Roadha Mihaaru
ކުންފުނިތައް ޕްރައިވެޓައިޒް ކޮށްގެން ދެ ބިލިއަން ހޯދަނީ

ކުންފުނިތައް ޕްރައިވެޓައިޒް ކޮށްގެން ދެ ބިލިއަން ރުފިޔާ ސަރުކާރަށް ހޯދަނީ

06 ޖޫން 2021

ސަރުކާރު ހިއްސާވާ ކުންފުނިތައް ޕްރައިވެޓައިޒް ކޮށްގެން ކުރިއަށް އޮތް ތިން އަހަރު ދެ ބިލިއަން ރުފިޔާ އާމްދަނީގެ ގޮތުގައި ހޯދާނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ސަރުކާރު ހިއްސާވާ ކުންފުނިތައް ޕްރައިވެޓައިޒް ކޮށްގެން ކުރިއަށް އޮތް ތިން އަހަރު ދެ ބިލިއަން ރުފިޔާ އާމްދަނީގެ ގޮތުގައި ހޯދާނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީން އާންމު ކޮށްފައިވާ "މޯލްޑިވްސް ފިސްކަލް ރިސްކް ސްޓޭޓްމެންޓް"ގައިވާ ގޮތުން ސަރުކާރު ހިއްސާވާ ކުންފުނިތައް ޕްރައިވަޓައިޒް ކޮށްގެން މާލީ މަންފާ ހޯދަން ވަނީ ނިންމައިފަ އެވެ. މި އަހަރުގެ މެދުތެރޭގައި ެ ޕްރޮގްރާމު ފަށާނެ އެވެ.

ފިނޭންސް މިނިސްޓްރީން ބުނިގޮތުގައި، ކުންފުނިތައް ޕްރައިވެޓައިޒް ކުރުމުން، އެ ތަންތަނުގެ ހިންގުން ރަނގަޅުކޮށް، ފައިދާ ބޮޑު ކުރެވޭނެ އެވެ. ޕްރައިވެޓައިޒް ކުރުމުން ބައެއް ކުންފުނިތަކުގެ ހިއްސާ އަމިއްލަ ފަރާތްތަކަށް ވިއްކައި، ކުންފުނިތައް ލިސްޓު ވެސް ކުރާނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެ އެވެ.

އެ މިނިސްޓްރީން 2021-2023 އަށް ހިންގާ ޕްރައިވެޓައިޒޭޝަން ޕްރޮގްރާމުގެ ދަށުން މި އަހަރު 460 މިލިއަން ރުފިޔާ ހޯދުމަށް ބަޖެޓުގައި ކަނޑައަޅާފައިވެ އެވެ.

މިދިޔަ އަހަރު ރައްޔިތުންގެ މަޖިލީހުގެ ބަޖެޓު ކޮމިޓީގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެފައި ވަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އެންމެ ބޮޑު ފައިދާއެއް ލިބެނީ ޕްރައިވެޓް ސެކްޓަރުގެ ހިއްސާ އޮންނަ ކުންފުނިތަކާއި ލިސްޓެޑް ކުންފުނިތަކުން ކަމަށެވެ.

ޕްރައިވަޓައިޒޭޝަން ޕްރޮގްރާމު ކުރިއަށް ގެންދާނީ ދެފުށް ފެންނަ އުސޫލެއްގެ ތެރެއިން ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފައިވެ އެވެ.