Roadha Mihaaru
އެފްއޭމުން ކުޅުންތެރިންނަށް އަދިވެސް ފައިސާ ނުދޭ

ހަފުތާ ނިމިއްޖެ، އެފްއޭމުން ކުޅުންތެރިންނަށް ފައިސާ ނުދޭ

17 އޮކްޓޯބަރ 2022

ޅ. ކުރެއްދޫ ރިސޯޓުގައި ގައުމީ ފުޓްބޯޅަ ޓީމުން ކުޅުނު މެޗުން ޓީމަށް ލިބުނު ފައިސާ ކުޅުންތެރިންގެ މެދުގައި ބަހާނެ ކަމަށް ބުނި ހަފުތާ ފާއިތުވިއިރު ވެސް އެފްއޭއެމުން ފައިސާ ނުދޭ ކަމަށް ކުޅުންތެރިން ބުނެފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ޅ. ކުރެއްދޫ ރިސޯޓުގައި ގައުމީ ފުޓްބޯޅަ ޓީމުން ކުޅުނު މެޗުން ޓީމަށް ލިބުނު ފައިސާ ކުޅުންތެރިންގެ މެދުގައި ބަހާނެ ކަމަށް ބުނި ހަފުތާ ފާއިތުވިއިރު ވެސް އެފްއޭއެމުން ފައިސާ ނުދޭ ކަމަށް ކުޅުންތެރިން ބުނެފި އެވެ.

މިދިޔަ އަހަރު އޮކްޓޯބަރު މަހު ކުޅުނު އެ މެޗުން، ހަތަރު ކުންފުންޏެއް މެދުވެރިކޮށް ގައުމީ ޓީމަށް 1.2 މިލިއަން ރުފިޔާ ދޭން ނިންމި އެވެ. އޭގެ ތެރެއިން 1.1 މިލިއަން ރުފިޔާ އެފްއޭއެމް ލިބިފައިވާ ކަމަށް އެ އެސޯސިއޭޝަނުން ވެސް ބުންޏެވެ. އެ ފައިސާ ކުޅުންތެރިންނަށް ބަހާފައި ނުވާ މައްސަލަ ފެންމަތިވެ، އެފްއޭއެމް އަށް ފާޑު ކިޔުން އަމާޒުވުމުން އެ އެސޯސިއޭޝަނުން ބުނީ، މި މިދިޔަ ހަފުތާގައި އެ ފައިސާ ކުޅުންތެރިންގެ މެދުގައި ބަހާނެ ކަމަށެވެ.

ކުރެއްދޫގެ މެޗާ ގުޅިގެން، އެ ރިސޯޓްގެ އޯނަރު ޗަމްޕާ މުހައްމަދު މޫސާ (އުއްޗު) ސީދާ ދެއްވީ 500،000ރ. އެވެ. ދެން ހިމެނެނީ އެސްޓީއޯ އިން ދިން 500،000ރ. އާއި ދިރާގުން ދިން 100،000ރ. އާއި ވިލާ ޓްރެވަލްސްއިން ދޭނެ ކަމަށް ބުނެފައި ވަނީ 100،000ރ. އެވެ.

ވިލާ އިން ފައިސާ ދީފައި ނުވި ނަމަވެސް ބާކީ 1.1 މިލިއަން ރުފިޔާ މިދިޔަ ހަފުތާގައި ކުޅުންތެރިންނަށް ދޭނެ ކަމަށް އެފްއޭއެމުން ބުންޏެވެ.

ނަމަވެސް މިހާތަނަށް ވެސް އެ ފައިސާ ކުޅުންތެރިންގެ މެދުގައި ބަހާފައެއް ނުވެ އެވެ. ގައުމީ ޓީމުގެ ސީނިއާ ކުޅުންތެރިޔަކު ވަނީ އެކަން ކަށަވަރުކޮށްދީފަ އެވެ.

ކުރެއްދޫގައި މެޗު ކުޅުނުތާ އަހަރެއް ވާން ގާތް ވެފައިވާ އިރު ވެސް، މިދިޔަ ހަފުތާ އާ ހަމައަށް ވެސް އެ ފައިސާ ނުދީ އެފްއޭއެމުން ހިފެއްޓީ ދެ ސަބަބަކާ ގުޅިގެން ކަމަށް ޖެނަރަލް ސެކެރެޓަރީ ހުސައިން ޖަވާޒު، މި މަހުގެ 4 ވަނަ ދުވަހު އެފްއޭއެމް މީޑީއާ ގުރޫޕަށް ފޮނުއްވި މެސެޖުގައި ވިދާޅުވެފައި ވެއެވެ.

ފުރަތަމަ ސަބަބަކީ އެ މެޗުގައި ގައުމީ ޓީމަށް ފައިސާ ދޭނެ ކަމަށް ބުނި ކުންފުނިތަކުގެ ތެރެއިން، ވިލާ އިން ދޭން ޖެހޭ ފައިސާ ދީފައި ނުވުމެވެ. އަނެއް ސަބަބަކީ މިދިޔަ އަހަރު ލަންކާގައި ބޭއްވި މަހިންދަ ރާޖަޕަކްސަ ފުޓްބޯޅަ މުބާރާތުގައި ގައުމީ ޓީމުގެ ނަތީޖާ ދަށްވުމުން، ޓީމަށް އެޅި ފިޔަވަޅެއްގެ ގޮތުންނެވެ.

