Roadha Mihaaru
އުއްޗު ފައިސާ ދީފި، އެފްއޭއެމުން ކުޅުންތެރިންނަށް ނުދޭ

އުއްޗުގެ މެޗުން އެފްއޭއެމަށް 1.1 މިލިއަން ރުފިޔާ ލިބިއްޖެ، އެކަމަކު ކުޅުންތެރިންނަށް ނުދީ ހިފަހައްޓާފައި

04 އޮކްޓޯބަރ 2022

މަޝްހޫރު ވިޔަފާރިވެރިޔާ ޗަމްޕާ މުހައްމަދު މޫސާ (އުއްޗު) އިންތިޒާމުކުރެއްވި ފުޓްބޯޅަ މެޗެއް މެދުވެރިކޮށް ގައުމީ ފުޓްބޯޅަ ޓީމަށް ދެއްވަން އެއްބަސްވި 1.2 މިލިއަން ރުފިޔާގެ ތެރެއިން 1.1 މިލިއަން ރުފިޔާ އެފްއޭއެމް އަށް ލިބިފައިވީ ނަމަވެސް އެ ފައިސާ ކުޅުންތެރިންނަށް ދީފައި ނުވާ މައްސަލަ ފެންމަތި ވެއްޖެ އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

މަޝްހޫރު ވިޔަފާރިވެރިޔާ ޗަމްޕާ މުހައްމަދު މޫސާ (އުއްޗު) އިންތިޒާމުކުރެއްވި ފުޓްބޯޅަ މެޗެއް މެދުވެރިކޮށް ގައުމީ ފުޓްބޯޅަ ޓީމަށް ދެއްވަން އެއްބަސްވި 1.2 މިލިއަން ރުފިޔާގެ ތެރެއިން 1.1 މިލިއަން ރުފިޔާ އެފްއޭއެމް އަށް ލިބިފައިވީ ނަމަވެސް އެ ފައިސާ ކުޅުންތެރިންނަށް ދީފައި ނުވާ މައްސަލަ ފެންމަތި ވެއްޖެ އެވެ.

އެއީ މިދިޔަ އަހަރު ޅ. ކުރެއްދޫގައި ގައުމީ ޓީމާއި ކުރެއްދޫއާ ދެމެދު ކުޅުނު އެކުވެރިކަމުގެ ފުޓްބޯޅަ މެޗަކާ ގުޅިގެން އުއްޗު ގައުމީ ޓީމަށް ދެއްވަން ނިންމެވި އަދަދެކެވެ. އެ 1.2 މިލިއަން ރުފިޔާގެ ތެރެއިން އުއްޗު ސީދާ ދެއްވީ 500،000ރ. އެވެ. ދެން ހިމެނެނީ އުއްޗު މެދުވެރިވެގެން އެސްޓީއޯ އިން ދޭ 500،000ރ. އާއި ދިރާގުން ދޭ 100،000ރ. އަދި ވިލާ ޓްރެވަލްސް އިން ދޭ 100،000ރ. އެވެ.

އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް ވަނީ އުއްޗު، ދިރާގު އަދި އެސްޓީއޯގެ ފައިސާ އެފްއޭއެމް އަށް ލިބިފައިވާކަން ކަށަވަރުކޮށްދެއްވައިފަ އެވެ. އޭނާ ވިދާޅުވީ ނުލިބެނީ ވިލާ ޓްރެވަލްސް އިން ދޭން ބުނި އަދަދު އެކަނި ކަމަށެވެ.

ޖަވާޒް ވިދާޅުވީ އެ ފައިސާ ކުޅުންތެރިންނަށް ނުދީ އޮތް އެއް ސަބަބަކީ ވިލާ އިން ލިބެން ޖެހޭ ފައިސާ ނުލިބުން ކަމަށެވެ. އަނެއް ސަބަބަކީ އެ މެޗު އޮތް ދުވަސްވަރު ގައުމީ ޓީމު ވާދަކުރި މުބާރާތެއް ކަމަށްވާ ސްރީ ލަންކާގެ މަހިންދަ ރާޖަޕަކްސަ މުބާރާތުގައި ގައުމީ ޓީމުގެ ނަތީޖާ ދަށްވުމެވެ.

