Roadha Mihaaru
ލާއޯސް އާއި ބުރުނާއީ އެކު ރާއްޖެއިން ދެ މެޗު ކުޅެނީ

އެކުވެރިކަމުގެ ދެ މެޗު އަންނަ މަހު ރާއްޖެއިން ލާއޯސް އަދި ބުރުނާއީ އާ ދެކޮޅަށް ކުޅެނީ

16 އޯގަސްޓް 2022

ބައިނަލްއަގްވާމީ އެކުވެރިކަމުގެ ދެ މެޗުގައި، ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުން އަންނަ މަހު ލާއޯސް އަދި ބުރުނާއީ ދާރުއްސަލާމާ ދެކޮޅަށް ކުޅެން ހަމަޖައްސައިފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ބައިނަލްއަގްވާމީ އެކުވެރިކަމުގެ ދެ މެޗުގައި، ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުން އަންނަ މަހު ލާއޯސް އަދި ބުރުނާއީ ދާރުއްސަލާމާ ދެކޮޅަށް ކުޅެން ހަމަޖައްސައިފި އެވެ.

އެފްއޭއެމްގެ ރައިސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ އެ ދެ މެޗު ވެސް ކުޅޭނީ ބުރުނާއީގައި ކަމަށެވެ.

ރާއްޖެއިން އެންމެ ފަހުން ބައިނަލްއަގްވާމީ އެކުވެރިކަމުގެ މެޗެއް ކުޅުނީ މާޗް މަހު ބަންގްލަދޭޝްއާ ދެކޮޅަށެވެ. މާލޭގައި ކުޅުނު އެ މެޗު ރާއްޖެއިން ކާމިޔާބު ކުރީ 2-0 ންނެވެ. އޭގެ ފަހުން އޭޝިއަން ކަޕް ކޮލިފިކޭޝަންގައި ރާއްޖެއިން ވަނީ އުޒްނެކިސްތާން، ތައިލެންޑް އަދި ސްރީ ލަންކާ އާ ދެކޮޅަށް އުޒްބެކިސްތާންގައި ކުޅެފަ އެވެ. ފަހު މެޗުގައި ލަންކާ އަތުން މޮޅުވިޔަސް ތައިލެންޑާއި އުޒްބެކިސްތާން އަތުން ރާއްޖެ ބަލިވެ އޭޝިއަން ކަޕުގެ ފުރުސަތު ރާއްޖެއަކަށް ނުލިބުނެވެ.

މީގެ ކުރިން ރާއްޖެއިން ވަނީ ބުރުނާއީ އާ ދެކޮޅަށް މެޗެއް ކުޅެފަ އެވެ. ޗައިނާގައި 2004 ގައި ބޭއްވި އޭޝިއަން ކަޕް ކޮލިފިކޭޝަންގެ ޕްރިލިމިނަރީ ބުރުގައި މާޗް 2003 ގައި ގަލޮޅު ދަނޑުގައި ބުރުނާއީ އާ ދެކޮޅަށް ރާއްޖެއިން ކުޅުނު މެޗު އެއްވަރުވީ 1-1 ންނެވެ. ރާއްޖޭގެ ފޯވާޑް އަދި އެފްއޭއެމްގެ މިހާރުގެ ނައިބު ރައީސް އަލީ އުމަރު 42 ވަނަ މިނެޓްގައި ރާއްޖެއަށް ލީޑް ނަގައި ދީފައި ވަނިކޮށް މެޗުގެ 89 ވަނަ މިނެޓްގައި ބުރުނާއީގެ ފަދްލިން ބިން ގަލަވަތު އެ ޓީމަށް ނަތީޖާ ހަމަހަމަ ކޮށްދިނެވެ.

ރާއްޖެއިން ވަނީ މީގެ ކުރިން ލާއޯސް އާ ދެކޮޅަށް ދެ ފަހަރު ކުޅެފަ އެވެ. އޭޝިއަން ކަޕް 2019 ގެ ކޮލިފިކޭޝަންގެ ޕްލޭއޮފްގެ ފުރަތަމަ ލެގް މެޗުގައި ލާއޯސް އާ ދެކޮޅަށް މާލޭގައި ކުޅުނު މެޗު ރާއްޖެއިން ކާމިޔާބު ކުރީ 4-0 ންނެވެ. އެ މެޗުގައި ރާއްޖޭގެ ފޯވާޑް އަލީ އަޝްފާގް ދެ ލަނޑު ޖެހި އެވެ. އަނެއް ދެ ލަނޑު ޖެހީ އަލީ ފާސިރު (ސެންޓޭ) އާއި ހުސައިން ނިޔާޒު މުހައްމަދު (ބޮކްރީ) އެވެ.

ލާއޯސްގައި ކުޅުނު މެޗު އެއްވަރުވީ 1-1 ންނެވެ. ރާއްޖެ އަށް މެޗު އެއްވަރުކޮށް ދިން ލަނޑު މެޗުގެ އިތުރު ވަގުތުގައި ޖެހީ އަހުމަދު ނާޝިދު (ނާއްޓޭ) އެވެ.

އެ މެޗުގައި ރާއްޖޭގެ ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނީ ކުރީގެ ކީޕަރު އިމްރާން މުހައްމަދެވެ. އެ މަޗަށް ފަހު އޭނާ ވަނީ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާންކޮށްފަ އެވެ. ލެޖެންޑްރީ ކުޅުންތެރިޔާ ވަނީ 17 އަހަރު ވަންދެން ރާއްޖޭގެ ގޯލް ބަލަހައްޓައިފަ އެވެ. ސަރަހައްދީ ފުޓްބޯޅައިގެ ހަތަރު ފައިނަލެއްގައި އޭނާ ވަނީ ރާއްޖޭގެ ގޯލް ބަލަހައްޓައިފަ އެވެ.