ގައުމީ ޓީމުގެ ޓްރެއިނިން ސެޝަނެއްގެ ތެރެއިން ކޯޗު މޮރިއޭރޯ ކުޅުންތެރިންނަށް އިރުޝާދު ދެނީ: މޮރިއޭރޯގެ ކޮންޓްރެކްޓް އާ ކޮށްފައި ވީނަމަވެސް އޭނާ އަށް ވެސް މުސާރަ ނުދޭ މައްސަލަ ވަނީ ފެންމަތި ވެފަ --- ފޮޓޯ: އެފްއޭއެމް

ގައުމީ ޓީމުގެ ޓްރެއިނިން ސެޝަނެއްގެ ތެރެއިން ކޯޗު މޮރިއޭރޯ ކުޅުންތެރިންނަށް އިރުޝާދު ދެނީ: މޮރިއޭރޯގެ ކޮންޓްރެކްޓް އާ ކޮށްފައި ވީނަމަވެސް އޭނާ އަށް ވެސް މުސާރަ ނުދޭ މައްސަލަ ވަނީ ފެންމަތި ވެފަ --- ފޮޓޯ: އެފްއޭއެމް

ކުރެއްދޫގެ މެޗުން ގައުމީ ޓީމަށް ކުންފުނިތަކުން ފައިސާ ދިން ގޮތް

- ކުރެއްދޫ ރިސޯޓް (އުއްޗު): 500،000 ރުފިޔާ

- އެސްޓީއޯ: 500،000 ރުފިޔާ

- ދިރާގު: 100،000 ރުފިޔާ

- ވިލާ ޓްރެވަލްސް: 100،000 ރުފިޔާ

އެ ފައިސާ ޓީމުގެ 23 ކުޅުންތެރިންގެ މެދުގައި އެކަނި ބެހި ނަމަވެސް ކޮންމެ ކުޅުންތެރިޔަކަށް، 52،000 އެއްހާ ރުފިޔާ ލިބޭނެ އެވެ. އެކަމަކު އެ ފައިސާ ބަހަނީ ހަމައެކަނި ކުޅުންތެރިންގެ މެދުގައި ކަމެއް ނުވަތަ ޓީމުގެ ކޯޗިން ސްޓާފުންނާ އެކުގައި ކަމެއް ނޭނގެ އެވެ. ކޯޗުން ސްޓާފުންނާއި ޓީމުގެ އޮފިޝަލުންގެ މެދުގައި ބަހާނަމަ ވެސް ސްކޮޑްގެ ކޮންމެ މެންބަރަކަށް 40،000 ރުފިޔާ ލިބޭނެ އެވެ. ކުޅުންތެރިންނަށް އެ ފައިސާ ދީފައި ނުވާ މައްސަލަ އެންމެ ފުރަތަމަ ފެންމަތި ކުރީ، ގައުމީ ޓީމުގެ ކުރީގެ އެސިސްޓެންޓް ކޯޗު ޕޯޗުގަލްގެ ސިމާއޯ ކޮސްޓާ އެވެ. އޭނާ އަށް ވެސް މި އަހަރު ޖެނުއަރީން ފެށިގެން ޖޫން މަހާ ހަމައަށް އޭނާ އަށް މުސާރަ ދީފައެއް ނުވެ އެވެ. އޭގެ ފަހުން ރާއްޖޭގެ މަގާމުގައި އޭނާގެ ދައުރު ހަމަވުމުން އޭނާ ވަނީ މައްސަލަ ފީފާ އަށް ހުށަހަޅައިފަ އެވެ.

ގައުމީ ޓީމުގެ ހެޑް ކޯޗު، ފްރެންޗެސްކޯ މޮރިއޭރޯގެ ކޮންޓްރެކްޓް މި މަހު އާ ކުރި އިރު ވެސް އޭނާ އަށް ވެސް ނުވައެއް ނުވަތަ އަށް މަހުގެ މުސާރަ ދީފައި ނުމުގެ މައްސަލަ ވެސް ވަނީ ފެންމަތި ވެފަ އެވެ. ގައުމީ އަންހެން ޓީމުގެ ކުރީގެ ކޯޗު ސާބިއާގެ ޑޭވޯ ބާބާ އަށް މުސާރަ ދީފައި ނުވާ މައްސަލަ އާ ގުޅިގެން އޭނާ އަށް ވެސް ފައިސާ ދިނުމަށް ފީފާގެ އެ ކޮމިޓީން އެފްއޭއެމަށް އެންގި އެވެ. ޑޭވޯ އަށް ފައިސާ ދެއްކުމަށް އެފްއޭއެމަށް ދިން 45 ދުވަހުގެ މުއްދަތު މިހާރު ވަނީ ހަމަވެފަ އެވެ. އޭނާ އަށް ވެސް އެ ފައިސާ އަދާކޮށްފައެއް ނުވެ އެވެ.