Roadha Mihaaru
ކްރިސްމަސް ތެރޭގައި ކޮވިޑް ފެތުރުން އިތުރުވާނެ

ކްރިސްމަސް ތެރޭގައި ކޮވިޑް ފެތުރުން އިތުރުވާނެ: ޑރ. ފައުޗީ

20 ޑިސެމްބަރ 2021

ކޮވިޑުން ރައްކާތެރިވުމަށް ވެކްސިން ޖަހައިގެން، އެކި ގައުމުތަކަށް ދަތުރުކުރާ މީހުންގެ މެދުގައި، ކޮވިޑް ޖައްސާ އޮމިކްރޯން ބާވަތުގެ ވައިރަސް ފެތުރުން، ކުރިއަށް އޮތް ކްރިސްމަސް ބަންދުގެ ތެރޭގައި އިތުރުވާނެ ކަމަށް، އެމެރިކާގެ އިސް ތަޖުރިބާކާރު ޑރ. އެންތަނީ ފައުޗީ ވިދާޅުވެއްޖެ އެވެ.

ކޮވިޑުން ރައްކާތެރިވުމަށް ވެކްސިން ޖަހައިގެން، އެކި ގައުމުތަކަށް ދަތުރުކުރާ މީހުންގެ މެދުގައި، ކޮވިޑް ޖައްސާ އޮމިކްރޯން ބާވަތުގެ ވައިރަސް ފެތުރުން، ކުރިއަށް އޮތް ކްރިސްމަސް ބަންދުގެ ތެރޭގައި އިތުރުވާނެ ކަމަށް، އެމެރިކާގެ އިސް ތަޖުރިބާކާރު ޑރ. އެންތަނީ ފައުޗީ ވިދާޅުވެއްޖެ އެވެ.

"އެކަމާ މެދު އެއްވެސް ޝައްކެއް ނެތް. އޮމިކްރޯން ބާވަތުގެ ކޮވިޑް ވައިރަހަކީ، އާދަޔާ ހިލާފަށް މީހުންގެ މެދުގައި ފެތުރިގަތުމުގެ ގާބިލްކަން ލިބިގެންވާ ވައިރަހެއް،" ފައުޗީ ވިދާޅުވި އެވެ.

ކޮވިޑް ވަބާއާ ބެހޭ ގޮތުން އެމެރިކާ ސަރުކާރަށް އިރުޝާދު ދެއްވާ ފައުޗީ ވިދާޅުވި ގޮތުގައި، ކްރިސްމަސް ތެރޭގައި އޮމިކްރޯން ބާވަތުގެ ކޮވިޑް ވައިރަސް ފެތުރުން އިތުރުވާނީ، ވެކްސިންގެ ޑޯޒްތައް ފުރިހަމަކޮށްގެން ތިބޭ މީހުން ދަތުރުފަތުރުކުރުމުގައި، ގައުމުތަކުން ދީފައިވާ ލުއިތަކުގެ ސަބަބުންނެވެ. ކޮވިޑް ވެކްސިންގެ ދެ ޑޯޒްގެ އިތުރުން ތިން ވަނަ ޑޯޒެއް ޖަހާފައިވާ މީހުން، ކަރަންޓީނު ނުވެ، ދަތުރުކުރުމަށް ގިނަ ގައުމުތަކުން ވަނީ ހުއްދަ ކޮށްފަ އެވެ.

އޭގެ ސަބަބުން، ކްރިސްމަސްގެ ބަންދުގެ ތެރޭގައި، ދުނިޔޭގެ ގައުމުތަކުގެ މެދުގައި ވައިގެ މަގުން ކުރާ ދަތުރުތައް އެތައް ގުނައަކަށް އިތުރުވާނެ ކަމަށް ބެލެވެ އެވެ. ކްރިސްމަސްއަކީ އާންމު ގޮތެއްގައި ވެސް، ވިލާތުގެ ގައުމުތަކުގެ މީހުން ޗުއްޓީ ހޭދަކުރުމަށް އެއް ގައުމުން އަނެއް ގައުމަށް ދަތުރުކުރާ ދުވަސްކޮޅެކެވެ. ކްރިސްމަސް (ޑިސެމްބަރު 25) ދުވަހުގެ އިތުރުން އާ އަހަރުގެ ބަންދާ ދިމާކޮށް ގިނަ ބަޔަކު ޗުއްޓީ ނަގައި ދަތުރުކުރެ އެވެ.

އޮމިކްރޯން ބާވަތުގެ ކޮވިޑް ވައިރަސް ފެތުރުން އިތުރުވަމުން ދާތީ، ވިލާތުގެ ބައެއް ގައުމުތަކުގައި މިހާރު އަންނަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަ ކުރަމުންނެވެ. އެ ގޮތުން ނެދަލޭންޑްސް މިހާރު ވަނީ ޖެނުއަރީ 14ގެ ނިޔަލަށް ފުރަބަންދުކޮށްފަ އެވެ. ޖަރުމަނާއި ފްރާންސްގައި މިހާރު ވަނީ، އޮމިކްރޯން ފެތުރެމުންދާ ގައުމުތަކުން އަންނަ މީހުން، އެ ދެ ގައުމަށް އެތެރެވުން މަނާކޮށްފަ އެވެ.

އޮމިކްރޯން ބާވަތުގެ ކޮވިޑް ވައިރަހުން ރައްކާތެރިކަން ހޯދުމުގައި ބޫސްޓާ ޑޯޒެއްގެ ވެކްސިން ޖެހުން މުހިންމު ކަމަށް ސިއްހީ ތަޖުރިބާކާރުން ބުނަން ފެށުމާ ގުޅިގެން، ވިލާތުގެ ގިނަ ގައުމުތަކުގައި މިހާރު އަންނަނީ ބޫސްޓާ ޑޯޒް ޖެހުމަށް އާންމު ރައްޔިތުންނަށް ބާރު އަޅަމުންނެވެ.

ޑރ. ފައުޗީ ވިދާޅުވި ގޮތުގައި، އޮމިކްރޯން ބާވަތުގެ ކޮވިޑް ވައިރަސް މިހާރު ފެތުރެމުންދާ ހަލުވިމިނުގައި ފެތުރެން ކޮންޓްރޯލް ނުކުރެވިއްޖެ ނަމަ، އެ ގައުމުގެ ސިއްހީ ނިޒާމަށް އޮބިނޯންނަ ހާލަތަކަށް ކަންތައް ގޯސްވެދާނެ އެވެ. އެހެންކަމުން ވީހާ ގިނަ މީހުން ވެކްސިންގެ ޑޯޒްތައް ފުރިހަމަކޮށް، އާންމު ތަންތަނަށް ނުކުމެ އުޅޭއިރު، ގައިދުރުކަން ބެހެއްޓުމަށް އޭނާ އިލްތިމާސް ކުރެއްވި އެވެ.