Roadha Mihaaru
ކައުންސިލްގެ ނިންމުން ބާތިލްކުރަން އެޗްޑީސީން ކޯޓަށް

މާލޭ ސިޓީ ކައުންސިލްގެ ނިންމުން ބާތިލު ކޮށްދޭން އެދި އެޗްޑީސީން ކޯޓަށް

09 ޑިސެމްބަރ 2021

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބަލަހައްޓާ ހުޅުމާލޭގެ ބިމުގެ ރަޖިސްޓަރީ ބާތިލްކުރަން މާލޭ ސިޓީ ކައުންސިލުން ނިންމި ނިންމުން ބަދަލުކުރުމަށް، އެ ކުންފުނިން މިއަދު ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބަލަހައްޓާ ހުޅުމާލޭގެ ބިމުގެ ރަޖިސްޓަރީ ބާތިލްކުރަން މާލޭ ސިޓީ ކައުންސިލުން ނިންމި ނިންމުން ބަދަލުކުރުމަށް، އެ ކުންފުނިން މިއަދު ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައިފި އެވެ.

ސިޓީ ކައުންސިލާއި އެޗްޑީސީގެ ކޯޅުން ބޮޑުވެފައިވަނިކޮށް، އެ ކައުންސިލުން އިއްޔެ ބޭއްވި ބައްދަލުވުމުގައި ވަނީ އެޗްޑީސީ އަށް ރަޖިސްޓަރީ ކޮށްފައިވާ ހުޅުމާލޭގެ ރަޖިސްޓަރީ ބާތިލުކޮށް، ކައުންސިލުގެ ދަށަށް މުޅި ހުޅުމާލެ ބަދަލުކުރަން ފާސްކޮށްފަ އެވެ.

ޑެޕިއުޓީ މޭޔަރު ނަރީޝް އަހުމަދު ހުށަހެޅުއްވި ހުށައެޅުއްވަން ފާސްވީ އިދިކޮޅު ޕީޕީއެމްގެ މެޖޯރިޓީ އޮންނަ ކައުންސިލްގެ 12 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. އެ ގޮތަށް ފާސްކުރަން ވޯޓު ދިން މެންބަރުންގެ ތެރޭގައި އެމްޑީޕީގެ ދެ މެންބަރުން ކަމަށްވާ ހެންވޭރު އުތުރު ދާއިރާގެ އައިޝަތު ނިޒްލީ ރަޝީދާއި މައްޗަންގޮޅި މެދު ދާއިރާގެ މެމްބަރު އަހުމަދު ޒަމީރު ހިމެނިވަޑައިގަންނަވަ އެވެ.

ނަމަވެސް އެއީ ގާނޫނުއަސާސީން ކަށަވަރު ކޮށްދީފައިވާ މުދާ ހޯދުމާއި މުދާ ގެންގުޅުމުގެ ހައްގާއިި ބިމާ ބެހޭ ގާނޫނު އަދި ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނާ ވެސް ހިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށް އެޗްޑީސީން ބުނެ އެވެ.

އެހެންވެ، އެ ނިންމުން ބާތިލްކޮށް ގާނޫނީ އިމުގެ ތެރޭގައި މަސައްކަތްކުރުމަށް ސިޓީ ކައުންސިލަށް އަންގައިދިނުމަށް އެދި ސިވިލް ކޯޓަށާއި ލޯކަލް ގަވަމެންޓު އޮތޯރިޓީ (އެލްޖީއޭ) އަށް ހުށަހަޅާފައިވާ ކަމަށް އެ ކުންފުނިން ނެރުނު ބަޔާނުގައި ބުންޏެވެ.

އެ ބައްދަލުވުމުގައި ނަރީޝް ވިދާޅުވީ ހުޅުމާލޭގެ ރައްޔިތުންގެ ކަންބޮޑުވުންތައް އިންތިހާއަށް ހުރުމުން އެ ތަނުގެ ކަންކަން ހައްލުކުރުމަށް ކައުންސިލްގެ ދަށަށް ގެނައުމަށް ކަމާ ބެހޭ އިދާރާތަކުގައި އެދިގެން ވެސް ހައްލެއް ނުލިބުނު ކަމަށެވެ.

"ރައީސް އަށް ސިޓީ ފޮނުވިއްޖެ، ލޯކަލް ގަވަމެންޓް އޮތޯރިޓީ އާއި ރައްޔިތުންގެ މަޖިލީހަށް ސިޓީ ފޮނުވިއްޖެ. އެކަމަކު އަޅުގަނޑުމެންނަށް ހުޅުމާލޭގެ މުނިސިޕަލް ސާވިސް ހަވާލުކޮށްފައިނުވާތީ އަދި ހުޅުމާލެ ރައްޔިތުންގެ ކަންބޮޑުވުންތައް ވެސް އިންތިހާއަށް ލިބެމުންދާތީ ތަކުރާރުކޮށް ދައުލަތުގެ ކަމާ ބެހޭ އިދާރާތަކުގައި ދަންނަވައިގެން ވެސް ހައްލެއް ނުލިބުނު،" އޭނާ ވިދާޅުވި އެވެ.

ހުޅުމާލޭގެ ބިމަކީ އެޗްޑީސީގެ އަމިއްލަ ބިމެއް ގޮތަށް ރަޖިސްޓްރީކޮށްފައި ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި، މިހާރުގެ މޭޔަރު މުހައްމަދު މުއިއްޒު ހައުސިން މިނިސްޓަރަކަށް ހުންނަވައިގެންނެވެ. މުއިއްޒު މިހާރު ވިދާޅުވަނީ މި އަހަރު އަމަލުކުރަން ފެށި ލާމަރުކަޒީ ގާނޫނުގެ ދަށުން، ހުޅުމާލެ އަކީ މާލޭ ސިޓީ ކައުންސިލްގެ އިހުތިސާސުގެ ތެރޭގައި ހިމެނޭ ބިމަކަށް ވާތީ އެތަން ކައުންސިލާ ހަވާލުކުރަން ޖެހޭ ކަމަށެވެ.