Roadha Mihaaru

ޕަރޭޝް "ހީރާ ޕޭރީ 3" ނުކުޅެން ނިންމުމުން އަކްޝޭ އޭނާއަށް ދައުވާކުރަނީ

ބޮލީވުޑްގެ މަޝްހޫރު ކޮމެޑީ ފިލްމު ސީރީޒް "ހީރާ ޕޭރީ"ގެ ތިންވަނަ ބައި ނުކުޅެން އެ ފިލްމުގެ ލީޑު އެކްޓަރުންގެ ތެރޭގައި ހިމެނޭ ޕަރޭޝް ރާވަލް ނިންމުމާ ގުޅިގެން އޭނާއާ ދެކޮޅަށް ދައުވާކުރަން އަކްޝޭ ކުމާރް ނިންމައިފި އެވެ.

"ހީރާ ޕޭރީ 3" ނުކުޅެން ނިންމުމުން ދައުވާކުރަނީ

ބޮލީވުޑްގެ މަޝްހޫރު ކޮމެޑީ ފިލްމު ސީރީޒް "ހީރާ ޕޭރީ"ގެ ތިންވަނަ ބައި ނުކުޅެން އެ ފިލްމުގެ ލީޑު އެކްޓަރުންގެ ތެރޭގައި ހިމެނޭ ޕަރޭޝް ރާވަލް ނިންމުމާ ގުޅިގެން އޭނާއާ ދެކޮޅަށް ދައުވާކުރަން އަކްޝޭ ކުމާރް ނިންމައިފި އެވެ.

އަކްޝޭއަކީ އެ ފިލްމުގެ އެއް ޕްރޮޑިއުސަރެވެ.

ރިޕޯޓްތައް ބުނި ގޮތުގައި، އެއްވެސް މަޝްވަރާއެއް ކުރުމަކާ ނުލައި ޕަރޭޝް އެ ފިލްމު ދޫކޮށްލުމުން ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް އަކްޝޭ މިހާރު ވަނީ ޕަރޭޝްގެ މައްޗަށް ދައުވާކުރަން ނިންމައި ނޯޓިސް އިއްޔެ ފޮނުވައިފަ އެވެ. އެ ފިލްމު ކުޅެން ހެދި ކޮންޓްރެކްޓާ ޕަރޭޝް ޚިލާފުވެފައި ވާތީ ބަދަލުގެ ގޮތުގައި 25 ކްރޯޑް ރުޕީސް ނަގައިދޭން އަކްޝޭ ކޯޓުގައި އެދިފައިވެ އެވެ.

އެ ފިލްމު ނުކުޅެން ނިންމިކަން ޕަރޭޝް ވަނީ ބައެއް ނޫސްތަކަށް މިދިޔަ ހޯމަ ދުވަހު ކަށަވަރުކޮށްދީފަ އެވެ. ނަމަވެސް، ފިލްމު ނުކުޅެން ނިންމި ސީދާ ސަބަބު ނުބުނެ ޕަރޭޝް ބުނީ އެ ފިލްމުގެ "މާ މުހިންމު ބައިވެރިޔަކަށް" އޭނާ މިހާރު ނުވާ ކަމަށެވެ.

ބައެއް ނޫސްތަކުން ރިޕޯޓްކުރި ގޮތުގައި، ޕަރޭޝް އެ ފިލްމު ދޫކޮށްލީ އޭނާގެ ރޯލާ މެދުގައި ހިތްހަމަނުޖެހިގެންނެވެ.

"ހީރާ ޕޭރީ"ގެ ލީޑު އެކްޓަރުގެ ތެރޭގައި ހިމެނެނީ ޕަރޭޝްގެ އިތުރުން އަކްޝޭ އާއި ސުނިލް ޝެޓީ އެވެ.

ޕަރޭޝް އެ ފިލްމު ނުކުޅެން ނިންމުމާ އެކު، ސުނިލް އިއްޔެ ބައެއް މީޑިއާތަކަށް ބުނީ އެއީ އޭނާއަށް ވެސް ލިބުނު ވަރަށް ބޮޑު ޝޮކެއް ކަމަށެވެ. ޕަރޭޝް އެ ފިލްމު ނުކުޅެން ނިންމިކަން އެނގުނީ ޚަބަރުތަކުން ކަމަށާއި އެ ކަހަލަ ވާހަކައެއް ވެސް ޕަރޭޝް އޭނާ ގާތުގައި ދައްކާފައި ނުވާ ކަމަށް ސުނިލް ބުންޏެވެ.

ސުނިލް ބުނި ގޮތުގައި، ޕަރޭޝް "ހީރާ ޕޭރީ 3" ނުކުޅެން ނިންމިއިރު، ޕަރޭޝް ވަނީ އަކްޝޭއާއެކު އެ ފިލްމުގެ ޕްރޮމޯޝަނަލް ވީޑިއޯއެއް ވެސް ވަރަށް ފަހުން ޝޫޓްކޮށްފަ އެވެ. އަދި އެ ފިލްމުގެ ޝޫޓިން ވެސް އަންނަ އަހަރު ފަށާ ގޮތަށް އޮތީ ހަމަޖައްސައިފަ އެވެ.

"ހީރާ ޕޭރީ 3" ޑައިރެކްޓުކުރަނީ ފުރަތަމަ ފިލްމު ގެނެސްދިން ޕްރިޔަދަރްޝަން އެވެ.

"ހީރާ ޕޭރީ" އަކީ ބޮލީވުޑްގެ ކްލެސިކް ކޮމެޑީއެކެވެ. އެ ފިލްމުގެ ފުރަތަމަ ބައި 2000 ވަނަ އަހަރު ރިލީޒްކުރި އިރު ދެވަނަ ބައި ރިލީޒްކުރީ 2006 ގަ އެވެ.

އެ ފިލްމަށް ލިބިފައިވާ ތަރުހީބުގެ ބޮޑުކަމަކީ މިއަދު ވެސް އެ ފިލްމުގެ އެކި ސީންތައް ބޭނުންކޮށްގެން ސޯޝަލް މީޑިއާގައި މީމްސްތައް ދައުރުވަމުން ދިއުމެވެ.