Roadha Mihaaru
ފަރުކޮޅުފުއްޓެއް ނޯންނާނެ، އެއީ ހުޅުމާލެ: އެޗްޑީސީ

ފަރުކޮޅުފުއްޓެއް ނޯންނާނެ، އެއީ ހުޅުމާލެ ދެ ވަނަ ފޭސް: އެޗްޑީސީ

09 ޖޫން 2021

މާލެ ސަރަހައްދުގައި ދިރިއުޅޭ މީހުން ދަތުރުދާން ހާއްސަ ތަނެއްގެ ގޮތުގައި ސިޓީ ކައުންސިލުން ފަރުކޮޅުފުށި ކަނޑައެޅިޔަސް ފަރުކޮޅުފުއްޓަކީ މިހާރު އޮންނަ ތަނެއް ނޫން ކަމަށާއި އެއީ ހުޅުމާލެ ދެ ވަނަ ފޭސްގެ ބައެއް ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސުހެއިލް މިއަދު ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މާލެ ސަރަހައްދުގައި ދިރިއުޅޭ މީހުން ދަތުރުދާން ހާއްސަ ތަނެއްގެ ގޮތުގައި ސިޓީ ކައުންސިލުން ފަރުކޮޅުފުށި ކަނޑައެޅިޔަސް ފަރުކޮޅުފުއްޓަކީ މިހާރު އޮންނަ ތަނެއް ނޫން ކަމަށާއި އެއީ ހުޅުމާލެ ދެ ވަނަ ފޭސްގެ ބައެއް ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސުހެއިލް މިއަދު ވިދާޅުވެއްޖެ އެވެ.

މާލެ ސިޓީ ކައުންސިލުން މިދިޔަ ހޯމަ ދުވަހުގެ ރޭ ބޭއްވި ނިއުސް ކޮންފަރެންސްގައި އާ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މާލޭގައި ދިރިއުޅޭ މީހުން ދަތުރުދިއުމަށް ފަރުކޮޅުފުށި ހަމަޖައްސަން ނިންމާފައިވާ ކަމަށެވެ. އެއީ ސިޓީ ކައުންސިލްގެ އިހުތިސާސް ހިނގާ އަދި ފަޅުރަށެއްގެ ގޮތުގައި ހަމަޖައްސާފައިވާ ތަނެއް ކަމަށް ވިދާޅުވި އެވެ.

އެކަމާ ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް އިއްޔެ ވިދާޅުވީ ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފަރުކޮޅުފުށި ކަނޑައެޅުމާ ގުޅޭގޮތުން މަޝްވަރާކޮށްފައި ނުވާ ކަމަށެވެ. އަދި އެކަން ސަރުކާރުގެ އެއްވެސް ފަރާތެއްގެ ސަމާލުކަމަށް ގެނެސްފައި ނުވާ ކަމަށް ވެސް ވިދާޅުވި އެވެ.

ހުޅުމާލެއާ ގުޅާލާފައިވާ ފަރުކޮޅުފުށި ބަލަހައްޓާ އެޗްޑީސީގެ އެމްޑީ "މިހާރު" އަށް ވިދާޅުވީ ދަތުރުދިއުމަށް އެތަން ހާއްސަކުރިކަން އެނގިވަޑައިގަތީ ވެސް ނޫހުން ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ފަރުކޮޅުފުއްޓަކީ މިހާރު ވަކި ރަށެއް ނޫނެވެ.

"ފަރުކޮޅުފުށި ކިޔާ ތަނެއް އަޅުގަނޑަށް ހީވަނީ މިހާރު ނެތްހެން. ކުރިން ފަރުކޮޅުފުށި އޮތް ތަނުގައި އިންނަ އަޅުގަނޑުމެން އިވެންޓު ސްޕޭސްގެ ގޮތުގައި ބޭނުންކުރި ތަން މިހާރު ބޭނުންކުރަނީ ކޮވިޑުގެ ބަލި މީހުން ބަހައްޓާ ވަގުތީ ތަނެއްގެ ގޮތުގައި. އޭގެ އިތުރަށް ފަރުކޮޅުފުށި ހިމެނޭ ސަރަހައްދު އަދި ގްރީން ސަރަހައްދެއްގެ ގޮތުގައި އޮތީ. ޕްލޭނެއް އެބައޮތް. އެކަމަކު އަދި އިމްޕްލިމެންޓެއް ނުކުރޭ،" ސުހެއިލް ވިދާޅުވި އެވެ.

