Roadha Mihaaru
"ބިމުގެ ރަޖިސްޓްރީގެ ނާޖައިޒު ފައިދާ އެޗްޑީސީން ނަގާ"

ހުޅުމާލެ ބިމުގެ ރަޖިސްޓްރީގެ ނާޖައިޒު ފައިދާ އެޗްޑީސީން ނަގާ، އެ ފުރުސަތެއް ނުދޭނަން: މުއިއްޒު

09 ޑިސެމްބަރ 2021

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އަށް ހުޅުމާލޭ ބިން ރަޖިސްޓްރީ ކޮށްދީފައިވަނީ ވިޔަފާރީގެ ބޭނުންތަކަށް އެކަނި ކަމަށްވިޔަސް އެ ކުންފުނިން އޭގެ ނާޖައިޒު ފައިދާ ނަގަމުންދާ ކަމަށް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އަށް ހުޅުމާލޭ ބިން ރަޖިސްޓްރީ ކޮށްދީފައިވަނީ ވިޔަފާރީގެ ބޭނުންތަކަށް އެކަނި ކަމަށްވިޔަސް އެ ކުންފުނިން އޭގެ ނާޖައިޒު ފައިދާ ނަގަމުންދާ ކަމަށް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ހުޅުމާލޭގެ ރަޖިސްޓްރީ ބާތިލްކޮށް، ސިޓީ ކައުންސިލްގެ ދަށަށް ހުޅުމާލެ ގެންދަން އިއްޔެ ފާސްކުރުމަށް ފަހު، އެކަމުގެ މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނިއުސް ކޮންފަރެންސްގައި މޭޔަރު ވިދާޅުވީ އެޗްޑީސީއަށް ސަރުކާރުން ދީފައިވާ ބިންތަކުގެ ރަޖިސްޓްރީއަކީ ވަގުތީ ރަޖިސްޓްރީތަކެއް ކަމަށެވެ.

ލާމަރުކަޒީ ގާނޫނަށް ގެނައި ބަދަލުތަކުން އާއްމު ހިދުމަތާއި ރަށްވެހިކަމުގެ ހިދުމަތް ދިނުމަކީ ސިޓީ ކައުންސިލްގެ ޒިންމާއަކަށް ވިޔަސް އެ ޒިންމާތައް އަދާކުރުމުގެ ހުރަހަކަށް ރަޖިސްޓްރީތައް ވެގެންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވި ގޮތުގައި ހުޅުމާލޭ ބިމުގެ ރަޖިސްޓްރީގެ ނާޖައިޒު ފައިދާ އެޗްޑީސީއާ ސަރުކާރުން ނަގަމުންދެ އެވެ. އެކަމަކު އޭގެ ތަފްސީލެއް މިއަދުގެ ޕްރެސް ކޮންފަރެންސްގައި ނުދެއްވަ އެވެ.

"ރަޖިސްޓްރީ ހަދައިދީފައި އޮތީ ހަމައެކަނި އެތަނުގައި ކޮމާޝަލް ބޭނުންތަކަށް. އެތަނުގައި އެޗްޑީސީން ކުރާ ވިޔަފާރިތަކުގައި އެގްރިމެންޓުތައް ހަދައިގެން ކުރާ ކޮމާޝަލް ޔޫސްތަކަށް އޮންނަ ބިންތަކުގެ ރަޖިސްޓްރީ ހިނގާނީ. ވަރަށް ސާފުކޮށް ރަޖިސްޓްރީގައި އޮންނާނެ،" މޭޔަރު ވިދާޅުވި އެވެ.

ލާމަރުކަޒީ ގާނޫނަށް ސަރުކާރުން އިހުތިރާމެއް ނުކުރޭ

ލޯކަލް ކައުންސިލްތަކަށް މި ސަރުކާރުން ބޮޑެތި ބާރުތަކެއް ދިން ނަމަވެސް ސަރުކާރުގެ އަމަލުތަކުން ފެންނަނީ އެ ގާނޫނަށް އިހުތިރާމް ނުކުރާތަން ކަމަށް މުއިއްޒު ވިދާޅުވި އެވެ.

އިހުތިސާސްގެ ތެރޭގައި ހިމެނޭ ތަންތަނުގައި އާއްމު ހިދުމަތް ދިނުމާއި މުނިސިޕަލް ހިދުމަތް ދިނުމަކީ އެ ކައުންސިލަކުން ކުރަންޖެހޭ ކަމެކެވެ. މާލެ ސިޓީއަކީ ހުޅުމާލެ، މާލެ އަދި ވިލިމާލޭގެ އިހުތިސޯސްގެ ތެރޭގައި ހިމެނޭ ތަނަކަށް ވާތީ، އެ ތިން ރަށުގެ މުނިސިޕަލް ހުރިހާ ކަމެއް ކުރަންޖެހޭނީ ވެސް، މުއިއްޒު ވިދާޅުވި ގޮތުގައި، މާލެ ސިޓީ ކައުންސިލްގެ ޒިންމާ އެކެވެ.

