Roadha Mihaaru
ތަރައްގީކުރުމުގެ ނަމުގައި މަލިކު ހަލާކުކޮށްލަނީ!

ތަރައްގީކުރުމުގެ ނަމުގައި މަލިކު "ހަލާކުކޮށްލަނީ"!

01 ޖޫން 2021

މަލިކު ހިމެނޭ އިންޑިއާގެ ލަކްޝަދީބުގައި އަމަލުކުރަން ފެށި ހަރުކަށި އާ ގަވާއިދުތަކުގެ ސަބަބުން އެ ރަށްތަކުގައި މައި ސަރުކާރާ ދެކޮޅަށް އިހުތިޖާޖުކުރަން ފަށައި އެކަން ދުނިޔޭގެ ސަމާލުކަމަށް ގެންނަން މަސައްކަތް ފަށައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މަލިކު ހިމެނޭ އިންޑިއާގެ ލަކްޝަދީބުގައި އަމަލުކުރަން ފެށި ހަރުކަށި އާ ގަވާއިދުތަކުގެ ސަބަބުން އެ ރަށްތަކުގައި މައި ސަރުކާރާ ދެކޮޅަށް އިހުތިޖާޖުކުރަން ފަށައި އެކަން ދުނިޔޭގެ ސަމާލުކަމަށް ގެންނަން މަސައްކަތް ފަށައިފި އެވެ.

ލަކްޝަދީބްގެ ކަންކަން ބަލަހައްޓަން ސަރުކާރުން ހަމަޖައްސައިފައި ހުންނަ އެޑްމިނިސްޓްރޭޓަރު ޕްރަފުލް ޕަޓޭލް ވަނީ ކުރިން މަލިކު އަތޮޅުގައި އެންމެ ރަށެއްގައި ރާ ހުއްދަކޮށްފައި އޮތް އޮތުން ބަދަލުކޮށް އިތުރު ރަށްތަކަށް އެ ހުއްދަ ދީފަ އެވެ. އަދި ގެރި ކަތިލުމާއި ގެރި މަސް ކެއުން މަނާކުރުމުގެ އިތުރުން ދެ ދަރިންނަށް ވުރެ ގިނައިން ތިބޭ މީހުންނަށް ކައުންސިލަށް ވާދަނުކުރެވޭ ގޮތް ހެދުމާއި ތަރައްގީގެ ބޭނުމަށް ކަމަށް ބުނެ ކޮންމެ ބިމެއް ވެސް ސަރުކާރަށް ނެގުމުގެ ބާރު ވެސް ސީދާ އެޑްމިނިސްޓްރޭޓަރަށް ވަނީ ދީފަ އެވެ.

މަލިކަކީ ލަކްޝަދީބުގެ 12 އަތޮޅުގެ ތެރެއިން އަތޮޅެކެވެ. އަދި އެތަނުގައި މީހުން އުޅޭ 10 ރަށުގެ ތެރެއިން ރަށެކެވެ. ‎އެތަނުގެ 70،000 މީހުންގެ ތެރެއިން މަލިކުގެ އާބާދީއަކީ ގާތްގަނޑަކަށް 12،000 އެވެ.

މި ގަވައިދުތަކާ މެދު ހިތްހަމަނުޖެހިގެން ޕްރަފުލް ޕަޓޭލް މަގާމުން ވަކިކުރަން މަތީ މަޖިލީހަށް ހުށަހެޅުމަށް، ކެރެލާ ސްޓޭޓްގެ ގާނޫނު ހަދާ މަޖިލީހުން އިއްޔެ ވަނީ ފާސްކޮށްފަ އެވެ.

ލަކްޝަދީބްގެ އެޑްމިނިސްޓްރޭޓަރަކަށް ހުންނަވަނީ އިންޑިއާގެ މައި ސަރުކާރު ހިންގާ ޕާޓީ ބީޖޭޕީގެ މެމްބަރެއް ކަމަށްވާ ޕްރަފުލް ޕަޓޭލް އެވެ. އޭނާ އަކީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ވަރަށް އަރިސް ބޭފުޅެއް ވެސް މެ އެވެ. އޭނާ އެ މަގާމަށް އައްޔަންކުރެއްވީ، ކުރިން އެ މަގާމުގައި ހުންނެވި ދިނޭޝްވަރު ޝަރުމާ މިދިޔަ އަހަރު ފަހުކޮޅު އަވަހާރަވުމުންނެވެ. އޭގެ ފަހުން ލަކްޝަދީބްގައި ހަމަނުޖެހުން ވަނީ ވަރަށް ބޮޑުވެފަ އެވެ.

