Roadha Mihaaru
ކޯޗު މަޑުކުރުމުގެ ފުރުސަތު ބޮޑު: ބައްސާމް

ކޯޗު މަޑުކުރުމުގެ ފުރުސަތު ބޮޑު: ބައްސާމް

21 ނޮވެމްބަރ 2016

ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗަކަށް މި ވަގުތު ހުރި އޮސްޓްރޭލިއާގެ ޑަރެން ސްޓެވާޓް ޓީމުގައި މަޑުކުރުމުގެ ފުރުސަތު ބޮޑު ކަމަށް އެފްއޭއެމްގެ އާ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެ އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗަކަށް މި ވަގުތު ހުރި އޮސްޓްރޭލިއާގެ ޑަރެން ސްޓެވާޓް ޓީމުގައި މަޑުކުރުމުގެ ފުރުސަތު ބޮޑު ކަމަށް އެފްއޭއެމްގެ އާ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެ އެވެ.

ސްޓެވާޓް ކޯޗަކަށް ހަމަޖެއްސީ އޭޝިއަން ކަޕް ޕްލޭ އޮފް ދެ މެޗަށެވެ. އޭނާ ވަނީ އޭޝިއަން ކަޕްގެ ކޮލިފައިން ގްރޫޕް ސްޓޭޖުން ރާއްޖެ އަށް ޖާގަ ހޯދައިދީފަ އެވެ. ސްޓެވާޓަށް އަދި ދާއިމީ ކޮންޓްރެކްޓެއް ދީފައިނުވާއިރު، އޭނާ ވަނީ އިތުރު ފުރުސަތެއް ދީފިނަމަ 2019 ވަނަ އަހަރުގެ އޭޝިއަން ކަޕަށް ކޮލިފައިކޮށްދޭން ބޭނުން ކަމަށް ބުނެފަ އެވެ.

"ވަރަށް ބޮޑު ފުރުސަތެއް އެބައޮތް ކޯޗު ޓީމުގައި މަޑުކުރުމުގެ. މަދު ދުވަސް ކޮޅެއްގެ ތެރޭގައި ކޯޗު އޭނާގެ ފެންވަރު ސާބިތުކޮށްދީފި. އެކަމަކު ގައުމީ ޓީމުގެ ކަންތައްތަކަށް ހާއްސަ ކޮމިޓީއެއް އެކުލަވާލެވިފައިވާއިރު އެ ބޭފުޅުންނާ ވެސް މަޝްވަރާކޮށްގެން ޑިސިޝަނެއް ނަގާނީ. އެ ބޭފުޅުން ވެސް ވަނީ ކޯޗުގެ މަސައްކަތް ބަލައިގަނެފައި،" އިއްޔެ އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ބައްސާމް ވިދާޅުވި އެވެ.

ލާއޮސް ކޮޅަށް ލަނޑު ޖެހުމަށް ފަހު ގައުމީ ޓީމުގެ ކުޅުންތެރިން ކޯޗު ސްޓެވާޓް ގައިގައި ބައްދާލައިގެން.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ލާއޮސް ކޮޅަށް ލަނޑު ޖެހުމަށް ފަހު ގައުމީ ޓީމުގެ ކުޅުންތެރިން ކޯޗު ސްޓެވާޓް ގައިގައި ބައްދާލައިގެން.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ސްޓެވާޓްގެ ކޯޗުކަމުގައި ގައުމީ ޓީމު ވަނީ ވާދަވެރި ތިން މެޗެއް ކުޅެފަ އެވެ. އެއީ ރަހުމަތްތެރިކަމުގެ މެޗެއްގައި ބަންގްލަދޭޝްއާ ދެކޮޅަށާއި އޭޝިއަން ކަޕް ކޮލިފައިންގައި ލާއޯސްއާ ދެކޮޅަށް މާލޭގައި ކުޅުނު މެޗާއި ލާއޯސްގައި ކުޅުނު މެޗެވެ. ބަންގްލަދޭޝް އަތުން 5-0 އިން މޮޅުވިއިރު، ލާއޮސް އަތުން މާލޭގައި މޮޅުވީ 4-0 އިންނެވެ. އަދި ލާއޮސްގައި ކުޅުނު ދެ ވަނަ ލެގުގެ މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.

އޮސްޓްރޭލިއާ ގައުމީ ޓީމަށް 1992 ވަނަ އަހަރު ތިން މެޗު ކުޅެދީފައިވާ ސްޓެވާޓް ވަނީ 2013 ވަނަ އަހަރު ސިންގަޕޫރު ލީގު ކަޕް ބަލެސްޓިއާ ޚަލްސާ އަށް ކާމިޔާބުކޮށްދީފަ އެވެ. އޭގެ ކުރިން 2009-2011 އަށް ސިންގަޕޫރުގެ ގޮމްބެކް ޔުނައިޓެޑަށް ވެސް ކޯޗުކޮށްދިން އިރު އޭނާ އެންމެ ފަހުން ކޯޗުކޮށްދިނީ ސިންގަޕޫރުގެ ވުޑްލެންޑްސް ވެލިންޓަން އެފްސީ އަށެވެ. މީގެ އިތުރުން 2004-2005 އަށް ސިންގަޕޫރުގެ ގަދަބާރު ގޭލެންގް ޔުނައިޓެޑުގެ އެސިސްޓަންޓް ކޯޗަކަށް ވެސް މަސައްކަތްކުރި އެވެ. އުމުރުން 50 އަހަރުގެ ސްޓެވާޓް ވަނީ 1986 ވަނަ އަހަރުން ފެށިގެން 2001 ވަނަ އަހަރުގެ ނިޔަލަށް ޕްރޮފެޝަނަލް ފުޓްބޯޅަ ކްލަބް ލެވެލްގައި ކުޅެފަ އެވެ. އެގޮތުން އޮސްޓްރޭލިއާގެ ނިއުކާސަލް ބްރޭކާސް އާއި ބްލެކްޓަން ސިޓީ އަދި މެލޭޝިއާގެ ޖޮހޯރު އެފްސީ އަދި ސިންގަޕޫރުގެ ބަލެސްޓިއާ އަށް ކުޅުނެވެ.