Roadha Mihaaru
ރިޓަޔާކޮށްފިނަމަ އަލޮންސޯ އަށް ބަޔާނުން ހާއްސަ މަގާމެއް

ރިޓަޔާކޮށްފިނަމަ އަލޮންސޯ އަށް ބަޔާނުން ހާއްސަ މަގާމެއް

18 ޖެނުއަރީ 2017

މިއުނިކް (ޖެނުއަރީ 18) - ބަޔާން މިއުނިކުގެ ސްޕެއިނުގެ މިޑްފީލްޑަރު ޒަބީ އަލޮންސޯ މި ސީޒަނަށް ފަހު ފުޓްބޯޅައިން ރިޓަޔާކުރަން ނިންމައިފިނަމަ އޭނާ އަށް ބަޔާނުން ހާއްސަ މަގާމެއް ދޭން އެ ކްލަބުން ތައްޔާރަށް އޮތް ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

މިއުނިކް (ޖެނުއަރީ 18) - ބަޔާން މިއުނިކުގެ ސްޕެއިނުގެ މިޑްފީލްޑަރު ޒަބީ އަލޮންސޯ މި ސީޒަނަށް ފަހު ފުޓްބޯޅައިން ރިޓަޔާކުރަން ނިންމައިފިނަމަ އޭނާ އަށް ބަޔާނުން ހާއްސަ މަގާމެއް ދޭން އެ ކްލަބުން ތައްޔާރަށް އޮތް ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ޖަރުމަނުގެ މަޝްހޫރު ކުޅިވަރު މީޑިއާ ބިލްޑުން ރިޕޯޓްކޮށްފައިވާ ގޮތުގައި އުމުރުން 35 އަހަރުގެ އަލޮންސޯ ވަނީ ބަޔާނާ އެކު ހަދާފައިވާ އެއްބަސްވުން މި ސީޒަނުގެ ނިޔަލަށް ހަމަވުމުން ފުޓްބޯޅައިން ރިޓަޔަކުރަން ނިންމައިފަ އެވެ. އަދި އެ ނިންމުން ވަރަށް އަވަހަށް ބަޔާނަށް ހިއްސާކުރާނެ އެވެ.

އަަލޮންސޯ އަކީ ގައުމީ ޓީމާއި ކްލަބް ލެވެލަށް ބަލާއިރު ފާއިތުވި 13 އަހަރު ތެރޭގައި ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ކުޅުންތެރިޔެކެވެ. ލިވަޕޫލުން ވިދާލި އަލޮންސޯ ބަޔާނަށް ބަދަލުވުމުގެ ކުރިން ވަނީ ސްޕެއިނުގެ ރެއާލް މެޑްރިޑަށް ވެސް ކުޅެފަ އެވެ.

ސްޕެއިން ގައުމީ ޓީމާ އެކު 2008 އާއި 2012 ވަަނަ އަހަރުގެ ޔޫރޯ ކާމިޔާބުކުރިއިރު، 2010 ވަނަ އަހަރު ސްޕެއިނުގެ ތާރީހުގައި ފުރަތަމަ ފަހަރަށް ވޯލްޑް ކަޕް އުފުލާލި ޓީމުގައި އަލޮންސޯގެ ދައުރު ބޮޑެވެ.

ކްލަބް ލެވެލަށް ބަލާއިރު ލިވަޕޫލާ އެކު އަލޮންސޯ ވަނީ 2005 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގުގެ އިތުރުން އެފްއޭ ކަޕާއި ޔޫއޭފާ ސުޕަ ކަޕް ކާމިޔާބު ކޮށްފަ އެވެ. ރެއާލާ ގުޅުމަށް ފަހު އަލޮންސޯ ވަނީ ޗެމްޕިއަންސް ލީގާއި ލަލީގާ އަދި ކޮޕަ ޑެލްރޭ ދެ ފަހަރު އުފުލާލައިފަ އެވެ.

އަލޮންސޯ ބަޔާނަށް ބަދަލުވީ 2014 ވަނަ އަހަރު އެވެ. އެ ޓީމާ އެކު އަލޮންސޯ ވަނީ ބުންޑަސްލީގާ ދެ ފަހަރު އަދި ޖަރުމަން ކަޕާއި ސުޕަ ކަޕް ކާމިޔާބު ކޮށްފަ އެވެ.