Roadha Mihaaru
ފްރާންސާއި ނެދަލެންޑްސްއަށް ވެސް ފުރުސަތުތައް ބޭކާރު

ސައްހަ ލަނޑެއް ނުޖެހުނު، ފްރާންސާއި ނެދަލެންޑްސްގެ ފުރުސަތުތައް ބޭކާރު

22 ޖޫން 2024

ލައިޕްޒިގް (ޖޫން 22) – ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގުރޫޕް ޑީން، ދެވަނަ ބުރުގެ ޖާގަ ހޯދަން އެންމެ ބޮޑު ފަހި ފުރުސަތު އޮތް ދެ ޓީމު ކަމަށްވާ، ފްރާންސާއި ނެދަލެންޑްސް ކުޅުނު މެޗު ލަނޑެއް ނުޖެހި ނިމިއްޖެ އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ލައިޕްޒިގް (ޖޫން 22) – ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގުރޫޕް ޑީން، ދެވަނަ ބުރުގެ ޖާގަ ހޯދަން އެންމެ ބޮޑު ފަހި ފުރުސަތު އޮތް ދެ ޓީމު ކަމަށްވާ، ފްރާންސާއި ނެދަލެންޑްސް ކުޅުނު މެޗު ލަނޑެއް ނުޖެހި ނިމިއްޖެ އެވެ.

ދެ ޓީމުން ކުރެ އެއްވެސް ޓީމަކަށް ނަތީޖާ ނުނެރެވުމުން، ދެވަނަ ބުރުގެ ޖާގަ، އެ ގުރޫޕުން އެއްވެސް ޓީމަކަށް ކަށަވަރެއް ނުވެ އެވެ. އެ ދެ ޓީމުގެ ތެރެއިން ކޮންމެ ޓީމެއް މޮޅުވި ނަމަވެސް، އެ ޓީމަށް މިރޭ ދެވަނަ ބުރު ކަށަވަރުވީހެވެ.

މެޗު ފެށި ގޮތަށް ވެސް ފެނުނީ ނެދަލެންޑްސްގެ ހަމަލާއެކެވެ. ފުރަތަމަ މިނެޓްގައި އެ ޓީމުގެ ޖެރްމީ ފްރިމްޕޯންގަށް ރަނުގެ ފުރުސަތެއް ލިބުނެވެ. އޭނާގެ ހަމަލާ ކޯނަރަކަށް ބޭރަށް ދިޔައީ ފްރާންސްގެ ކީޕަރު މައިކް މެއިނަންގެ އަތުގައި ޖެހިފަ އެވެ.

މެޗުގައި އެންމެ ގިން ފުރުސަތު ލިބުނީ ފްރާންސްގެ އެންޓޮއިން ގްރީޒްމަނަށެވެ. ފުރަތަމަ ހާފުގައި އެކަނި ވެސް އޭނާ ފަސް ހަމަލާއެއް ފޮނުވާލި އެވެ. ދެވަނަ ހާފުގައި ވެސް އޭނާ އަށް ލިބުނު ފުރުސަތު އަދި މާ ތަނަވަހެވެ. އެކަމަކު ގޯލަށް ހަދާލެވޭ ވަރުގެ ބޯޅަ އަކަށް ނުވި އެވެ.

މީގެ ކުރިން އެއް މެޗެއްގައި އޭނާ، އެންމެ ގިނަ ހަމަލާ ފޮނުވާލީ މީގެ އަށް އަހަރު ކުރިން، އަމިއްލަ ބޭއްވި ޔޫރޯ 2016 ގެ ސެމީ ފައިނަލުގައި ޖަރުމަނާ ދެކޮޅަށެވެ. އެ މެޗުގައި ހަތް ހަމަލާ އޭނާ ފޮނުވާލި އެވެ.

މެޗުގައި، ނެދަލެންޑްސްގެ ގަޕްކޯ އަށް ވެސް ރަނގަޅު ފުރުސަތުތަކެއް ލިބުނެވެ.

ދެވަނަ ހާފުގައި ފްރާންސްގެ މާކޯސް ތުރާމް އާއި އުސްމާން ޑެމްބެލޭ އަށް ލިބުނު ފުރުސަތުތުތަކަކީ ލަނޑަކަށް ހަދާލެވޭނެ ވަރުގެ ފަހު ފުރުސަތުތަކެކެވެ.

މެޗުގެ 68 ވަނަ މިނެޓްގައި، ސައްހަ ލަނޑެއް ޖެހުނު ކަމަށް ހީކޮށް، ނެދަލެންޑްސްގެ ޒަވީ ސިމޯން އުފާފާޅު ވެސް ކުރި އެވެ. އެކަމަކު ލައިސްމަނާ ވާހަކަ ދެއްކުމަށް ފަހު ރެފްރީ ނިންމީ ލަނޑެއް ނޫން ކަމަށެވެ. އަދި ވީއޭއާރް މެދުވެރިކޮށް ވެސް ކަށަވަރު ކުރީ ސައްހަ ލަނޑެއް ނޫން ކަމަށެވެ.

އޭނާ ފޮނުވާލި ބޯޅަ ގޯލަށް ވައްދާލި ނަމަވެސް، ލަނޑެއް ނޫން ކަމަށް ރެފްރީ ފުރަތަމަ ނިންމި ހިސާބުން ފެށިގެން ސިމޯންސް ހުރީ މާޔޫސްވެފަ އެވެ.

މެޗުގެ ފަހުން ވަގުތު ފްރާންސްގެ އެޑްރިއަން ރަބިއޯ، ރަނގަޅު ބޯޅައެއް ނެދަލެންޑްސްގެ އޭރިއާގެ ތެރެއަށް ނަގައިދިނެވެ. އެކަމަކު އެ ބޯޅަ ފޮނުވާލެވޭ ހިސާބުގައި ފްރާންސްގެ އެއްވެސް ފޯވާޑެއް ނެތެވެ.