Roadha Mihaaru
ކޮވިޑް ވެކްސިން ޖެހުން ނޫން ގޮތެއް ނެތް: ޖަރުމަން

ކޮވިޑް ވެކްސިން ޖެހުން ނޫން ގޮތެއް ނެތް: ޖަރުމަން

23 ނޮވެމްބަރ 2021

މިހާރު މުޅި ދުނިޔެއަށް ފެތުރިފައިވާ ކޮވިޑް-19 ބަލިމަޑުކަމުން އަރައިގަންނަން ބޭނުން ނަމަ، ކޮވިޑުން ދިފާއުވުމުގެ ވެކްސިން ޖެހުން ނޫން ގޮތެއް ނެތް ކަމަށް، ޖަރުމަނު ސަރުކާރުން ބުނެފި އެވެ.

މިހާރު މުޅި ދުނިޔެއަށް ފެތުރިފައިވާ ކޮވިޑް-19 ބަލިމަޑުކަމުން އަރައިގަންނަން ބޭނުން ނަމަ، ކޮވިޑުން ދިފާއުވުމުގެ ވެކްސިން ޖެހުން ނޫން ގޮތެއް ނެތް ކަމަށް، ޖަރުމަނު ސަރުކާރުން ބުނެފި އެވެ.

ޖަރުމަން ވިލާތުގެ ސިއްހަތާ ބެހޭ ވަޒީރު ޖެންސް ސްޕާން ވިދާޅުވީ މިހާރު ފެށިފައިވާ މި އަހަރުގެ ފިނި މޫސުމުގެ ދުވަސްތައް ގުނަމުންދާ ވަރަކަށް، ކޮވިޑްގެ ހާލަތު ވިލާތުގެ ގައުމުތަކުގައި އިތުރަށް ގޯސްވަމުން ދާނެ ކަމަށެވެ.

"މި ފިނި މޫސުން ނިމޭއިރު، ޖަރުމަން ވިލާތުގައި އުޅޭ އެންމެން ތިބެންވީ ވެކްސިން ޖަހައި ރައްކާތެރިކަން ހޯދައިގެން، ނޫނީ ވެކްސިން ނުޖަހައި ތިބެ މަރުވެގެންދާންވީ،" ވެރިރަށް ބާލިންގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޖެންސް ވިދާޅުވި އެވެ.

ޖަރުމަން ވިލާތުގައި ވެސް މި އަހަރުގެ މެދުތެރެއިން ފެށިގެން އަންނަނީ ކޮވިޑް ވެކްސިން ޖަހަމުންނެވެ. ނަމަވެސް އާންމު ރައްޔިތުންގެ ފަރާތުން އެކަމަށް ލިބޭ ތަރުހީބު ކުޑަވުމުން، ކޮވިޑް ފެތުރޭ މިންވަރު މިހާރު އަންނަނީ އިތުރުވަމުންނެވެ.

އެ ގައުމުގައި ކޮވިޑް ފެތުރެން ފެށި ފަހުން، މިހާރު ދަނީ ކޮވިޑްގެ ހަތަރުވަނަ ރާޅު ފެތުރެމުންނެވެ. އަލަށް ބަލި ޖެހޭ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެ، ގިނަ ހޮސްޕިޓަލްތައް ވަނީ ފުރިފަ އެވެ. އަދި ބަލީގައި ހާލު ބޮޑުވާ މީހުންގެ ނިސްބަތް ވެސް އަންނަނީ މަތިވަމުންނެވެ.

ހުޅަނގު ޔޫރަޕްގެ ގައުމުތަކުގެ ތެރެއިން ޖަރުމަން ވިލާތަކީ، ވެކްސިން ޖަހާ ނިސްބަތް އެންމެ ދަށް އެއް ގައުމެވެ. އެ ގައުމުގައި މިހާތަނަށް ކޮވިޑް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރީ އެންމެ 68 ޕަސެންޓް މީހުންނެވެ. އަދި ބަލިޖެހޭ މީހުންގެ އަދަދު ދުވަހުން ދުވަހަށް އެންމެ ބޮޑަށް އިތުރުވަމުން ދަނީ ވެސް ޖަރުމަން ވިލާތުގަ އެވެ.

އެ ގައުމުގައި މިދިޔަ ހަފުތާގެ ތެރޭގައި އަލަށް ކޮވިޑް ބަލި ޖެހޭ މީހުންގެ އެވްރެޖް އަދަދަކީ ދުވާލަކަށް 700 މީހުންނެވެ. ނަމަވެސް މިދިޔަ 24 ގަޑިއިރުގެ ތެރޭގައި، އެ އަދަދު ވަނީ 30،643 އަށް މަތިވެފަ އެވެ. މިއީ މުޅި ދުނިޔޭގެ ނިސްބަތުން ބަލާއިރު ވެސް އަލަށް މި ބަލި ޖެހޭ އެންމެ މަތީ ރޭޓެވެ.

ވިލާތުގެ ގައުމުތަކުގައި ކޮވިޑް ފެތުރޭ މިންވަރު ފިނި މޫސުމުގައި އިތުރުވާން ފެށުމާ އެކު، ބައެއް ގައުމުތަކުގައި މިހާރު ވަނީ ކޮވިޑް ވެކްސިން ޖެހުން މަޖުބޫރު ކޮށްފަ އެވެ. އެކަމާ ދެކޮޅަށް ހުޅަނގު ޔޫރަޕްގެ ބައެއް ގައުމުތަކުގައި މިހާރު އަންނަނީ މުޒާހަރާ ކުރަމުންނެވެ.

"އަޅުގަނޑުވެސް އަމިއްލަ ހައިސިއްޔަތުން ދެކޭ ގޮތުގައި ކޮވިޑް ވެކްސިން ޖެހުން މަޖުބޫރު ކުރުމާ ދެކޮޅު. ނަމަވެސް އެކަން ނުކުރުމުގެ ސަބަބުން އާންމު ރައްޔިތުންނަށް ލިބޭ ގެއްލުމަށް ބަލާއިރު، ކޮވިޑް ވެކްސިން ޖެހުމަކީ އަހުލާގީ ގޮތުން މަޖުބޫރު ކަމެއް. މިނިވަންކަމުގެ މާނައަކީ މަސްއޫލިއްޔަތުތަކެއް އަދާކުރުން. އަދި ވެކްސިން ޖެހުމަކީ އާންމު ރައްޔިތުންނަށްޓަކައި އަދާކުރަންޖެހޭ ވާޖިބެއް،" ޖޭންސް ވިދާޅުވި އެވެ.