ލަކްޝަދީބްގައި ތަންފީޒުކުރަން ފަށާފައިވާ އާ ގަވާއިދުތަކާ ދެކޮޅަށް އެ ރަށްތަކުގައި ދިރިއުޅޭ ރައްޔިތުން އަޑުއުފުލަނީ.

ލަކްޝަދީބްގައި ތަންފީޒުކުރަން ފަށާފައިވާ އާ ގަވާއިދުތަކާ ދެކޮޅަށް އެ ރަށްތަކުގައި ދިރިއުޅޭ ރައްޔިތުން އަޑުއުފުލަނީ.

މައްސަލަ ހޫނުވީ ކިހިނެއް؟

އިންޑިއާގެ ޔޫނިއަން ޓެރިޓަރީ ތެރޭގައި އޮންނަ ލަކްޝަދީބްގެ 36 ރަށުގެ ތެރެއިން މީހުން ދިރިއުޅެނީ އެންމެ 10 ރަށެއްގަ އެވެ. މުސްލިމުންގެ 97 ޕަސެންޓް އާބާދީއެއް އޮންނަ މި ރަށްތަކުގައި މިދިޔަ ހަފުތާ އިން ފެށިގެން ރާ ބުއިމާއި ވިއްކުން ހުއްދަކޮށް އަދި ގެރި ކަތިލުމާއި އޭގެ މަސް ކެއުން މަނާކުރުމާ އެކު ރައްޔިތުން ވަނީ ރުޅިގަދަވެފަ އެވެ. މީގެ އިތުރުން ވެސް ލަކްޝަދީބްގެ ރައްޔިތުންނަށް "ޖެއްސުންކުރަން" އިންޑިއާގެ މައި ސަރުކާރު އަޑީގައި އޮވެ، އެ މީހުންގެ ދިރިއުޅުމާއި ސަގާފަތާ ދެކޮޅަށް އަދި ނުރުހުމުގައި އާ ގަވާއިދުތަކެއް ތަންފީޒުކުރާ ކަމުގެ ތުހުމަތު ވަނީ ބޮޑުވެފަ އެވެ.

މި ރަށްތަކުގެ ރައްޔިތުން އަންނަނީ "ސޭވް ލަކްޝަދީބް" ގެ ނަމުގައި އެމީހުންގެ ހައްގުތައް ކަށަވަރުކޮށްދިނުމަށް އަޑުއުފުލަމުންނެވެ. ރައްޔިތުންގެ އިތުރުން އިންޑިއާގެ ސަރުކާރާ ދެކޮޅު ގިނަ ސިޔާސީ މީހުންނާއި މުނިފޫހިލުވުމުގެ ދާއިރާގައި އުޅޭ ބައެއް މީހުން ވެސް އަންނަނީ މިކަމާ ދެކޮޅަށް ވާހަކަދައްކަމުންނެވެ. ޓުވިޓާގައި ވެސް މި ވާހަކަތައް ޓްރެންޑުވަމުން އަންނަތާ މިހާރު ދުވަސްތަކެއް ވެއްޖެ އެވެ.

ލަކްޝަދީބްގެ އާ އެޑްމިނިސްޓްރޭޓަރު ޕްރަފުލް ޕަޓޭލް؛ ޕްރަފުލް އަކީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ވަރަށް އަރިސް ބޭފުޅެއް.

ލަކްޝަދީބްގެ އާ އެޑްމިނިސްޓްރޭޓަރު ޕްރަފުލް ޕަޓޭލް؛ ޕްރަފުލް އަކީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ވަރަށް އަރިސް ބޭފުޅެއް.

