Roadha Mihaaru
ފްރާންސަށް ތިން ވަނަ ރާޅެއް: ޕެރިސް ލޮކްޑައުނަށް

ފްރާންސަށް ތިން ވަނަ ރާޅެއްގެ ބިރާ އެކު ޕެރިސް ލޮކްޑައުނަށް

19 މާޗް 2021

ޕެރިސް (މާޗް 19) - ކޮރޯނާވައިރަހުގެ ތިން ވަނަ ރާޅެއްގެ ބިރު ފްރާންސަށް ކުރިމަތިވެފައިވާ އިރު ވެރިރަށް ޕެރިސް އެއް މަސް ދުވަހަށް ލޮކްޑައުން ކުރަން ނިންމައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ޕެރިސް (މާޗް 19) - ކޮރޯނާވައިރަހުގެ ތިން ވަނަ ރާޅެއްގެ ބިރު ފްރާންސަށް ކުރިމަތިވެފައިވާ އިރު ވެރިރަށް ޕެރިސް އެއް މަސް ދުވަހަށް ލޮކްޑައުން ކުރަން ނިންމައިފި އެވެ.

ބޮޑުވަޒީރު ޖޯ ކަސްޓެކްސް ވިދާޅުވީ މި ފަހަރު ލޮކްޑައުން ކުރަނީ ކުރީ ފަހަރު ގޮތަށް އެހާ ހަރުކަށިކޮށް ނޫން ކަމަށެވެ. ލޮކްޑައުން ކުރި ނަމަވެސް ކަސްރަތަށް މީހުން ބޭރަށް ނުކުތުމުގެ ހުއްދަ އޮވެ އެވެ.

ބޮޑުވަޒީރު ކަސްޓެކްސް ވިދާޅުވީ ފްރާންސަށް ތިން ވަނަ ރާޅެއްގެ ބިރު މިހާރު ބޮޑުވެފައިވާ ކަމަށެވެ. ފްރާންސް އިން އިއްޔެ ވަނީ 34,998 މީހުން ޕޮޒިޓިވްވެ 268 މީހުން މަރުވެފަ އެވެ. ފްރާންސް އިން މިހާތަނަށް ވަނީ 4,181,607 މީހުން ޕޮޒިޓިވްވެ 91،679 މީހުން މަރުވެފަ އެވެ. ވެރިރަށް ޕެރިހުގެ ހާލަތު ވެސް ވަނީ ވަރަށް ނުރައްކާ ފައްތަރެއްގަ އެވެ. ހެލްތު މިނިސްޓަރު އޮލިވިއާ ވެރަން ވިދާޅުވީ ޕެރިހުގެ އިންޓެންސިވް ކެއާގައި މިހާރު 1،200 މީހުންނަށް ފަރުވާދެމުންދާ ކަމަށެވެ. މިއީ ދެ ވަނަ ރާޅުގައި، ނޮވެމްބަރު މަހު އައިސީޔޫގައި ފަރުވާ ދިން މީހުންނަށް ވުރެ އިތުރު އަދަދެކެވެ.

ޕެރިސް ލޮކްޑައުން ކުރާއިރު އާއްމުކޮށް މީހުންނަށް ބޭނުންވާ ތަކެތި ވިއްކާ ފިހާރަތައް ނޫން ތަންތަން ބަންދު ކުރުން ހިމެނެ އެވެ. ނަމަވެސް ސްކޫލްތައް ބަންދެއް ނުކުރާނެ އެވެ. ގެއިން ފެށިގެން 10 ކިލޯ މީޓަރުގެ އޭރިއާއެއްގައި ކަސްރަތަށް ނުކުމެ އުޅެވޭނެ އެވެ.

ފްރާންސަށް ތިން ވަނަ ރާޅެއްގެ ބިރު ބޮޑުވެފައިވާ އިރު އެ ގައުމުގައި ވެކްސިން ޕްރޮގްރާމް ކުރިއަށް ގެންދާލެއް ލަސްވުމުން ވެސް ވަނީ ފާޑުކިޔުންތައް އަމާޒުވެފަ އެވެ. ފްރާންސް އިން އެސްޓްރަޒެނެކާ ވެކްސިން މިއަދު އަލުން ފަށާ ގޮތަށް ހަމަޖައްސައިފަ އެވެ.