރު ބްރެޒިލްގައި އޮތް ވޯލްޑް ކަޕް މުބާރާތް އެ ޓީމަށް ކާމިޔާބު ކޮށްދިނުމަށް ފަހު އެވެ.