Roadha Mihaaru
ބައެއް އެެކްޓަރުން ތަރިންނަށް ވީ އަހަރެންގެ އަޑުން: އަބިޖީތު

ބައެއް އެެކްޓަރުން ތަރިންނަށްވީ އަހަރެންގެ ލަވަތަކުން: އަބިޖީތު

22 ޖޫން 2021

ބައެއް އެކްޓަރުން ތަރިންނަށްވީ އެ މީހުންގެ ފިލްމުތަކަށް އޭނާ ކިޔައިދިން ލަވަތަކުން ކަމަށް ބުނެ ބޮލީވުޑްގެ ލަވަކިޔުންތެރިޔާ އަބިޖީތު ބަޓަޗާރިއާ އަމިއްލަ އަށް ކްރެޑިޓްގައި ނަގައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ބައެއް އެކްޓަރުން ތަރިންނަށްވީ އެ މީހުންގެ ފިލްމުތަކަށް އޭނާ ކިޔައިދިން ލަވަތަކުން ކަމަށް ބުނެ ބޮލީވުޑްގެ ލަވަކިޔުންތެރިޔާ އަބިޖީތު ބަޓަޗާރިއާ އަމިއްލަ އަށް ކްރެޑިޓްގައި ނަގައިފި އެވެ.

މަގުބޫލު އެތައް ލަވައެއް، މަޝްހޫރު އެތައް ތަރިންނެއްގެ ފިލްމުތަކަށް ކިޔައިދީފައިވާ އަބިޖީތަކީ 1990 އާއި 2000 ކުރީކޮޅާ ހަމައަށް ބޮލީވުޑްގެ އެންމަ މަޝްހޫރު އަދި އެންމެ ޑިމާންޑް ބޮޑު އެއް ފިރިހެން ބެކްމިއުޒިކް ލަވަކިޔުންތެރިޔާ އެވެ. އެ ދުވަސްވަރު ދެން އެންމެ މަޝްހޫރު ފިރިހެން އަޑުތަކުގެ ތެރޭގައި ހިމެނެނީ ކުމާރު ސާނޫ އާއި އުދިތު ނާރަޔަން އެވެ.

ޝާހްރުކް ޚާންގެ ވަރަށް ގިނަ ފިލްމުތަށް އަބިޖީތު ލަވަކިޔައި ދީފައިވާ އިރު، ގިނަ ބަޔަކު ބުނާ ގޮތުން ޝާހްރުކާ އެންމެ ގުޅެނީ ވެސް އަބިޖީތުގެ އަޑެވެ.

އިންޑިއާ.ކޮމް އަށް ދިން އިންޓަވިއުއެއްގައި އަބިޖީތު، 62، ބުނީ ޝާހްރުކް ޚާނާއި ސުނިލް ޝެޓީ އެކްޓަރުން ތަރިންނަށް އެކްޓަރުންނަށް ތަރިންނަށް ވުމުގައި މީހުންގެ ފިލްމުތަކަށް އޭނާ ކިޔައިދިން ލަވަތަކުގެ ހިއްސާ ވަރަށް ބޮޑު ވާނެ ކަމަށެވެ. އެހެންވެ އޭނާ އަކީ ތަރިންނަށް ލަވަކިޔައިދޭ ފަންނާނެއް ކަމަށާއި އޭނާ އަކީ މިހާރު އެކްޓަރުންނަށް ލަވަކިޔައިދޭ މީހެއް ނޫން ކަމަށް ބުންޏެވެ.

