Roadha Mihaaru
ދެ ބާރުގެ ވެރިން ދިރިއުޅުއްވާނެ ތަނެއްދޭން ފާސްކޮށްފި

މަޖިލީހުގެ ރައީސާއި އުއްތަމަ ފަނޑިޔާރު ދިރިއުޅުއްވާނެ ތަނެއް ދޭން ފާސްކޮށްފި

21 ޖޫން 2021

ރައްޔިތުންގެ މަޖިލީހުގެ ރައީސާއި އުއްތަމަ ފަނޑިޔާރު ދިރިއުޅުއްވާނެ ތަނެއް ދައުލަތުން ހަމަޖައްސައިދޭ ގޮތަށް ދެ ގާނޫނަކަށް ބަދަލު ގެންނަން ސަރުކާރުން ހުށަހެޅި ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ރައްޔިތުންގެ މަޖިލީހުގެ ރައީސާއި އުއްތަމަ ފަނޑިޔާރު ދިރިއުޅުއްވާނެ ތަނެއް ދައުލަތުން ހަމަޖައްސައިދޭ ގޮތަށް ދެ ގާނޫނަކަށް ބަދަލު ގެންނަން ސަރުކާރުން ހުށަހެޅި ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް ދިރިއުޅުއްވާނެ ތަނެއް ދައުލަތުން ހަމަޖައްސައިދޭ ގޮތަށް، ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނު އަދި އުއްތަމަ ފަނޑިޔާރު ދިރިއުޅުއްވާނެ ތަނެއް ހަމަޖައްސައިދޭން، ފަނޑިޔާރުންގެ ގާނޫނަށް ބަދަލު ގެންނަން ސަރުކާރުން ހުށަހެޅީ ދައުލަތުގެ ތިން ބާރުގެ ވެރިންގެ ސަލާމަތީ ކަންތައްތައް ބެލެހެއްޓުން މިހާރަށް ވުރެ ފަސޭހަ ކުރުމަށެވެ. އެގޮތަށް ސަރުކާރުން ހުށަހެޅީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން މިދިޔަ މަހު ދިން ބޮމުގެ ހަމަލަ އަށް ފަހު އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ ދެބިލު ވެސް ފާސްކުރީ ސަލާމަތީ ހިދުމަތްތަކުގެ ކޮމިޓީ (241 ކޮމިޓީ) އިން އެ ދެ ބިލު ދިރާސާކޮށް ނިންމި ގޮތަށެވެ. އެ ދެ ބިލު ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓް މިއަދުގެ ޖަލްސާއަށް ހުށަހަޅައި ބަހުސްކުރި އިރު، އެއްވެސް މެމްބަރަކު އެއިން ބިލަކަށް އިސްލާހެއް ހުށަހަޅުއްވާފަ އެއް ނުވެ އެވެ.

ރިޕޯޓް ފާސްކުރީ މިއަދުގެ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 56 މެމްބަރުންގެ އިއްތިފާގުންނެވެ.

މިއަދު ހުށަހެޅި ރިޕޯޓްތަކުގައިވާ ގޮތުން ދެބިލަށް ވެސް ކޮމިޓީން ގެނެސްފައި އޮތީ ކުދިކުދި ބަދަލުތަކެކެވެ.

އެގޮތުން ގެނައި ބަދަލުތަކުގެ ތެރޭގައި "ރަސްމީ ގެކޮޅު" ގެ ބަދަލުގައި "ދިރިއުޅުއްވާނެ ތަނެއް" މި ގޮތަށް ބަދަލުކުރުން ހިމެނެ އެވެ. ބިލްތަކަށް ގެނައި އަނެއް ބަދަލަކީ އެ ތަނުގައި އުއްތަމަ ފަނޑިޔާރު އަދި މަޖިލީހުގެ ރައީސްގެ އަރިހުގައި ދިރިއުޅުއްވޭނެ ބޭފުޅުން ކަނޑައަޅާފައިވާ މާއްދާ އަށް އަަކުރެއް އިތުރުކޮށް އެކަން އިތުރަށް ތަފުސީލު ކުރުމެވެ.

ސަރުކާރުން ބިލުތައް ހުށަހެޅި އިރު އޮތީ އުއްތަމަ ފަނޑިޔާރު އަދި މަޖިލީހުގެ ރައީސް ގެ ވެސް ބޭފުޅުންނާއި މައިންބަފައިން އަދި އަނބި/ފިރިންނަށް ގެކޮޅުގައި ދިރިއުޅުއްވޭނެ ކަމަށެވެ. ކޮމިޓީން އިތުރުކުރި އަކުރުގައި އޮތީ އުމުރުން 18 އަހަރު ނުވާ ބޭފުޅުންނާއި 18 އަހަރު ފުރުނު ނަމަވެސް ނުކުޅެދުންތެރިކަން ހުންނަ ބޭފުޅުންނާއި ކައިވެނި ނުކުރައްވާ ބޭފުޅުންނަށް ވެސް ގެކޮޅުގައި އުޅުއްވޭނެ ކަމަށެވެ.

ރިޕޯޓް ހުށަހަޅުއްވަމުން 241 ކޮމިޓީގެ މުގައްރިރު އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވީ އެގޮތަށް ބަދަލުކުރީ ރައީސުލް ޖުމްހޫރިއްޔާ ދިރިއުޅުއްވާ ރަސްމީ ގެކޮޅާ ބެހޭ ގޮތުން ގާނޫނުގައި އޮންނަ މާއްދާ އަށް އެއްގޮތް ކުރުމަށް ކަމަށެވެ.