Roadha Mihaaru
"ކަލް ހޯ ނާ ހޯ" ލިޔަން އަނޫރާގަށް ލިބުނު

"ކަލް ހޯ ނާ ހޯ" ލިޔަން އަނޫރާގަށް ލިބުނު

13 ޖެނުއަރީ 2022

ބޮލީވުޑްގެ ވަރުގަދަ ދެ ސުޕަސްޓާރުން ކަމަށްވާ ޝާހްރުކް ޚާނާއި ސަލްމާން ޚާން ކުޅުނު ފިލްމުތަކެއްގެ ސްކްރީންޕްލޭ ލިޔަން ލިބުމުން އެކަން ގަބޫލުނުކޮށް ދޫކޮށްލި ކަމަށް ޑައިރެކްޓަރު އަނޫރާގް ކަޝަޕް ބުނެފި އެވެ. އޭގެ ތެރޭގައި ޝާހުގެ އެންމެ މަޝްހޫރު އެއް ފިލްމު ކަމަށްވާ "ކަލް ހޯ ނާ ހޯ" ވެސް ހިމެނެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ބޮލީވުޑްގެ ވަރުގަދަ ދެ ސުޕަސްޓާރުން ކަމަށްވާ ޝާހްރުކް ޚާނާއި ސަލްމާން ޚާން ކުޅުނު ފިލްމުތަކެއްގެ ސްކްރީންޕްލޭ ލިޔަން ލިބުމުން އެކަން ގަބޫލުނުކޮށް ދޫކޮށްލި ކަމަށް ޑައިރެކްޓަރު އަނޫރާގް ކަޝަޕް ބުނެފި އެވެ. އޭގެ ތެރޭގައި ޝާހުގެ އެންމެ މަޝްހޫރު އެއް ފިލްމު ކަމަށްވާ "ކަލް ހޯ ނާ ހޯ" ވެސް ހިމެނެ އެވެ.

ބޮލީވުޑްގެ ޑައިރެކްޓަރުންގެ ތެރެއިން އާންމުކޮށް ޑާކް ތީމްތަކަށް އަދި ރިއަލިސްޓިކް ފިލްމުތައް ހަދަން ކުޅަދާނަ ޑައިރެކްޓަރެއްގެ ގޮތުގައި ފާހަގަކޮށްލެވޭ އަނޫރާގް ބުނި ގޮތުގައި އޭނާ ދޫކޮށްލި ސަލްމާންގެ ފިލްމަކީ 2008 ގައި ގެނެސްދިން "ތެރޭ ނާމް" އެވެ.

އެ ފިލްމުތަކުގެ އިތުރުން ޖޯން އަބްރަހަމް ބޮލީވުޑަށް ތައާރަފުކުރި 2003 ގެ "ޖިސްމު" އަކީ ވެސް އަނޫރާގަށް ސްކްރީންޕްލޭ ލިޔަން ދިނުމުން ނޫނެކޭ ބުނި ފިލްމެކެވެ.

އޭނާ ބުނި ގޮތުގައި ބޮޑެތި އެފަދަ ހުށަހެޅުންތައް އަންނަން ފެށީ ޑައިރެކްޓަރު ރާމް ގޯޕާލް ވަރުމާ (އާރްޖީވީ) 1998 ގައި ގެނެސްދިން ގޭންގްސްޓަ އެކްޝަން ކްރައިމް ފިލްމު "ސަތިއާ" ރިލީޒްވުމާ އެކީގަ އެވެ. މަނޯޖް ބަޖްޕާއީ އާއި އުރްމިލާ މަޓޯންޑްކަރް އަދި ޖޭޑީ ޗަކްރަވަތީ މުހިއްމު ރޯލްތަކެއް ޖުޅުނު އެ ފިލްމަކީ އަނޫރާގާއި އެކްޓަރު ސޯރަބް ޝުކްލާ ސްކްރީންޕްލޭ ލިޔުނު ވަރަށް ކާމިޔާބު ފިލްމެކެވެ.

އަނޫރާގް ބުނި ގޮތުގައި ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަންގެ "ކަލް ހޯ ނަ ހޯ" ލިޔަން ލިބުމުން އެއާ ހަވާލުނުވީ އެ ފިލްމަކީ އޭނާއާ ގުޅޭ ޒާތުގެ ޒޯންރާގެ ފިލްމަކަށް ނުވުމުންނެވެ. ޝާހްރުކާއި ސައިފް އަލީ ޚާނާއި ޕްރިތީ ޒިންތާ މުހިއްމު ރޯލުތައް ކުޅުނު އެ ފިލްމަކީ ނިކިލް އަދުވާނީ ޑައިރެކްޓްކުރި ރޮމޭންޓިކް ކޮމެޑީ ޑްރާމާއެކެވެ.

