Roadha Mihaaru
އެސްއޯއީތަކުން ނެގި 5 ލޯނަކަށް ސަރުކާރުން ގެރެންޓީދީފި

މިދިޔަ އަހަރު އެސްއޯއީތަކުން ނެގި 750 މިލިއަން ރުފިޔާގެ ލޯނަށް ގެރެންޓީދިން

04 ފެބުރުއަރީ 2024

ސަރުކާރު ހިއްސާވާ ފަސް ކުންފުންޏަކުން މިދިޔަ އަހަރު ނެގި 750 މިލިއަން ރުފިޔާގެ ލޯނަށް ސަރުކާރުން ގެރެންޓީ ދީފައިވާ ކަން ހާމަވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ސަރުކާރު ހިއްސާވާ ފަސް ކުންފުންޏަކުން މިދިޔަ އަހަރު ނެގި 750 މިލިއަން ރުފިޔާގެ ލޯނަށް ސަރުކާރުން ގެރެންޓީ ދީފައިވާ ކަން ހާމަވެއްޖެ އެވެ.

ފިނޭންސް މިނިސްޓްރީން އިއްޔެ އާންމުކުރި ތަފާސްހިސާބުތަކުން ފެންނަ ގޮތުގައި މިދިޔަ އަހަރު ދައުލަތުން އެންމެ ބޮޑު އަދަދަކަށް ގެރެންޓީ ދިނީ ފެނަކައިން ނަގާފައިވާ 400 މިލިއަން ރުފިޔާ އަށެވެ. ދެ ލޯނެއްގެ ގޮތުގައި ނެގި އެ އަދަދު ކަނޑައެޅީ، އެ ކުންފުނީގެ ދަރަނި އިންތިހާ އަށް ބޮޑުވެ، ކޭޝް ފްލޯ ހަމައަކަށް އަޅުވާށެވެ.

ދެ ވަނަ އަށް އެންމެ ބޮޑު އަދަދެއް ނެގީ އެޗްޑީސީއިންނެވެ. އެ ކުންފުނިން ވެސް ދެ ލޯނަކަށް ވަނީ 200 މިލިއަން ރުފިޔާ ނަގައިފަ އެވެ. އޭގެ އިތުރުން މިފްކޯ އިން 150 ރުފިޔާގެ ލޯނެއް ހަބީބު ބޭންކުން ނެގި އެވެ. އެ ލޯނު މިފްކޯ އިން ނެގީ އެ ކުންފުނިން ކޫއްޑު އާއި ފުނަދޫ އަދި ތިނަދޫގައި ހަދާފައިވާ ފެސިލިޓީ އަޕްގްރޭޑު ކުރުމަށެވެ.

މިފްކޯ އިން ނެގި ލޯނު ފިޔަވައި ފެނަކަ އާއި އެޗްޑީސީ އިން ނެގި ހަތަރު ލޯނު ވެސް ނަގާފައިވަނީ މޯލްޑިވްސް އިސްލާމިކް ބޭންކުންނެވެ.

ދައުލަތުން ގެރެންޓީ ދިން ލޯނުތަކުގެ އަދަދު މިހާރު ހުރީ 14 ބިލިއަން ރުފިޔާގަ އެވެ. މިދިޔަ އަހަރު ވެސް ފިނޭންސް މިނިސްޓްރީން ވަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުން ނެގި ފަސް ލޯނަކަށް ގެރެންޓީ ދީފަ އެވެ.

މިދިޔަ ފަސް އަހަރު ސަރުކާރުން ވަނީ އެސްއޯއީތަކުން ނެގި 14 ލޯނަކަށް ގެރެންޓީ ދީފަ އެވެ. ގެރެންޓީ ދިން ލޯނުގެ އަދަދު 12 ބިލިއަން ރުފިޔާ އަށް އަރަ އެވެ. އޭގެ ތެރެއިން ގެރެންޓީ ދިން އެންމެ ބޮޑު އަދަދަކީ ފަހި ދިިރިއުޅުން ކޯޕަރޭޝަނުން (އެފްޑީސީ) އިން އިންޑިއާގެ އެގްޒިމް ބޭންކުން ނެގި 127 މިލިއަން ޑޮލަރު (3.5 ބިލިއަން ރުފިޔާ) ގެ ލޯނެވެ.