Roadha Mihaaru
ސަލީމް-ޖާވިދު އަކީ "އެންގްރީ ޔަންގް މެން"

ސަލީމް-ޖާވިދުގެ ޑޮކިއުމަންޓަރީ އަކީ "އެންގްރީ ޔަންގް މެން"

16 ޖޫން 2021

ހިންދީ ސިނަމާގެ ކާމިޔާބު އެތައް ފިލްމެއްގެ ސްކްރީންޕްލޭ އެކީގައި ލިޔުނު ކުރީގެ ހުނަރުވެރި ދެ ސްކްރީން ރައިޓަރުން ކަމަށްވާ ސަލީމް-ޖާވިދަށް ބިނާކޮށް ހަދާ ޑޮކިއުމަންޓަރީގެ ނަމަކަށް "އެންގްރީ ޔަންގް މެން" ހަމަޖައްސައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ހިންދީ ސިނަމާގެ ކާމިޔާބު އެތައް ފިލްމެއްގެ ސްކްރީންޕްލޭ އެކީގައި ލިޔުނު ކުރީގެ ހުނަރުވެރި ދެ ސްކްރީން ރައިޓަރުން ކަމަށްވާ ސަލީމް-ޖާވިދަށް ބިނާކޮށް ހަދާ ޑޮކިއުމަންޓަރީގެ ނަމަކަށް "އެންގްރީ ޔަންގް މެން" ހަމަޖައްސައިފި އެވެ.

މަޝްހޫރު ފިލްމު ކްރިޓިކް ތަރަން އަދާޝް ބުނީ އެ ޑޮކިއުމަންޓަރީ އުފައްދަނީ ސަލީމް ޚާންގެ ދަރިފުޅު ސަލްމާން ޚާންގެ ފިލްމު ކުންފުންޏާއި ޖާވިދު އަޚްތަރުގެ ދަރިން ކަމަށްވާ ފަރުހާން އަޚްތަރުގެ އެކްސެލް އެންޓަޓަައިންމަންޓާއި ޒޯޔާ އަޚްތަރުގެ ޓައިގާ ބޭބީ ފިލްމްސް ގުޅިގެން ކަމަށެވެ.

އެކްސެލް އަކީ ފަރުހާނާއި ޕްރޮޑިއުސަރު ރިތޭޝް ސިދުވާނީގެ ކުންފުންޏެކެވެ. ޓައިގާ ބޭބީ އަކީ ޒޯޔާ އާއި ޑައިރެކްޓަރު ރީމާ ކަތުގީގެ ކުންފުންޏެކެވެ.

ތަރަން ބުނި ގޮތުގައި "އެންގްރީ ޔަންގް މެން" ޑައިރެކްޓްކުރާނީ މަޝްހޫރު ފިލްމު އެޑިޓަރު ނަމްރަތާ ރާއޯ، 40، ކަމަށެވެ. މިހާތަނަށް އެތައް ފިލްމެއް އެޑިޓްކުރި ނަމްރަތާ އަކީ އެ ދާއިރާ އިން ނެޝަނަލް އެވޯޑް ވެސް ހޯދާފައިވާ ފަންނާނެކެވެ.

ސަލީމް-ޖާވިދުގެ ޑޮކިއުމަންޓަރީ އަށް "އެންގްރީ ޔަންގް މެން" ގެ ނަން ދީފައި ވަނީ އެ މީހުން ލިޔުނު ފިލްމުތަކުގައި އެފަދަ ކެރެކްޓާތައް ކުޅެގެން އަމީތާބް ބައްޗަން "އެންގްރީ ޔަންގް މޭން" ގެ ގޮތުގައި މަޝްހޫރުވެފައިވާތީ އެވެ. އޭނާ އަކީ ސަލީމް-ޖާވިދު ލިޔުނު ގިނަ ފިލްމުތައް އަދި އެންމެ ކާމިޔާބު ފިލްމުތަކުގެ އެކްޓަރެވެ. އޭގެ ތެރޭގައި "ކާލާ ޕައްތަރު"، "ދީވާރު". "ޝޯލޭ"، "ޑޮން"، "ޒަންޖީރު"، "ޓްރިޝުލް" އަދި "ދޯސްތާނާ" ހިމެނެ އެވެ.

"އެންގްރީ ޔަންގް މެން" ގައި އަމީތާބާ އެކު ސަލީމް-ޖާވިދުގެ އިންޓަވިއުތަކާ އެކު، އެ ދެ މީހުންގެ ކެރިއަރުގެ އުސްއަލިތައް ގެނެސްދޭނެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން މި ޑޮކިއުމަންޓަރީ އަށް ނެޓްފްލިކްސް ޝައުގުވެރިކަން ފާޅުކޮށްފައިވެ އެވެ. "އެންގްރީ ޔަންގް މެން" ބެލުންތެރިންނަށް ގެނެސްދޭނެ އިރެއް އަދި ނޭނގެ އެވެ. އެކަމަކު މިއީ ހިންދީ ސިނަމާ އަށް ލޯބިކުރާ މީހުންނަށް ވަރަށް ހާއްސަ އެއްޗަކަށް ވާނެ އެވެ.