އެކަމަކު ޖަވާޒް ވިދާޅުވީ ވިލާ އިން ފައިސާ ނުދިނަސް އަންނަ ހަފުތާގައި ކުޅުންތެރިންނަށް އެ ފައިސާ ދޭނެ ކަމަށެވެ.

"އެ ފައިސާ ނުގެއްލޭ،" އެފްއޭއެމް މީޑިއާ ގްރޫޕްގައި ޖަވާޒް ވިދާޅުވި އެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި އުއްޗު ދެއްވަން ޖެހޭ ބައި އެފްއޭއެމަށް ދިނީ މިދިޔަ އަހަރު އޮކްޓޯބަރު 31 ގަ އެވެ.

"މިހާރު" އާ ވާހަކަ ދެއްކި ގައުމީ ޓީމުގެ ކުޅުންތެރިން ވަނީ އެ ފައިސާ ނުލިބިގެން ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.

"އެ ފައިސާ ނުދޭތީ ކެޕްޓަން އަކުރަމް [އަބްދުލް ގަނީ] ވަނީ މިދިޔަ މަހު ގައުމީ ޓީމުގެ ގުރޫޕްގައި ވެސް އެކަމާ ކަންބޮޑު ވެގެން އެ ވާހަކަ ދައްކައިފަ،" ގައުމީ ޓީމުގެ ކުޅުންތެރިޔަކު ބުންޏެވެ.

"އެއީ އެންމެ ފަހުން ކުޅުނު ދެ މެޗަށް [ލާއޯސް އާއި ބުރުނާއީ] އާ ދެކޮޅަށް ކުޅުނު ދެ މެޗަށް ތައްޔާރުވަމުން ދިޔައިރު. އެހެންނަމަވެސް ޓީމު އެ ދެ މެޗަށް ގެންދިޔައީ ކުޅުންތެރިންނަށް އެ ފައިސާ ނުދީ."

ކުރެއްދޫގައި މިދިޔަ އަހަރު އޮކްޓޯބަރު މަހު ގައުމީ ޓީމުން ކުޅުނު މެޗަށް ފަހު ގައުމީ ކެޕްޓަން އަކުރަމް (ކ) ގެ ފަރާތުން އުއްޗު އަށް ޖޯޒީއެއް ހަވާލުކޮށް ދެއްވަނީ

ކުރެއްދޫގައި މިދިޔަ އަހަރު އޮކްޓޯބަރު މަހު ގައުމީ ޓީމުން ކުޅުނު މެޗަށް ފަހު ގައުމީ ކެޕްޓަން އަކުރަމް (ކ) ގެ ފަރާތުން އުއްޗު އަށް ޖޯޒީއެއް ހަވާލުކޮށް ދެއްވަނީ

ކުރެއްދޫގެ މެޗުން ގައުމީ ޓީމަށް ކުންފުނިތަކުން ފައިސާ ދިން ގޮތް

- ކުރެއްދޫ ރިސޯޓް (އުއްޗު): 500،000 ރުފިޔާ

- އެސްޓީއޯ: 500،000 ރުފިޔާ

- ދިރާގު: 100،000 ރުފިޔާ

- ވިލާ ޓްރެވަލްސް: 100،000 ރުފިޔާ

ކުރެއްދޫގައި ކުޅުނު މެޗަށް ފަހު، ކުރެއްދޫ ޓީމުގެ ކުޅުންތެރިންނާއި އެ ރިސޯޓްގެ ވެރިން އަދި ގައުމީ ޓީމުގެ ކުޅުންތެރިންނާއި އެފްއޭއެމްގެ ވެރިން ފޮޓޯ އަކަށް ހުއްޓިލައިގެން

