Roadha Mihaaru
ރަޖިސްޓްރީއާ ގުޅޭ އަމުރު ސިވިލް ކޯޓަށް ނުނެރެވޭނެ

ހުޅުމާލެ ރަޖިސްޓްރީ ބާތިލްކުރުން ފަަސްކުރުމުގެ އަމުރެއް ސިވިލް ކޯޓަށް ނުނެރެވޭނެ: ސިޓީ ކައުންސިލް

27 ޑިސެމްބަރ 2021

ހުޅުމާލެ ރަޖިސްޓްރީ މާލެ ސިޓީ ކައުންސިލްގެ ދަށަށް ބަދަލުކުރުމުގެ ނިންމުން ފަސްކުރުމުގެ އަމުރެއް ސިވިލް ކޯޓަށް ނުނެރެވޭނެ ކަމަށް ބުނެ މައްސަލަ އިސްތިއުނާފްކުރަން ކައުންސިލުން ނިންމައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ހުޅުމާލެ ރަޖިސްޓްރީ މާލެ ސިޓީ ކައުންސިލްގެ ދަށަށް ބަދަލުކުރުމުގެ ނިންމުން ފަސްކުރުމުގެ އަމުރެއް ސިވިލް ކޯޓަށް ނުނެރެވޭނެ ކަމަށް ބުނެ މައްސަލަ އިސްތިއުނާފްކުރަން ކައުންސިލުން ނިންމައިފި އެވެ.

މާލޭ ސިޓީ ކައުންސިލުން މިއަދު ބުނީ ހުޅުމާލެ ބިމުގެ މައްސަލައިގައި ސިވިލް ކޯޓުން ނެރެފައިވާ ވަގުތީ އަމުރު އިސްތިއުނާފުކުރުމަށް މި ހަފުތާގައި ހައި ކޯޓަށް ފޮނުވާނެ ކަމަށާއި އެކަމަށް ކައުންސިލްގެ ގާނޫނީ ޓީމުން މިހާރު ތައްޔާރުވަމުން އަންނަ ކަމަށެވެ.

ސިވިލް ކޯޓުން ނެރެފައިވާ އަމުރުގައި ވަނީ ކޯޓުން ވަކި އެއްޗެއް އަންގަންދެން ހުޅުމާލޭގެ ބިމުގެ ރަޖިސްޓްރީ ބާތިލުކުރަން ކައުންސިލުން ނިންމި ނިންމުމަށް އަމަލުކުރުން ފަސްކުރުން ކަމުގައި ވިޔަސް، އެ ނިންމުން ގޯސް ކަމަށް ނިންމާފައި ނުވާ ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.

"އެހެންކަމުން ސިޓީ ކައުންސިލްގެ ގާނޫނީ ޓީމުން ގަބޫލުކުރަނީ ސިވިލް ކޯޓަށް މިފަދަ އަމުރެއް ނުނެރެވޭނެ ކަމަށް. ހައި ކޯޓުގައި އިސްތިއުނާފުކުރަން ނިންމީ މި ސަބަބާ ގުޅިގެން،" ސިޓީ ކައުންސިލުން ބުންޏެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ފުލުހުން ހަރަކާތްތެރިވަނީ.-- ފައިލް ފޮޓޯ: މިހާރު

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ފުލުހުން ހަރަކާތްތެރިވަނީ.-- ފައިލް ފޮޓޯ: މިހާރު

ހުޅުމާލެ ބެލެހެއްޓުމާއި ހުޅުމާލޭގެ ބިމުގެ މިލްކުވެރިކަން އެޗްޑީސީގެ ދަށުގައި ވަނިކޮށް، ސިޓީ ކައުންސިލުން ކުއްލި ގޮތަކަށް ހުޅުމާލޭގެ ރަޖިސްޓްރީ ބާތިލްކުރި އެވެ.

މި މައްސަލައިގައި ސިވިލް ކޯޓުން ނެރުނު އަމުރުގައި ވަނީ ހުޅުމާލޭގެ ބިން އެޗްޑީސީ އަށް މިލްކުވެފައި އޮތީ ހުޅުމާލެ ހިއްކަން ސަރުކާރުން ކުރި ޚަރަދާއި ނެގި ލޯނުތަކަށް އެ ކުންފުނިން ޒިންމާވާ ގޮތަށް ކަމަށް ވާއިރު، އެ މައްސަލާގައި ވަގުތީ އަމުރެއް ނެރެ ނުދީފި ނަމަ، އިއާދަ ނުކުރެވޭނެ ގެއްލުންތަކެއް އެ ކުންފުންޏަށް ލިބިގެން ހިނގައިދާނެ ކަމަށެވެ.

އެހެންވެ، އެ މައްސަލަ ނިމެންދެން، ސިޓީ ކައުންސިލްގެ ނިންމުމަށް އަމަލުކުރުން ފަސްކުރަން އަންގާ ކަމަށެވެ.

ހުޅުމާލޭގެ ބިމުގެ މިލްކުވެރިކަމާއި ހުޅުމާލެ ތަރައްގީ ކުރުމަށް އެޗްޑީސީ އަށް ލިބިފައި އޮތް ހައްގަށް ހުރަސް އެޅޭ ފަދަ އެއްވެސް ކަމެއް، އެއްވެސް ފަރާތަކުން ނުކުރުމަށާއި އަދި ސިޓީ ކައުންސިލްގެ ނިންމުން ތަންފީޒު ކުރުމުގެ ގޮތުން އެއްވެސް ކަމެއް ނުކުރަން އަންގާ ކަމަށް އެ އަމުރުގައިވެ އެވެ. އަދި އެފަދަ ކަމެއް ކުރާ ނަމަ، އެކަން ހުއްޓުވުމަށް ފުލުހުންނާއި ދައުލަތުގެ މައްޗަށް އަމުރުކޮށްފައިވެ އެވެ.

ހުޅުމާލޭގެ ރަޖިސްޓްރީ ސިޓީ ކައުންސިލުން ބާތިލްކުރީ ޕީޕީއެމްގެ ޖަލްސާއެއް ހުޅުމާލޭގައި ބާއްވަން އުޅުމުން އެއީ ހުއްދަ ނެތި ބާއްވާ ޖަލްސާއެއް ކަމަށް ވާތީ އެކަން އެޗްޑީސީން ފުލުހުން މެދުވެރިކޮށް ހުއްޓުވުމުންނެވެ. ކައުންސިލްގެ ނިންމުމަށް އަމަލުނުކުރަން އެލްޖީއޭ އިން ވެސް ކުރިން އޮތީ އަންގައިފަ އެވެ.

މި އަމުރު އިސްތިއުނާފުކުރަން ހުށަހަޅަން ސިޓީ ކައުންސިލުން ތައްޔާރުވާއިރު، މާލެ ޓީޖެޓީ އެ ކައުންސިލްގެ ދަށަށް ބަދަލުކުރަން ކޯޓަށް ދިއުމުގެ މަސައްކަތް ވެސް ވަނީ ފަށައިފަ އެވެ.