Roadha Mihaaru
"ދަޅުކަން"ގެ ދެވަނަ ބައެއް ގެނެސްދެނީ

"ދަޅުކަން"ގެ ދެވަނަ ބައެއް ގެނެސްދެނީ

16 ސެޕްޓެމްބަރ 2023

މީގެ 23 އަހަރު ކުރިން ގެނެސްދިން ބޮލީވުޑްގެ އަސަރުގަދަ، ތިނެސްކަން ލޯބީގެ ފިލްމު "ދަޅުކަން"ގެ ދެވަނަ ބައެއް ގެނެސްދިނުމުގެ މަސައްކަތް ފަށައިފި އެވެ.

މީގެ 23 އަހަރު ކުރިން ގެނެސްދިން ބޮލީވުޑްގެ އަސަރުގަދަ، ތިނެސްކަން ލޯބީގެ ފިލްމު "ދަޅުކަން"ގެ ދެވަނަ ބައެއް ގެނެސްދިނުމުގެ މަސައްކަތް ފަށައިފި އެވެ.

ރިޕޯޓްތައް ބުނި ގޮތުގައި، މިފަހުން މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި އެ ފިލްމުގެ ޑައިރެކްޓަރު ދަރުމޭޝް ދަރުޝަން ވަނީ ސީކުއެލްއެއްގެ މަސައްކަތް ކުރަމުން އަންނަ ކަން ކަށަވަރުކޮށްދީފަ އެވެ. ދެވަނަ ފިލްމުގެ މަސައްކަތް ފެށީ އޭގެ ސީކުއެލްއެއް ގެނެސްދޭނެތޯ ގިނަ ބަޔަކު އަބަދުވެސް އަހާތީ ކަމަށް، އެ އިންޓަވިއުގައި އޭނާ ބުންޏެވެ.

"ދަޅުކަން"ގެ ސީކުއެލްގެ މަސައްކަތް ފެށީ އެ ފިލްމުގެ ޕްރޮޑިއުސަރު ރަތަން ޖައިން އެކަމަށް އެދުމުން ކަމަށް ވެސް އޭނާ ބުންޏެވެ.

"މި ފިލްމު ހަދަން އޭނާ އަހަރެން ކައިރީގައި ކިޔާތާ ވެސް ދިހަވަރަކަށް އަހަރު ވެއްޖެ. އެކަމަކު ދަޅުކަން އަކީ ގިނަ ބަޔަކު ލޯބިވާ ކްލެސިކް ފިލްމަކަށް ވާތީ މިކަން ކުރަން ނުކެރިފައި ހުރީ،" އޭނާ ބުންޏެވެ.

ދެވަނަ ފިލްމުގެ ކާސްޓުގައި ފުރަތަމަ ފިލްމުގެ ލީޑުން ފެނުނު އަކްޝޭ ކުމާރާއި ޝިޕްލާ ޝެޓީ އަދި ސުނިލް ޝެޓީ ހިމެނޭނެތޯ އެހެމުން އޭނާ ބުނީ ކާސްޓުންނާ މެދުގައި އަދި ނުވިސްނާ ކަމަށެވެ.

"ފިލްމުގެ ސްކްރިޕްޓް އަދި ފައިނަލް ނުވޭ. އެކަމަކު ޝައުގުވެރި ދެތިން ހިޔާލެއް އެބައޮތް އަދި ކާސްޓިންނާ މެދުގައި ވެސް،" އޭނާ ބުންޏެވެ.

"ދަޅުކަން"ގެ ފުރަތަމަ ފިލްމު ނުކުތީ 2000 ވަނަ އަހަރެވެ. އަކްޝޭ އާއި ޝިލްޕާ އަދި ސުނިލްގެ އިތުރުން އެ ފިލްމުގެ ހާއްސަ ރޯލެއް މަހީމާ ޗައުދަރީ ވެސް ކުޅުނެވެ. އެ ފިލްމަކީ ބޮކްސް އޮފީހުގައި އޭރު ބޮޑު އާމްދަނީއެއް ވެސް ހޯދި ކާމިޔާބު ފިލްމެކެވެ. އެ ފިލްމުގެ ލަވަތައް ވެސް ވަރަށް ހިޓުވި އެވެ.