އެކަމަކު ކައުންސިލުން ތަކުރާރުކޮށް އެދިގެން ވެސް ހުޅުމާލޭގެ މުނިސިޕަލް މަސައްކަތްތަކެއް އެޗްޑީސީން ހަވާލެއް ނުކުރި އެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އެކު ބޭއްވެވި ފުރަތަމަ ބައްދަލުވުމުގައި ވެސް އެ މަސައްކަތް ހަވާލުކުރާނެ ކަމުގެ ޔަގީންކަން އެ މަނިކުފާނު ދެއްވިއަސް އަދި ވެސް އެކަން ފުރިހަމަނުވާ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

މާލެ ސިޓީ ކައުންސިލުން މިއަދު ބޭއްވި ނިއުސް ކޮންފަރެންސްގައި މޭޔަރު ޑރ. މުއިއްޒު ވާހަކަދައްކަވަނީ.-- ފޮޓޯ ފަޔާޒު މޫސާ/ މިހާރު

މާލެ ސިޓީ ކައުންސިލުން މިއަދު ބޭއްވި ނިއުސް ކޮންފަރެންސްގައި މޭޔަރު ޑރ. މުއިއްޒު ވާހަކަދައްކަވަނީ.-- ފޮޓޯ ފަޔާޒު މޫސާ/ މިހާރު

"ހުޅުމާލެއަކީ އިހުތިސާސްގެ ތެރޭގައި އޮތް ތަނެއް. އިހުތިސާސްގެ ތެރޭގައި އޮތީމަ އެ ތަނުގައި ހިދުމަތް ދިނުމަކީ މި ކައުންސިލަށް ގާނޫނީ ގޮތުން މަޖުބޫރުކަމެއް. އެކަމަކު އެކަން ކުރުމުގެ ފުރުސަތެއް ރައީސުލްޖުމްހޫރިއްޔާ ނުދެއްވަވާ. ތަކުރާރުކޮށް މި ސަރުކާރުގައި އެދެވިއްޖެ، ނުދެއްވަވާ،" ޑރ. މުއިއްޒު ވިދާޅުވި އެވެ.

"އަޅުގަނޑުމެން ހަ މަސް ދުވަހު މަސައްކަތްކޮށްފިން އެކަމުގެ ފުރުސަތު ދޭން. އެކަމަކު އިހުލާސްތެރިކަމެއް ނެތް. މާލޭގެ ރައްޔިތުންގެ ކުރިމަގަށް، މާލޭގެ ރައްޔިތުންނަށްޓަކައި ކަންކަން ކޮށްދިނުމުގެ ވިސްނުންފުޅެއް ސަރުކާރަކު ނެތްކަމަށް މިހާރު އެބަ ގަބޫލުކުރެވޭ،"

އޭނާ ވިދާޅުވީ އިހުތިސާސްގައި ހިމެނޭ ކަންކަން ސިޓީ ކައުންސިލާ ހަވާލުނުކުރުމުން ލާމަރުކަޒީ ގާނޫނަށް ވެސް އިހުތިރާމް ނުކުރަަނީ ކަމަށް ގަބޫލުކުރެވޭ ކަމަށެވެ.

އެކަމުގައި މަޖިލީހާއި ލޯކަލް ގަވަމެންޓު އޮތޯރިޓީ (އެލްޖީއޭ) އާއެކު ވެސް މަޝްވަރާކުރިއަސް އެއަށް ދެއްވީ ވަރަށް ފިނި ޖަވާބެއް ކަމަށާާއި އެކަން ހައްލުކޮށްދިނުމަށް ކައުންސިލްތަކުގެ ބެލެނިވެރި ފަރާތުން އެއްވެސް މަސައްކަތެއް ނުކުރާ ކަމުގެ ޝަކުވާތައް ވެސް މުއިއްޒު ކުރެއްވި އެވެ.

މާލެ ސިޓީގެ މެޖޯރިޓީ ޕީޕީއެމާ ހަވާލުކުރި ހިސާބުން މާލޭގެ ރައްޔިތުން އެއްފަރާތް ކޮށް ނިކަމެތިކުރަމުންދާ ކަމަށް ވިދާޅުވެ، މުއިއްޒު ވިދާޅުވީ އެކަން ބަލަހައްޓައިގެން ކައުންސިލުން ތިބެވޭކަށް ނެތް ކަމަށެވެ.