Roadha Mihaaru
ހާޝް އަށް އެންމެ ކަމުދަނީ އަލާޔާ

ހާޝް އަށް އެންމެ ކަމުދަނީ އަލާޔާ

09 ޖޫން 2021

މި ވަގުތު ބޮލީވުޑްގައި ތިބި ޒުވާން ބަތަލާއިންގެ ތެރެއިން އަލާޔާ ފަރްނީޗަރްވާލާ ވަރަށް ކަމުދާ ކަމަށާއި އޭނާއާ އެކީ ފިލްމެއް ކުޅެން ލިބޭނެ ކަމަށް އުންމީދުކުރާ ކަމަށް ހާޝްވަރްދަކަން ކަޕޫރް ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މި ވަގުތު ބޮލީވުޑްގައި ތިބި ޒުވާން ބަތަލާއިންގެ ތެރެއިން އަލާޔާ ފަރްނީޗަރްވާލާ ވަރަށް ކަމުދާ ކަމަށާއި އޭނާއާ އެކީ ފިލްމެއް ކުޅެން ލިބޭނެ ކަމަށް އުންމީދުކުރާ ކަމަށް ހާޝްވަރްދަކަން ކަޕޫރް ބުނެފި އެވެ.

ޒޫމް ޓީވީގެ "ބައި އިންވައިޓް އޮންލީ؛" ގެ ދެވަނަ ސީޒަނަށް ދިން އިންޓަވިއުއެއްގައި އަނިލް ކަޕޫރްގެ ދަރިފުޅު ބުނީ އަލާޔާގެ އަލަތު ފިލްމު މިދިޔަ އަހަރުގެ "ޖަވާނި ޖާނެމަން" ބެލުމާ އެކު ބޮޑު ފޭނަކަށްވެފައިވާ ކަމަށެވެ.

"އެ ފިލްމުން އެތައް ބަޔަކަށް އޭނަ ކަމުގޮސްފައި އޮތީ. އޭގެ ސިއްރަކީ ޑެޑިކޭޝަނާ އެކު ކޮށްފައި އޮތް މަސައްކަތް. އަހަރެން ވެސް ނުދެކެން މިހާތަނަށް އެހާ ޑެޑިކޭޝަނާ އެކު މަސައްކަތްކުރާ މީހެއް،" ހާޝް ބުންޏެވެ.

އޭނާ ބުނި ގޮތުގައި އަލާޔާ އަކީ ވަރަށް ކުރިއްސުރެ ވެސް ދަންނަ މީހަކަށްވާތީ އޭނާގެ މިޒާޖު ވަރަށް ބޮޑަށް އެނގޭ ކަމަށެވެ. އެގޮތުން އެންމެ ފާހަގަކުރެވޭ އެއް ސިފަ އަކީ ބުރަކޮށް މަސައްކަތްކުރުމާއި އެކްޓިން ހުނަރު ތަރައްގީކުރަން ކުރާ މަސައްކަތް ކަމަށް ބުންޏެވެ.

"ފުރަތަމަ ފިލްމުން އަލާޔާ ހޯދި ލޯތްބާއި ސަޕޯޓަކީ އެކުވެރިއެއްގެ ހައިސިއްޔަތުން އަހަރެން އޭނާއާ މެދު ފަހުރުވެރިވާ ކަމެއް. ވަރަށް އުންމީދުކުރަން އަހަރެމެން ދެ މީހުންނަށް އެކީގައި މަސައްކަތްކޮށްލަން ކޮންމެވެސް ދުވަހަކުން ފުރުސަތެއް ލިބޭނެ ކަމަށް،" ބަތަލާ ސޯނަމް ކަޕޫރްގެ ކޮއްކޮ ބުންޏެވެ.

އަލާޔާ އަކީ ކުރީގެ ބަތަލާ ޕޫޖާ ބޭދީގެ ދަރިއެކެވެ. އޭނާގެ ކާފަ އަކީ އިންޑިއާގެ ލެޖެންޑަރީ އެކްޓަރު ކަބީރް ބޭދީ އެވެ.

ސައިފް އަލީ ޚާންގެ "ޖަވާނި ޖާނެމަން" ކުޅެގެން މި އަހަރު ބޭއްވި ފިލްމުފެއާ އެވޯޑްސްގައި މޮޅު އާ ބަތަލާގެ މަގާމު ވެސް ހޯދި އަލާޔާހެ އާ ފިލްމެއް މި ފަހުން އަދި އިއުލާނެއް ނުކުރެ އެވެ. އެކަމަކު ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަންގެ "ސްޓޫޑަންޓް އޮފް ދި އިޔާ 3" އާއި ޑައިރެކްޓަރު އަނޫރާގް ކޭޝަޕްގެ ފިލްމެއް އަލާޔާ، 23، އަށް ހުށަޅާފައިވާ ކަމަށް މީޑިއާތަކުން ކުރިން ބުނެފައިވެ އެވެ.

އުންމީދީ ބަތަލާއާ އެކު ފިލްމެއް ކުޅުމުގެ ޝައުގުވެރިކަން ހާޝް، 30، ފާޅުކުރި ނަމަވެސް އޭނާ އަކީ މިހާތަނަށް ބޮލީވުޑުން މާ ބޮޑު ސަމާލުކަމެއް ލިބުނު އެކްޓަރެއް ނޫނެވެ. ހާޝް ބޮލީވުޑަށް ނުކުތީ 2016 ގެ "މިރުޒިޔާ" އިންނެވެ. އޭގެ ފަހުން އޭނާ ފެނުނީ ބަލާނެ ބަޔަކު ނުވި 2018 ގެ ފިލްމު "ބަވޭޝް ޖޯޝީ ސުޕަހީރޯ" އިންނެވެ. ހާޝްގެ ކުރިއަށް އޮތް ފިލްމަކީ މި މަހުގެ 25 ގައި ނެޓްފްލިކްސް އިން ޕްރީމިއާކުރާ އެންތޮލޮޖީ ފިލްމު "ރޭ" އާއި ބައްޕަ އަނިލްއާ އެކު ފެންނާނެ ކަމަށް ބެލެވޭ "ތާރް" އެވެ.

މިދިޔަ އަހަރު ނެޓްފްލިކްސް އިން ގެނެސްދިން އަނިލްގެ "އޭކޭ ވާސަސް އޭކޭ" ގެ ހާއްސަ ފެނިލުމަކުން ވެސް ހާޝް ފެނިފައިވެ އެވެ