ރައްޔިތުންގެ މަޖިލީހުގެ ރައީސާއި އުއްތަމަ ފަނޑިޔާރުގެ ރަސްމީ ގެކޮޅު ހަރަދުގެ ގޮތުގައި 12 މިލިއަން ރުފިޔާ އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިފި އެވެ.
31 އޮކްޓޯބަރ 2021
ރައްޔިތުންގެ މަޖިލީހުގެ ރައީސާއި އުއްތަމަ ފަނޑިޔާރުގެ ރަސްމީ ގެކޮޅު ހަރަދުގެ ގޮތުގައި 12 މިލިއަން ރުފިޔާ އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިފި އެވެ.
މަޖިލިސް ރައީސް މުހައްމަދު ނަޝީދާއި އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން ދިރިއުޅުއްވާނެ ރަސްމީ ގެކޮޅެއް ދައުލަތުން ހަމަޖައްސައިދޭ ގޮތަށް ގާނޫނަށް މި އަހަރުގެ ތެރޭގައި ވަނީ ބަދަލު ގެނެސްފަ އެވެ. މިގޮތަށް ހަމަޖެއްސީ މަޖިލިސް ރައީސް ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާއާ ގުޅިގެންނެވެ.
ބަޖެޓުގައި މަޖިލީހުގެ ރައީސްގެ ގެކޮޅުގެ ހަރަދަށް 6.8 މިލިއަން ރުފިޔާ ހިމަނާފައިވެ އެވެ. ދާއިމީ ގެކޮޅެއް އިމާރާތް ކުރެވެންދެން އެމަނިކުފާނު ދިރިއުޅުއްވަން ވަގުތީ ގެކޮޅުގެ ގޮތުގައި މުރައިދޫގެ އަންނަނީ މަރާމާތުކުރަމުންނެވެ.
ބިއުރޯ ހިދުމަތްތައް: 1،293،136ރ.
ކޯޕަރޭޓް ހިދުމަތްތައް: 3،210،812
ހައުސްހޯލްޑް ހިދުމަތްތައް: 2،357،668
އުއްތަމަ ފަނޑިޔާރުގެ ރަސްމީ ގެކޮޅަށް 5.3 މިލިއަން ރުފިޔާ ކަނޑައަޅާފައިވެ އެވެ. ދާއިމީ ގެކޮޅެއް އިމާރާތްކުރެވެންދެން އެމަނިކުފާނު ވަގުތީގޮތުން ދިރިއުޅުއްވާ ގޮތަށް ހަމަޖައްސާފައި ވަނީ ރެހެންދި ފްލެޓުގަ އެވެ.
ބިއުރޯގެ ހިދުމަތްތައް: 280،000ރ.
ކޯޕަރޭޓް ހިދުމަތްތައް: 3،799،003ރ.
ހައުސްހޯލްޑް ހިދުމަތްތައް: 1،315،830
ދެ ބާރުގެ ވެރިންނަށް ވަގުތީ ގެކޮޅުގެ ހަރަދު ބަޖެޓުގައި ހިމަނާފައިވާ އިރު ދާއިމީ ގެކޮޅު އިމާރާތް ކުރުމުގެ އިދާރީ މަސައްކަތްތައް ވެސް ކުރިއަށް އެބަދެ އެވެ.
މަޖިލީހުގެ ރައީސްގެ ގެކޮޅު އަޅަނީ ސުޕްރީމް ކޯޓު ކުރިމަތީގައި އޮންނަ ދަންޑަހެލު ގޭގެ އެވެ. އުއްތަމަ ފަނޑިޔާރުގެ ގެކޮޅު އަޅަނީ ކުރީގެ ސްކައުޓް އެސޯސިއޭޝަން ހިންގި އިމާރާތުގަ އެވެ. ގާނޫނަށް ގެނައި އިސްލާހުގައިވާ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސާއި އުއްތަމަ ފަނޑިޔާރަށް ދައުލަތުން ހަމަޖައްސައިދޭ ރަސްމީ ތަންތަނަކީ ސަލާމަތީ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އެޅޭނެ ތަނަކަށް ވާން ޖެހޭނެ އެވެ.