ކުރެއްދޫގައި ކުޅުނު މެޗަށް ފަހު، ކުރެއްދޫ ޓީމުގެ ކުޅުންތެރިންނާއި އެ ރިސޯޓްގެ ވެރިން އަދި ގައުމީ ޓީމުގެ ކުޅުންތެރިންނާއި އެފްއޭއެމްގެ ވެރިން ފޮޓޯ އަކަށް ހުއްޓިލައިގެން

އެ ފައިސާ ޓީމުގެ 23 ކުޅުންތެރިންގެ މެދުގައި އެކަނި ބެހި ނަމަވެސް ކޮންމެ ކުޅުންތެރިޔަކަށް، 52،000 އެއްހާ ރުފިޔާ ލިބޭނެ އެވެ. އެކަމަކު އެ ފައިސާ ބަހަނީ ހަމައެކަނި ކުޅުންތެރިންގެ މެދުގައި ކަމެއް ނުވަތަ ޓީމުގެ ކޯޗިން ސްޓާފުންނާ އެކުގައި ކަމެއް ނޭނގެ އެވެ. ކޯޗުން ސްޓާފުންނާއި ޓީމުގެ އޮފިޝަލުންގެ މެދުގައި ބަހާނަމަ ވެސް ސްކޮޑްގެ ކޮންމެ މެންބަރަކަށް 40،000 ރުފިޔާ ލިބޭނެ އެވެ.

ކުޅުންތެރިންނަށް އެ ފައިސާ ދީފައި ނުވާ މައްސަލަ އެންމެ ފުރަތަމަ ފެންމަތި ކުރީ، ގައުމީ ޓީމުގެ ކުރީގެ އެސިސްޓެންޓް ކޯޗު ޕޯޗުގަލްގެ ސިމާއޯ ކޮސްޓާ އެވެ. އޭނާ އަށް ވެސް މި އަހަރު ޖެނުއަރީން ފެށިގެން ޖޫން މަހާ ހަމައަށް އޭނާ އަށް މުސާރަ ދީފައެއް ނުވެ އެވެ. އޭގެ ފަހުން ރާއްޖޭގެ ކޯޗު ކަމުން އަމިއްލަ އަށް ވަކިވެ އޭނާ ވަނީ މައްސަލަ ފީފާ އަށް ހުށަހަޅައިފަ އެވެ.

ފިރިހެން ސީނިއާ ޓީމުގެ ކުރީގެ ހެޑް ކޯޗު މާޓިން ކޫޕްމަން އާއި ކުރީގެ އެސިސްޓެންޓް ކޯޗު ރެނޭ ހިޑިންކްގެ ކޮންޓްރެކްޓް ގަވާއިދާ ހިލާފަށް ބާތިލު ކުރުމުން އެ ދެ ކޯޗުންނަށް ބަދަލު ދިނުމަށް ވެސް ފީފާގެ ފުޓްބޯލް ޓްރިބިއުނަލްއިން އެފްއޭއެމް އަށް އެންގި އެވެ.

ގައުމީ އަންހެން ޓީމުގެ ކުރީގެ ކޯޗު ސާބިއާގެ ޑޭވޯ ބާބާ އަށް މުސާރަ ދީފައި ނުވާ މައްސަލަ އާ ގުޅިގެން އޭނާ އަށް ވެސް ފައިސާ ދިނުމަށް ފީފާގެ އެ ކޮމިޓީން އެފްއޭއެމަށް އެންގި އެވެ. ޑޭވޯ އަށް ފައިސާ ދެއްކުމަށް އެފްއޭއެމަށް ދިން 45 ދުވަހުގެ މުއްދަތު މިހާރު ވަނީ ހަމަވެފަ އެވެ. އޭނާ އަށް ވެސް އެ ފައިސާ އަދާކޮށްފައެއް ނުވެ އެވެ.