"އެންމެންނަށް ވެސް އެނގޭނެ ކަރަން އަކީ ލޯބީގެ ފިލްމުތައް ހަދަން ކިހާ ކުޅަދާނެ މީހެއް ކަން. އަނެއްކޮޅުން އަހަންނަކީ މުޅިން ރިއަލިސްޓިކް ސިނަމާ އަށް ހިތްކިޔާ މީހެއް. އެހެންވެ ކަރަންގެ ފަރާތުން ލިބުނު އޮފާ ގަބޫލުނުކުރީ،" ގޭންގް އޮފް ވަސޭޕޫރް އާއި ދޭވް.ޑި އާއި ގުލާލް އަދި ބްލެކް ފްރައިޑޭ ފަދަ ޑާކް ފިލްމުތައް ގެނެސްދިން ޑައިރެކްޓަރު ބުންޏެވެ.

"ކަލް ހޯ ނަ ހޯ" އާ އަނޫރާގް ހަވާލުނުވުމުން އޭގެ ސްކްރީންޕްލޭ ލިޔުނީ ސީދާ ކަރަން އެވެ. އަދި އެ ފިލްމަކީ އޭނާގެ އަލަތު ޑައިރެކްޝަން ކަމަށްވާ ކުޗް ކުޗް ހޯތޭ ހޭ (1998) ގެ ފަހުން އަމިއްލަ އަށް ސްކްރީންޕްލޭ ލިޔުނު ހަމައެކަނި ފިލްމު ވެސް މެ އެވެ. "ކަލް ހޯ ނަ ހޯ" އަކީ ދެ ނޭޝަނަލް އެވޯޑްގެ އިތުރުން އިންޑިއާގައި ދޭ ޕޮޕިއުލާ އެތައް އެވޯޑެއް ހޯދި ފިލްމެކެވެ. ފިލްމަށް ލިބުނު ދެ ނެޝަނަލް އެވޯޑަކީ މޮޅު މިއުޒިކް ޑައިރެކްޝަން (ޝަންކަރް-އެހްސާން-ލޯއި) އާއި ފިލްމުގެ ޓައިޓަލް ލަވަ ކިޔައިގެން ސޯނޫ ނިގާމް އަށް ލިބުނު އެންމެ މޮޅު ފިރިހެން ލަވަކިޔުންތެރިޔާގެ އެވޯޑެވެ.

އަނޫރާގް ހަވާލު ނުވި ސަލްމާންގެ "ތޭރޭ ނާމް" އަކީ 1999 ގެ ތަމަޅަ ފިލްމު "ސެތޫ" އަސްލަކަށް ބަލައިގެން ސަތިޝް ކޯޝިކް ޑައިރެކްޓްކުރި ރޮމޭންޓިކް އެކްޝަން ޑްރާމާއެކެވެ. އޭގެ ސްކްރީންޕްލޭ ލިޔުނީ ޖައިނަންދުރަ ޖެއިން އެވެ.

އަނޫރާގް ހަވާލުނުވި ޖޯން އާއި ބިޕާޝާ ބާސޫގެ "ޖިސްމު" އަކީ އިރޮޓިކް ތުރިލާއެކެވެ. އަމިތު ސަކްސޭނާ ޑައިރެކްޓްކުރި ފިލްމުގެ ސްކްރީންޕްލޭ ލިޔުނީ މަހޭޝް ބަޓެވެ.

ބޮލީވުޑްގެ އެންމެ ހުނަރުވެރި އެއް ޑައިރެކްޓަރުގެ ގޮތުގައި އަނޫރާގް ފާހަގަކުރެވުނަސް އޭނަ އަކީ އާންމުކޮށް އެންމެ މަޝްހޫރު ތަރިން ވެސް ހިމަނައިގެން ފިލްމު ހަދާ މީހެއް ނޫނެވެ. އަދި މިހާތަނަށް މަޝްހޫރު ތަރިންނާ އެކު އަނޫރާގް ހެދި ފިލްމުތަކަކީ ޖޯންގެ 2007 ގެ "ނޯ ސްމޯކިން" އާއި ރަންބީރް ކަޕޫރާއި އަނުޝްކާ ޝަރުމާއާ އެކު ގެނެސްދިން 2015 ގެ "ބޮމްވޭ ވެލްވެޓް" އެވެ. އެ ދެ ފިލްމަކީ ވެސް ބޮޑެތި ފުލޮޕްތަކެވެ.

އަނޫރާގް، 49، ގެ އެންމެ ފަހުގެ ޑައިރެކްޝަނަކީ 2020 ގައި ނެޓްފްލިކްސް ސްޓްރީމްކުރި "ޗޯކްޑް: ޕައިސާ ބޯލްތާ ހޭ" އެވެ.