"އެއީ ފަރުކޮޅުފުށި ކިޔާ ސަރަހައްދެއް ނޫން،"

މާކުރިން ވެސް އެޗްޑީސީގެ ޕްލޭނަކީ ހެރިޓޭޖް އައިލެންޑެއްގެ ގޮތުގައި ފަރުކޮޅުފުށި ތަރައްގީކުރުމެވެ.

ސުހެއިލް ވިދާޅުވީ އެކަމުގެ މަސައްކަތްތައް މިހާރު ވެސް ކުރަމުން އަންނަކަމަށާއި ވިސްނުމަކީ އެ ޕްލޭނާ އެއްގޮތަށް ކުރިއަށް ދިއުމެވެ. ނަމަވެސް ސިޓީ ކައުންސިލްގެ ވިސްނުން އެނގޭނީ ބައްދަލުކޮށް މަޝްވަރާކުރުމުން ކަމަށް އޭނާ ވިދާޅުވި އެވެ.

މާލެ ސަރަހައްދުގެ ރައްޔިތުން ދަތުރުދާނެ ރަށެއްގެ ގޮތުގައި ހަމަޖެއްސި ފަރުކޮޅުފުއްޓަކީ މީގެ ކުރިން "ކްލަބް މެޑް" ރިސޯޓު ހިންގި ތަނެވެ. އެ ތަން ހުސްކުރީ ވެސް، ހުޅުމާލޭގެ ދެ ވަނަ ފިޔަވަހި ހިއްކުމަށެވެ.

ވާޗުއަލްކޮށް ބޭއްވި ނިއުސް ކޮންފަރެންސްގައި ޑރ. މުއިއްޒު ވިދާޅުވީ ފަރުކޮޅުފުށީގައި އެޗްޑީސީ ނުވަަތަ އެހެން ފަރާތަކުން ވެސް ކުރާ އިންވެސްޓްމަންޓަކުން މާލޭގެ ރައްޔިތުންނަށް ލާބައާ މަންފާ ލިބެން ޖެހޭނެ ކަމަށެވެ. އަދި އެ އިންވެސްޓްމަންޓެއްގައި އެ ކައުންސިލްގެ ހިއްސާ އޮންނަންޖެހޭނެ ކަމަށް އާ ކައުންސިލުން ފާސްކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.

"މާނައަކީ ފަރުކޮޅުފުށީގައި ކުރެވޭ ކޮންމެ އިންވެސްޓްމަންޓަކުން މާލޭގެ ލޮބުވެތި ރައްޔިތުންނަށް، މާލޭގެ ލޮބުވެތި ރައްޔިތުންގެ މުސްތަގުބަލަށްޓަކައި ސިޓީ ކައުންސިލުން ކުރަންހުރި ކަންކަމަށް އާމްދަނީ ލިބެންޖެހޭނެއޭ. މިއީ ވަރަށް ސާފު މައްސަލައެއް،" ޑރ. މުއިއްޒު ވިދާޅުވި އެވެ.

މާލެ ސަރަހައްދުގައި ދިރިއުޅޭ މީހުން ދަތުރުދާނެ ރަށެއް ކަނޑައެޅުމަކީ މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދެކެވެ. އެ ވައުދުގެ ތެރެއިން، އެނބޫދޫ ފަޅުގައި ހިއްކާފައިވާ ތިން ކިލޯމީޓަރުގެ ރަށެއް އެކަމަށް ހާއްސަކޮށް، އެ ޕްރޮޖެކްޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއުލާނު ވެސް ކުރެއްވި އެވެ. ރައީސް އޮފީހުގައި އިއްޔެ ބޭއްވި ނިއުސް ކޮންފަރެންސްގައި އެ މަނިކުފާނު ވިދާޅުވީ ކޮވިޑާ ގުޅިގެން އެ މަސައްކަތް އޮތީ ހުއްޓިފަ އެވެ. ދަތުރު ދިއުމަށް އެހެން ރަށެއް ވެސް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަކަން ރައީސް ފާހަގަކުރެއްވި އެވެ.