އެ ތަންތަނުގެ ސަލާމަތީ ކަންތައްތައް ބަލަހައްޓަން ޖެހޭނީ ސިފައިން ކަމަށާއި މަޖިލީހުގެ ރައީސާއި އުއްތަމަ ފަނޑިޔާރަށް ދޭންޖެހޭ ރައްކާތެރިކަން ސިފައިން ހަމަޖައްސައިދޭން ޖެހޭ ކަމަށް ވެސް ގާނޫނުގައިވެ އެވެ. މަޖިލީހުގެ ރައީސާއި އުއްތަމަ ފަނޑިޔާރާއި އެ ބޭފުޅުންގެ އާއިލާ ދިރިއުޅުއްވުމަށް ކަނޑައަޅާ ރަސްމީ ގެކޮޅަށް ބޭނުންވާ މުވައްޒަފުންނާއި ތަނުގެ ހަރަދު ވެސް ބަލަހައްޓަން ޖެހެނީ ދައުލަތުން ކަމަށް ގާނޫނުގައިވެ އެވެ.
ރާއްޖޭގެ ކުރީގެ ރައީސުންގެ އިނާޔަތުގެ ގޮތުގައި ބަޖެޓުގައި 3.3 މިލިއަން ރުފިޔާ ކަނޑައަޅާފައިވެ އެވެ.
ކުރީގެ ރައީސުންގެ ތެރެއިން މައުމޫން އަބްދުލްގައްޔޫމަށް މާލީ އިނާޔަތުގެ ގޮތުގައި މަހަކު 75،000ރ. އަދި ދިރިއުޅުއްވާ ތަނުގެ ހަރަދަށް 50،000ރ. ހިމަނާފައިވެ އެވެ.
ނަޝީދަށް ކަނޑައަޅާފައި ވަނީ މާލީ އިނާޔަތުގެ ގޮތުގައި، 50،000ރ. އަދި ދިރިއުޅުއްވާ ތަނުގެ ހަރަދަށް 50،000ރ. އެވެ.
ކުރީގެ ރައީސް މުހައްމަދު ވަހީދު ހަސަން މަނިކަށް ބަޖެޓުގައި ކަނޑައަޅާފައި ވަނީ ދިރިއުޅޭ ތަނުގެ ހަރަދު އެކަންޏެވެ. އެއީ 50،000ރ. އެވެ.
ރައީސްކަން ކުރައްވާފައިވާ ބޭފުޅުންނަށް އިނާޔަތް ދިނުމާ ބެހޭ ގާނޫނުގެ ދަށުން އެއް ދައުރު ރައީސް ކުރައްވާފައިވާ ބޭފުޅުންނަށް މަހަކު 50،000ރ. ގެ އިނާޔަތެއް ދޭން ޖެހޭއިރު، އެއް ދައުރަށް ވުރެ ގިނަ ދުވަހުު ރައީސް ކަން ކުރައްވާފައިވާ ބޭފުޅުންނަށް މަހަކު 75،000ރ. ގެ އިނާޔަތެއް ދައުލަތުން ދޭންޖެހެ އެވެ. އަދި ދިރިއުޅުއްވާ ތަނުގެ ޚަރަދަށް އިތުރު 50،000ރ. ދިނުމުގެ އިތުރަށް މުޖްތަމައުއަށް ފައިދާހުރި މަސައްކަތެއް ކުރައްވާ ނަމަ، އޮފީސް ހިިންގުމުގެ ޚަރަދަށް ވެސް މަހަކު 175،000ރ. އާ ހަމައަށް ދައުލަތުން ފައިސާ ދޭންޖެހެ އެވެ.
ދެބާރުގެ ވެރިންނަށް ވަގުތީ ގެކޮޅު ހަމަޖައްސައިފި
ދެބާރުގެ ވެރިންނަށް ރަސްމީ ގެކޮޅެއް ހަމައެއްނުޖެހޭ
ދެ ބާރުގެ ވެރިން ދިރިއުޅުއްވާނެ ތަނެއްދޭން ފާސްކޮށްފި
ދެބާރުގެ ވެރިންނަށް ގެ ހަމަޖައްސަން ކޮމިޓީން ފާސްކޮށްްފި
ދެ ބާރުގެ ވެރިންނަށް ގެކޮޅު ހަމަޖައްސާ ބިލް މަޖިލީހަށް
ބަޖެޓް ހުށަހެޅުނު ކަމާ މެދު ބަހުސެއް އެބައޮތްތަ؟
ޖަލްސާ ފެށިޔަ ނުދީ އިހުތިޖާޖު ކުރަނީ!
ނަޝީދުގެ މައްސަލައިގެ ބަދަލުގައި ދެ ބަޖެޓް ހުށަހެޅުން
ބަޖެޓަށް ވޯޓަށް އެހުން ހޯމަ ދުވަހު
އާ ބަޖެޓާއެކު ގައުމު ބަނގުރޫޓުވުމުގެ ބިރު އެބައޮތް!