ސަރުކާރު ހިންގާ ޕާޓީ ބީޖޭޕީން ދަނީ ލަކްޝަދީބްގެ ރައްޔިތުންނާއި މި އާ ގަވާއިދުތަކާ ދެކޮޅަށް އަޑުއުފުލަމުން އަންނަ ސިޔާސީ ފަރާތްތަކުން ކުރާ ތުހުމަތުތަކަށް ވެސް އިންކާރު ކުރަމުންނެވެ. މައި ސަރުކާރުން، މި އާ ގަވާއިދުތައް ތަންފީޒުކުރީ ލަކްޝަދީބްގެ ތަރައްގީ އާއި މުސްތަގުބަލާ މެދު ވިސްނައި އެންމެ ރަނގަޅު ގޮތެއް ކަމަށް ފެންނާތީ ކަމަށް ބުނެފައިވެ އެވެ. އަދި ބީޖޭޕީގެ ބައެއް މެމްބަރުން މަތީ މަޖިލީހުގައި ބުނެފައި ވަނީ ލަކްޝަދީބްގައި މި އާ ގަވާއިދުތައް ތަންފީޒުކުރަން ފަށަނީ އެ ރަށްތަކަކީ ރާއްޖެ ފަދައިން ޓޫރިޒަމްގެ މަގުބޫލު މަންޒިލުތަކަކަށް ހެދުމުގެ މަގުސަދުގައި ކަމަށެވެ.

އިންޑިއާގެ ސަރުކާރުން ލަކްޝަދީބްގައި ތަންފީޒުކުރަން ފެށީ އާ ގަވާއިދަތަކުގެ ތެރޭގައި ހިމެނެނީ؛

ބޭނުން މީހަކު ހިފައި ހައްޔަރުކުރަން ހުއްދަދިނުން

ބޮޑެތި ކުށްތައް ނެތޭ ބުނާހާ މަދު ލަކްޝަދީބުގައި އަލަށް އަމަލުކުރަން ފެށި "ލަކްޝަދީބް އެންޓި ސޯޝަލް އެކްޓިވިޓީޒް ރެގިޔުލޭޝަން" ނުވަތަ އާންމުކޮށް ކިޔައި އުޅޭ "ގުންޑާ އެކްޓް" ގެ ދަށުން ބޭނުން މީހަކު ހިފައި ހައްޔަރުކުރުމުގެ ހުއްދަ ވަނީ ދީފަ އެވެ. މި ގަވާއިދުގެ ދަށުން ކޯޓު އަމުރެއް ނެތި ވެސް އެޑްމިނިސްޓްރޭޓަރު ބޭނުންވެއްޖެ ނަމަ މީހުން ހައްޔަރުކޮށް، ބަންދުގައި ބެހެއްޓޭނެ އެވެ. އަދި މި ގާނޫނުގެ ދަށުން ހައްޔަރުކުރާ މީހުންނަށް، ގާނޫނުތަކުގެ ދަށުން ލިބިދޭ ހައްގުތައް އޮންނަނީ ހަނިކޮށްފަ އެވެ.

މަލިކުގެ ވަކީލެއް ކަމަށްވާ ފަޒީލާ އިބްރާހިމް ލަކްޝަދީބްގައި މިހާރު ހިނގަމުންދާ ކަންތައްތަކާ ގުޅޭ ގޮތުން އަލް ޖަރީރާއަށް އިންޓަވިއުއެއް ދެނީ. އޭނާ މިކަން ސިފަކުރެއްވީ ނަސްލީ ހަނގުރާމައެއްގެ ގޮތުގައި. އަދި ރާއްޖެ ގޮތަށް މަލިކު ހިމެނޭ އަތޮޅު ތަރައްގީ ނުކުރެވޭނެ ކަމަށް އޭނާ ބުނި. އެއީ ގުދުރަތީ ގޮތުން އެ ރަށްތަކަކީ ރާއްޖޭގެ ރަށްތަކާ ވަރަށް ތަފާތު ރަށްތަކަކަށް ވާތީ ކަމަށް އޭނާ ބުނޭ.

އެކަމަކު ލަކްޝަދީބަކީ އިންޑިއާގެ އެހެން ހިސާބުތަކާ އަޅާ ބަލާއިރު، ކުށް ކުރުން އެންމެ މަދު އެއް ތަނެވެ. އިންޑިއާގެ ނޭޝަނަލް ކްރައިމް ރިކޯޑްސް ބިއުރޯގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މީގެ ދެ އަހަރު ކުރިން އެ ރަށްތަކުގައި ރޭޕާއި މީހުން މެރުމާއި މީހުން ރަހީނުކުރުމާއި އަދި ފޭރުމުގެ އެއްވެސް މައްސަލައެއް ރިޕޯޓްކޮށްފައެއް ނުވެ އެވެ. މުޅި އެ އަހަރު ވެސް މީހަކަށް އަނިޔާއެއްކޮށްގެން ރިޕޯޓްކޮށްފައި ވަނީ އެންމެ 16 މައްސަލަ އެވެ. އަދި މަސްތުވާތަކެއްޗާއި ރަލުގެ 13 މައްސަލައެކެވެ.

