Roadha Mihaaru
ޔާމީން ދޫކޮށްލުމުން ފެނުނީ ޝަރުއީ ނިޒާމްގެ މިނިވަންކަން

ޔާމީން ދޫކޮށްލުމުން ފެނުނީ ޝަރުއީ ނިޒާމް މިނިވަންވަމުން އަންނަ ތަން: ނަޝީދު

30 ނޮވެމްބަރ 2021

މަނީ ލޯންޑްރިންގެ ކުށުގައި ފަސް އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމް ކުރި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ހުކުމް ސުޕްރީމް ކޯޓުން މިއަދު ބާތިލްކޮށް އެމަނިކުފާނު ދޫވުމުން ފެނުނީ ރާއްޖޭގެ ޝަރުއީ ނިޒާމް މިނިވަންވަމުން އަންނަ ތަން ކަމަށް ރައްޔިތުންގެ މަޖިލީހުުގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

މަނީ ލޯންޑްރިންގެ ކުށުގައި ފަސް އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމް ކުރި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ހުކުމް ސުޕްރީމް ކޯޓުން މިއަދު ބާތިލްކޮށް އެމަނިކުފާނު ދޫވުމުން ފެނުނީ ރާއްޖޭގެ ޝަރުއީ ނިޒާމް މިނިވަންވަމުން އަންނަ ތަން ކަމަށް ރައްޔިތުންގެ މަޖިލީހުުގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުން ކުރިއަށްގެންދިޔަ "އާސްކް ސްޕީކާ" ޕްރޮގްރާމްގައި ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ނަޝީދު ވިދާޅުވީ ޝަރުއީ ނިޒާމު މިނިވަން ވަަމުން އަންނަކަން، މިއަދުގެ ހުކުމަށް ފަހު ގިނަ ބަޔަކު ގަބޫލުކުރަން ފަށާފައިވާ ކަމަށެވެ. ޝަރުއީ ނިޒާމު މިނިވަން ވަމުން އަންނަނީ ޖުޑިޝަލް ސާވިސް ކޮމިޝަނުން ވެސް ރަނގަޅު މަސައްކަތްތަކެއް ކުރަމުން އަންނާތީ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

" އަޅުގަނޑަށް ފެންނަ ގޮތުގައި ޝަރުއީ ނިޒާމު މިނިވަން ވަމުން އަންނަތަން އަޅުގަނޑުމެންނަށް މި ފެނިގެން ދަނީ،" ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ މީގެ ކުރިން ވެރިކަން ކުރައްވާފައިވާ ބޭފުޅުންނަށް ގިނަ ފަހަރު ވެފައިވާ ގޮތަކީ ރާއްޖޭން ބޭރުގައި އުޅުއްވަން ޖެހިވަޑައިގަތުން ނުވަތަ އަވަހާރަވަންދެން ބަންދުގައި ހުންނަވަން ޖެހިވަޑައިގަތުން ކަމަށެވެ. ޔާމީން މިނިވަންކުރަން ސުޕްރީމް ކޯޓުގެ މިއަދުގެ ނިންމުމަކީ ވޭތުވެދިޔަ 2،000 އަހަރުގެ ތެރޭގައި ވެސް މިފަދަ ގޮތަކަށް ނިމުނު ފުރަތަމަ މައްސަލަ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"ދެން މީގެއިން ނުކުންނަ ނަތީޖާއަކީ، މިނިވަން ވެގެން ދަނީ ކޮން ބޭފުޅެއްތޯ، އަޅުގަނޑުމެންގެ ތެރެއިން ބައެއް ބޭފުޅުންނަށް އެއީ އެބޭފުޅުން އެންމެ އެދޭ ގޮތަށް ނުވެދާނެ. އަދި އަޅުގަނޑުމެންގެ ތެރެއިން އަނެއް ބަޔަކު ވަރަށް އެދޭ ގޮތަކަށް ވެދާނެ،" ނަޝީދު ވިދާޅުވި އެވެ.

