Roadha Mihaaru
އަލޮންސޯ-ލާމްގެ ފަހު މެޗު: ސަޕޯޓަރުން ރޮއްވާލައިފި

އަލޮންސޯ އާއި ލާމްގެ ފަހު މެޗު: ސަޕޯޓަރުން ރޮއްވާލައިފި

21 މެއި 2017

މިއުނިކް (މެއި 21) - ފްރެއިބާގް އަތުން 4-1 އިން މޮޅުވެ ބަޔާން މިއުނިކުން ޖަރުމަނު ލީގުގެ ޗެމްޕިއަންކަން ޖެހިޖެހިގެން ފަސް ވަނަ ފަހަރަށް ހޯދިއިރު، މި މެޗު ހާއްސަވީ ރޭގެ މެޗަށް ފަހު ފުޓްބޯޅަ ކުޅުން ހުއްޓާލި ޒަބީ އަލޮންސޯ އާއި ފިލިޕް ލާމް އަށެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

މިއުނިކް (މެއި 21) - ފްރެއިބާގް އަތުން 4-1 އިން މޮޅުވެ ބަޔާން މިއުނިކުން ޖަރުމަނު ލީގުގެ ޗެމްޕިއަންކަން ޖެހިޖެހިގެން ފަސް ވަނަ ފަހަރަށް ހޯދިއިރު، މި މެޗު ހާއްސަވީ ރޭގެ މެޗަށް ފަހު ފުޓްބޯޅަ ކުޅުން ހުއްޓާލި ޒަބީ އަލޮންސޯ އާއި ފިލިޕް ލާމް އަށެވެ.

މި ދެ ކުޅުންތެރިންގެ އިތުރުން ބަޔާންގެ ކީޕަރު ޓޮމް ސްޓާކޭ ވެސް ވަނީ އުމުރުން 36 އަހަރުގައި ރިޓަޔަކޮށްފަ އެވެ.

މި ސީޒަނުގެ މެދު ތެރެއިން އަލޮންސޯ އާއި ލާމް ވަނީ މިއީ އެ ދެ ކުޅުންތެރިންގެ ފަހު ސީޒަން ކަމަށް ބުނެފަ އެވެ. އުމުުރުން 33 އަަހަރުގެ ލާމް އާއި 35 އަހަރުގެ އަލޮންސޯ އަކީ 21 ވަނަ ގަރުނުގެ އެންމެ ކާމިޔާބު ދެ ފުޓްބޯޅަ ކުޅުންތެރިންނެވެ. ލާމް އާއި އަލޮންސޯ ވަނީ ކްލަބާއި ގައުމީ ފެންވަރުގައި ގިނަ ކާމިޔާބީތަކެއް ހޯދައިފަ އެވެ.

ބަޔާން ޔޫތު ޓީމުން ކެރިއަރު ފެށި ލާމް އެންމެ ފުރަތަމަ ބަޔާން ސީނިއާ ޓީމަށް ކުޅުނީ 2001 ވަނަ އަހަރު އެވެ. އޭގެ ފަހުން ދެ ސީޒަނުގައި ލޯން އެއްބަސްވުމެއްގެ ދަށުން ސްޓުޓްގާޓަށް ކުޅުނު ނަމަވެސް 2005 ވަނަ އަހަރުން ފެށިގެން ލާމް އަކީ ބަޔާން ޓީމަށް ގަވައިދުން ކުޅެމުން އަންނަ ކުޅުންތެރިޔެކެވެ. ލާމްގެ ކެޕްޓަން ކަމުގެ ދަށުގައި ޖަރުމަނުން ވަނީ 2014 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބު ކޮށްފަ އެވެ.

ރެއާލް ސޮސިއެޑާޑުން ކެރިއަރު ފެށި އަލޮންސޯ އަށް ގިނަ ބަޔެއްގެ ލޯ އަމާޒުވީ 2004 ވަނަ އަހަރު އޭނާ ލިވަޕޫލަށް ބަދަލުވި ފަހުންނެވެ. އޭގެ ފަހުން އޭނާ ވަނީ ރެއާލް މެޑްރިޑާ އެކު ވެސް ކާމިޔާބު ހޯދައިފަ އެވެ. އަދި ބަޔާންގައި ވެސް އޭނާ ތަފާތު ދެއްކި އެވެ. ސްޕެއިނުން ޔޫރޯ ދެ ފަހަރު އަދި ވޯލްޑް ކަޕް އެއް ފަހަރު ކާމިޔާބުކުރި ޓީމުގައި އަލޮންސޯގެ ދައުރު ބޮޑެވެ.

ރޭގެ މެޗަށް ފަހު ލާމް އާއި އަލޮންސޯގެ ރިޓަޔަކުރުމުން ބަޔާނަށް ލީގު ލިބުމުގެ އުފަަލަށް ވުރެ ބޮޑަށް ސަޕޯޓަރުންގެ މޫނުމަތިން ފެނުނީ މާޔޫސްކަމެވެ. ބަޔާންގެ ކޯޗު ކާލޯ އަންޗެލޮޓީ ބުނީ ފުޓްބޯޅަ އިން ގެއްލިގެން އެ ދަނީ ދެ ވަނައެއް ނުހޯދޭނެ ފަދަ ދެ ހުނަރު ކަމަށެވެ.

"އަލޮންސޯ އާއި ލާމް އަކީ ދެ ވަނައެއް ނެތް ފަދަ ހުނަރުވެރި މޮޅު ދެ ކުޅުންތެރިން. މި ދެ ކުޅުންތެރިންގެ ރިޓަޔަމެންޓަކީ ފުޓްބޯޅަ އަށް ގެއްލުމެއް. އަހަރެންނަކީ ބަޔާންގެ ކޯޗު ދެން އަހަންނަށް މީގެ ބުރަ މަސައްކަތް އޮތީ. އެއީ މި ދެ ކުޅުންތެރިން ނެތްތަން ފޫބައްދަން ރަނގަޅު ކުޅުންތެރިން ހޯދުން،" އަންޗެލޮޓީ ބުންޏެވެ.

އަލޮންސޯ އާއި ލާމް ކުޅުން ހުއްޓާލުމުން ދުނިޔޭގެ ފުޓްބޯޅައިގެ ގިނަ ބަޔަކު ވަނީ އެ ދެ ކުޅުންތެރިންނަށް ތަހުނިޔާގެ މެސެޖްތައް ފޮނުވައިފަ އެވެ. އޭގެ ތެރޭގައި ލާމް އާއި އަލޮންސޯއާ އެކު އެއް ޓީމަކަށް ކުޅުނު ކުޅުންތެރިންނާއި ކުރީގެ މަޝްހޫރު ކުޅުންތެރިންގެ އިތުރުން ފުޓްބޯޅައިގެ މަގޫބޫލު އެހެން ފަރާތްތައް ހިމެނެ އެވެ.