Roadha Mihaaru
ފްރާންސްގެ ފުރަބަންދަށް ލުއިތަކެއް

ފްރާންސްގެ ފުރަބަންދަށް ލުއިތަކެއް

09 ޖޫން 2021

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން ފްރާންސްގައި އިއުލާންކޮށްފައިވާ ފުރަބަންދަށް އިތުރު ލުއިތަކެއް ދޭން ނިންމައި، މިއަދުން ފެށިގެން ބައެއް ލުއިތަކަށް އަމަލުކުރަން ފަށައިފި އެވެ.

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން ފްރާންސްގައި އިއުލާންކޮށްފައިވާ ފުރަބަންދަށް އިތުރު ލުއިތަކެއް ދޭން ނިންމައި، މިއަދުން ފެށިގެން ބައެއް ލުއިތަކަށް އަމަލުކުރަން ފަށައިފި އެވެ.

ފަރަންސޭސި ވިލާތުގައި ކޮވިޑަށް ޕޮޒިޓިވްވާ އަދަދު ދަށަށް ދާން ފެށުމާ އެކު، ގައުމުގެ އިގްތިސާދާ ގުޅޭ ދާއިރާއަށް ލުއިތަކެއް ދޭން ނިންމީ މިދިޔަ ހަފުތާގެ ތެރޭގަ އެވެ. އެ ގޮތުން މިއަދުން ފެށިގެން ދީފައިވާ ލުއިތަކުގެ ތެރޭގައި ހިމެނެނީ، ފިހާރަތަކުން ވިޔަފާރި ކުރުމަށް ދޭ ލުއިތަކާއި، ކެފޭތަކާއި ރެސްޓޯރެންޓްތަކުގެ ތެރޭގައި، ކެއިންބުއިމުގެ ހިދުމަތް ދިނުމުގެ ލުއިތަކެވެ.

މިއަދުން ފެށިގެން ކާފިއުގެ ވަގުތުތަކުގެ ގޮތުގައި ކަނޑައަޅާފައި ވަނީ، ރޭގަނޑު 9:00 އިން 11:00 އަށެވެ. ކެފޭތަކާއި ރެސްޓޯރެންޓްތަކުގެ ތެރޭގައި، ކެއިންބުއިމުގެ ހިދުމަތް ދިނުން މަނާކޮށްފައި އޮންނަތާ ހަތް މަސްދުވަހަށް ފަހު، މިއަދު ދިން ލުއިތަކުގެ ތެރޭގައި ހިމެނެނީ، އެ ތަނެއްގެ ޖުމްލަ ޖާގައިގެ އަދަދު ދެ ބައިކުޅަ އެއްބަޔަށް މަދުކުރުމަށް ފަހު، ދުރުދުރުގައި ގޮނޑި ޖަހައިގެން ހިދުމަތް ދިނުމަށެވެ. އަދި އެއް މޭޒެއްގެ ދޮށުގައި ތިބެވޭނެ އެންމެ ގިނަ އަދަދެއް ކަމަށް ކަނޑައަޅާފައިވަނީ ހަ މީހުންނެވެ.

އޭގެ އިތުރުން، ކެފޭ ފަދަ ތަންތަނުގެ އައުޓްޑޯ ސަރަހައްދުގައި، އެތަނެއްގެ ޖުމްލަ އަދަދަށް މީހުން ތިބެގެން ހިދުމަތް ދިނުން ވެސް، މިއަދުން ފެށިގެން ހުއްދަވާނެ އެވެ. ފިހާރަތަކަށް މީހުން ވެއްދުމުގައި ވެސް، އެ ތަނެއްގެ ޖާގައިގެ ބޮޑުމިނުން، ކޮންމެ ހަތަރު އަކަމީޓަރަކަށް މީހެއްގެ ނިސްބަތުން، އެއްފަހަރާ މީހުން ވެއްދުން ހުއްދަވާނެ އެވެ. މީގެ ކުރިން ހުއްދަ ދީފައި އޮތީ ކޮންމެ އަށް އަކަމީޓަރަކަށް މީހެއްގެ ނިސްބަތުން ވެއްދުމަށެވެ.

ބޭރުގައި އުޅޭއިރު މާސްކް އެޅުން އަދިވެސް މަޖުބޫރުވާނެ އެވެ. އަދި 10 މީހުންނަށް ވުރެ ގިނައިން އެއްތަންވެ އުޅުން ވަނީ މަނާކޮށްފަ އެވެ.

މިހާތަނަށް ހަތަރު ވަނަ އަށް އެންމެ ގިނަ މީހުންނަށް ކޮވިޑް ޖެހުނީ ފަރަންސޭސި ވިލާތުންނެވެ. އެގައުމުގެ 5.7 މިލިއަން މީހުންނަށް ކޮވިޑް ޖެހިފައިވާ އިރު، އޭގެ ތެރެއިން 110000 އަށް ވުރެ ގިނަ މީހުން މަރުވެއްޖެ އެވެ.

އެޕްރީލް މަހުގެ ތެރޭގައި، ފަރަންސޭސި ވިލާތުގައި ކޮވިޑަށް ޕޮޒިޓިވްވަމުން އައި ނިސްބަތް ހުރީ ދުވާލަކު 50،000 އަށް ވުރެ މަތީގަ އެވެ. އެ ދުވަސްވަރު އެޅި ހަރުކަށި ފިޔަވަޅުތަކާ ގުޅިގެން، ޕޮޒިޓިވްވާ އަދަދުތައް ދަށްވަމުން އައިސް މިހާރުގެ އެވްރެޖް ނިސްބަތް ހުރީ ދުވާލަކު 5،000 އިން ދަށުގަ އެވެ.

ޗައިނާގެ ވޫހާން ސިޓީން، ޑިސެމްބަރު 2019 ގައި ފެނުނު ކޮވިޑް-19 ބަލި މިހާރު މުޅި ދުނިޔެ އަށް ފެތުރި، 174 މިލިއަނަށް ވުރެ ގިނަ މީހުންނަށް މިހާތަނަށް މި ބަލި ޖެހިއްޖެ އެވެ. އޭގެ ތެރެއިން މިހާތަނަށް 3.7 މިލިއަނަށް ވުރެ ގިނަ މީހުން މަރުވެއްޖެ އެވެ.