ރައްޔިތުންގެ ބިން ދައުލަތައް ނެގޭ ގޮތް ހެދުން

މިކަން ކުރަނީ "ލަކްޝަދީބް ޑިވެލޮޕްމަންޓް އޮތޯރިޓީ ރެގިޔުލޭޝަންސް" ކިޔާ ގަވާއިދެއްގެ ދަށުންނެވެ. މި ގަވާއިދުގެ ދަށުން، އެ ރަށްތަކުގައި ދިރިއުޅޭ ރައްޔިތުންގެ ގެދޮރާއި އެމީހުންގެ ބިންތައް އެޑްމިނިސްޓްރޭޓަރު ބޭނުންވެއްޖެ ކޮންމެ ވަގުތަކު ވެސް ދައުލަތަށް ނެގޭނެ އެވެ. ރައްޔިތުންގެ ބިންތަކުގެ އިތުރުން އާންމު ބިންތައް ވެސް ނެގޭނެ އެވެ. އަދި އެ ބިންތައް ދިނުމާ ދެކޮޅު ހަދައިފި ނަމަ އެއީ ކުށެއް ކަމަށް ކަނޑައަޅައި، އަދަބު ދޭން ވެސް މި ގަވާއިދުގައި ބުނެފައިވެ އެވެ. މި ތަންތަން ނަގަނީ ޓޫރިޒަމްގެ ބޭނުމަށް ތަރައްގީކުރުމުގެ ނަމުގަ އެވެ. އެކަމަކު އާންމުން ބުނަމުން ދަނީ މިއީ ބިން ފޭރުން ކަމަށެވެ.

ލަކްޝަދީބްގައި ތަންފީޒުކުރަން ފަށާފައިވާ އާ ގަވާއިދުތަކާ ދެކޮޅަށް ރައްޔިތުން އަޑުއުފުލަނީ.

ލަކްޝަދީބްގައި ތަންފީޒުކުރަން ފަށާފައިވާ އާ ގަވާއިދުތަކާ ދެކޮޅަށް ރައްޔިތުން އަޑުއުފުލަނީ.

ދެ ދަރިން ތިބޭ މީހަކަށް ކައުންސިލަރަކަށް ނުވެވޭނެ

ލަކްޝަދީބްގެ އާ ގަވާއިދުގެ ދަށުން އެ ރަށްތަކުގެ ޕަންޗާޔަތު ނުވަތަ ކައުންސިލަރު ކަމަށް ދެ ދަރިން ނުވަތަ އެއަށް ވުރެ ގިނަ ދަރިން ހުންނަ މީހަކަށް ކުރިމައްޗެއް ނުލެވޭނެ އެވެ. "ލަކްޝަދީބް ޕަންޗާޔަތު ރެގިޔުލޭޝަންސް" ކިޔާ އާ ގަވާއިދެއްގެ ދަށުން މި ނިންމުން ނިންމި ސީދާ ސަބަބެއް އަދި ސާފެއް ނުވެ އެވެ.

ގެރި މަސް ކެއުން މަނާކުރުން

ގެރި ކަތިލުމާއި ވިއްކުމާއި އަދި އޭގެ ވިޔަފާރިކުރުން ނުވަތަ އެހެން ގޮތަކަށް ވެސް އެ ބޭނުންކުރުން މަނާކުރީ "ލަކްޝަދީބް އެނިމަލް ޕްރިޒަވޭޝަން ރެގިޔުލޭޝަން" ކިޔާ ގަވާއިދެއްގެ ދަށުންނެވެ. މި ގަވާއިދުގައި ބުނެފައި ގޮތުން ކޮންމެ ކަހަލަ ޖަނަވާރެއް ވެސް ކަތިލެވޭނީ ހާއްސަ ހުއްދައެއް ހޯދައިގެންނެވެ. އަދި މި ގަވައިދާ ހިލާފުވާ މީހަކަށް 10 އަހަރުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

ރާބުއިމައި ވިއްކުން ހުއްދަކުރުން

ލަކްޝަދީބްގެ އެންމެ ރަށެއް ފިޔަވައި ހުރިހާ ރަށެއްގައި ކުރިން އޮތީ ރާ ބުއިމާއި ވިއްކުން މަނާކޮށްފަ އެވެ. އެކަމަކު އާ ގަވާއިދުގެ ދަށުން، ރައްޔިތުންގެ ނުގަބޫލުގައި، މިކަން ވަނީ ހުރިހާ ރަށެއްގައި ހުއްދަކޮށްފަ އެވެ. އެކަން ވެސް ހުއްދަކުރީ ޓޫރިޒަމް ކުރިއެރުވުމުގެ ނަމުގަ އެވެ.