"ތަރިންނަށް ނޫނީ ލަވަކިޔުމަކީ މިހާރަކު ވޯތުކަމެއް ވެސް ނޫން. އަހަރެން ކިތަންމެ ރީއްޗަށް އެކްޓަރަކަށް ލަވައެއް ކިޔައިދިނަސް އޭނާ އަކީ ތަރިއަކަށް ނުވާ ނަމަ އެ ލަވައަކަށް ލިބެންވާ އަސްލު މަގާމެއް ވެސް ނުލިބޭ،" އަބިޖީތު ބުންޏެވެ. "ނިކަން ބަލާލަބަލަ ޝާހުކްރުކާއި ސުނިލް ޝެޓީ އަށް. އެ މީހުންގެ ފިލްމުތަކަށް އަހަރެން ކިޔައިދިން ކޮންމެ ލަވަ އަކީ ސުޕަހިޓް އެއްޗެހިި."

އޭނާ ބުނީ އަކްޝޭ ކުމާރު ވެސް އެކްޓަރަކުން ތަރިއަކަށް ބަދަލުވީ އޭނާގެ ފިލްމުތަކަށް ކިޔައިދިން ލަވަތަކާ ހެދި ކަމަށެވެ. އެގޮތުން 1992 ގެ "ކިލާޅީ" އަށް އަބިޖީތު ކިޔައިދިން "ވާދާ ރަހާ ސަނަމް" އަކީ އޭނާގެ އަޑާ އެކު، އަކްޝޭގެ މަގުބޫލުކަން ވަރަށް ބޮޑުވި ލަވައެކެވެ.

"ކިލާޅީ އަށް ފަހު އަކްޝޭގެ ކިލާޅީގެ ސީރީޒްގެ ހުރިހާ ފިލްމަކަށް އަހަރެން ވާނެ ލަވަ ކިޔާފައި. ކިލާޅީ ސީރީޒް އެއްޗަކަށް ވަނީ ވެސް އަހަރެންގެ އަޑާ އެކު،" އަބިޖީތު ބުންޏެވެ.

އޭނާ ބުނީ އަކްޝޭ އަށް ލަވަ ކިޔައި ދިނުމުގެ ގޮތުން ގިނަ ބަޔަކު އޭނާ ސިފަކުރީ ""ގަރީންބޯ ކާ މިތުން ޗަކްރަބަތީ" ގެ ގޮތުގައި ކަމަށެވެ.

"އެއީ މިތުންގެ ކެރިއަރުގެ ކުރީކޮޅު އޭނާ އަށް ދިމާއަށް މީހުން ގަރީބޯން ކާ އަމީތާބް ބައްޗަން [ފަގީރުންގެ އަމީތާބް] އާ ކިޔައި އުޅުނު ގޮތަށް. ބުނަން މިއުޅޭ އެއްޗަކީ ލަވަކިޔުންތެރިޔަކު ތަރިއަކަށްވުމުގައި އޭނާ އަށް ލަވަކިޔައިދޭ ފަންނާނެއްގެ ދައުރު ވަރަށް ވެސް ބޮޑޭ." އަބިޖީތު ބުންޏެވެ.

ކުރިން ހިންދީ ސިނަމާގައި އެންމެ މަގުބޫލަކީ އެއް ފިރިހެން އަޑަކީ އަބިޖީތު ކަމަށް ވިޔަސް މިހާރު ހާލަކުން ފަހަރަކު ނޫނީ ފިލްމަކަށް ލަވައެއް ކިޔައިދޭކަށް އޭނާ އަށް ފުރުސަތެއް ނުލިބެ އެވެ. އަދި މި ފަހަކަށް އައިސް ބަހުރުވަ ހުންނަ ގޮތުން ވަރަށް ގިނަ ބައެއްގެ ފާޑުކިޔުންތައް އަބިޖީތަށް އަމާޒުވެފައިވެ އެވެ. އޭނާ މިހާތަނަށް 1،000 އަށް ވުރެ ގިނަ ފިލްމަށް 6،000 އަށް ވުރެ ގިނަ ލަވަ ކިޔައި ދީފައިވެ އެވެ.

އަބިޖީތަކީ އަމިއްލަ އަލްބަމްތަކެއް ވެސް ނެރެފައިވާ ފަންނާނެކެވެ.