އެހެން ނަމަވެސް ޝަރީއަތެއް ރަނގަޅަށް ކޮށްގެން ގަޒިއްޔާއެއް ރަނގަޅަށް ނިންމުމަކީ މުޅި ރާއްޖެއަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ނަޝީދު ވިދާޅުވި އެވެ. ޝަރުއީ ނިޒާމު މިގޮތަށް މިނިވަން ވެގެން އައުމަކީ ދިވެހިން އެކަމާ އުފާވާނެ ކަމަށް ކަމަށް ދެކެވަޑައިގަންނަވާ ކަމަށާއި އެއީ ދިވެހިން އެެދޭ ގޮތް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ޔާމީނު މިނިވަން ވުމުން އެމަނިކުފާނާ އެކުގައި ސިޔާސީ ގޮތުން މަސައްކަތްކުރައްވާނީތޯ ނުވަތަ އެހެން ދައުވާއެއްކޮށް ޖަލުގައި ބަހައްޓަވާނީތޯ ވެސް ކުރި ސުވާލަށް ނަޝީދު ޖަވާބެއް ނުދެއްވަ އެވެ.

ދައުލަތުން އުފުލި މަނީ ލޯންޑްރިންގެ ދައުވާ ސާބިތުވެ ޔާމީން ފަސް އަހަރަށް ޖަލަށް ލައި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކުރީ ނޮވެމްބަރު، 28، 2019ގަ އެވެ.

އެ ދައުވާ ކުރީ އެ މަނިކުފާނުގެ ނަމުގައި އޮތް އެކައުންޓަކަށް އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ދައުރުކުރި ކަމަށް ތުހުމަތު ކުރެވޭ އެސްއޯއެފުން ޖަމާކުރި މައްސަލައިގަ އެވެ. އެ ފައިސާ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާ އެކު ހެދި އެސްކްރޯ އެކައުންޓެއްގައި ބެހެއްޓުމަށް އެ މަނިކުފާނު އެއްބަސްވެ ވަޑައިގަތުމަށް ފަހު، އެހެން ފައިސާތަކެއް އެސްކްރޯ އެކައުންޓަށް ޖަމާކޮށް އަދި އެސްއޯއެފުން ޖަމާކުރި ފައިސާ އިސްލާމިކް ބޭންކްގެ ޖެނެރަލް އިންވެސްޓްމަންޓް އެކައުންޓަކަށް ބަދަލުކޮށް، އޭގެ އަސްލު އޮޅުވައިލި ކަމަށް ބުނެ އެވެ.

ސުޕްރީމް ކޯޓުން އިއްވި ހުކުމުގައި ބުނީ ޔާމީން ޖަލަށް ލުމަށް ހުކުމްކުރުމުގައި އަސްލަކަށް ބެލި، ވޮޑަމުލާގެ ފައިސާ އެސްއޯއެފަށް ޖަމާވިކަމާ މެދު ޝައްކު އުފެދޭ ކަމަށެވެ. މައްސަލަ ދިރާސާކުރި އިރު، އެމްއެމްޕީއާރްސީގެ ކުރީގެ އެމްޑީ އަބްދުﷲ ޒިޔާތުގެ މައްޗަށް ޚިޔާނާތުގެ ކުށް ސާބިތުވެފައި ވަނީ އެސްއޯއެފަށް ޖަމާވި ވޮޑަމުލާގެ ޗެކްކަން ވަނީ އެނގިފައި ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ. ނަމަވެސް ޔާމީންގެ މައްސަލާގައި މި ޗެކް ހުށަހަޅައިފައެއް ނުވެ އެވެ.

ސުޕްރީމް ކޯޓުގައި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރި ހުކުމުގައި އެންމެ މުހިންމު ކަމެއްގެ ގޮތުގައި ފާހަގަ ކުރީ، ވޮޑަމުލާގެ ފައިސާ އެސްއޯއެފަށް ޖަމާކުރި ކަމަށް ބުނާ ޗެކް ނަންބަރު ދިމާނުވާތީ ޔާމީންގެ އެކައުންޓަށް ޖަމާވީ ދައުލަތުގެ ފައިސާ ކަމާ މެދު ޝައްކު އުފެދޭ ހާލަތެއް އޮތުމެވެ.