ބޮޑުވަޒީރު މޯދީ ނިސްބަތްވެވަޑައިގަންނަވާ ގުޖުރާތުގައި ރާ ބުއިން މަނާކޮށްފައި އޮންނައިރު، ލަކްޝަދީބްގައި ރާ ހުއްދަކުރަނީ ކީއްވެތޯ މީހަކު ކުރި ސުވާލެއް.

މަސްވެރިން ބިކަކޮށްލައިފި

ޕްރަފުލް ޕަޓޭލަށް ތާއީދުކުރާ މީހުން ގެންދަނީ ލަކްޝަދީބްގެ މަސްވެރިންނަށް ޖެއްސުންކުރަމުންނެވެ. އެ މީހުން މަސްވެރިކަން ކުރަން ބޭނުންކުރާ ތަކެއްޗަށް ގެއްލުންދީ، އާމްދަނީ ހޯދަން މަސައްކަތް ނުކުރެވޭ ވަރު ވަނީ ކޮށްލައިފަ އެވެ. މި ރަށްތަކުގެ ގިނަ ބަޔަކު އާމްދަނީ ހޯދަން ކުރާ މަސައްކަތަކީ ވެސް މަސްވެރިކަމެވެ.

ކޮވިޑްގެ ހާލަތު ބޮއްސުންލައިގެން ދަނީ

ދުނިޔޭގައި ކޮވިޑްގެ ހާލަތު އެންމެ ގޯސްވި އަހަރު ކަމަށްވާ މިދިޔަ އަހަރު ނިމުނުއިރު ވެސް ލަކްޝަދީބްގައި ކޮވިޑް-19ގެ އެންމެ ކޭސްއެއް ވެސް ފެނިފައެއް ނުވެ އެވެ. އެކަން އެގޮތަށް ވީ އޭރު އެ ރަށްތަކުގެ އެޑްމިނިސްޓްރޭޓަރު ބަލި ކޮންޓްރޯލް ކުރަން އެޅުއްވި ހާއްސަ ފިޔަވަޅުތަކުގެ ސަބަބުންނެވެ. ނަމަވެސް ޕްރަފުލް ޕަޓޭލް އެ މަގާމާ ހަވާލުވެ، އެ ފިޔަވަޅުތައް ސަކަރާތަކަށް ހެއްދެވި އެވެ.

ކަރަންޓީނު ނުވެ ދަތުކުރަން މަނާކޮށްފައި އޮތް އުސޫލު މުގުރާލައި، 48 ގަޑިއިރުގެ ނެގެޓީވް ޕީސީއާރް ޓެސްޓަކާ އެކު ދަތުރުކުރުމުގެ ހުއްދަ ދިނެވެ. އަދި މި ރަށްތަކުގެ އިތުރުން، އިންޑިއާގެ އެހެން ހިސާބުތަކަށް ވެސް މި ގޮތަށް ދަތުރުކުރުމުގެ ހުއްދަދިނުމުގެ ނަތީޖާއަކަށް ވީ، ކޮވިޑްގެ ކޭސްތައް ވަރަށް ބޮޑަށް އިތުރުވެގެން ދިއުމެވެ. ލަކްޝަދީބްގައި މީހުން ކޮވިޑަށް ޕޮޒިޓީވްވާ ރޭޓު މިހާރު 10 ޕަސެންޓުގައި ހުރި އިރު، މިހާތަނަށް 8،000 ގާތްކުރާ އަދަދަކަށް މީހުނަށް ބަލިޖެހިފައިވެ އެވެ. އަދި މި ބަލީގައި 32 މީހަކު މަރުވެފައިވެ އެވެ.

ލަކްޝަދީބު މީހުން މިހާރު ގެންދަނީ އެ މީހުންގެ އަމިއްލަވަންތަކަން ގެއްލި ދީނާއި ސަގާފަތަށް ގެއްލުން ލިބޭނެ މި ގަވައިދުތަކާ ދެކޮޅަށް އަޑު އުފުލައި އެ މީހުންގެ ހާލަތު ދުނިޔެއަށް އަންގައިދޭން މަސައްކަތްކުރަމުންނެވެ.