Roadha Mihaaru
ވިހަ ރާ ބޮއެގެން އިންޑިއާގައި މަރުވި އަދަދު 53 އަށް

ވިހަ ރަލެއް ބޮއެގެން އިންޑިއާގައި މަރުވި މީހުންގެ އަދަދު 50 އިން މައްޗަށް

24 ޖޫން 2024

އިންޑިއާގައި ހުއްދަ ނެތި ރާ އުފައްދާ ބަޔަކު ހަދާފައިވާ، ވިހަ ރަލުގެ ބެޗެއް ބޮވުނު އެތައް ބައެއްގެ ހާލު ދެރަވެ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން ދާއިރު މިހާތަނަށް މަރުވި މީހުންގެ އަދަދު 53 އަށް އަރައިފި އެވެ.

އިންޑިއާގައި ހުއްދަ ނެތި ރާ އުފައްދާ ބަޔަކު ހަދާފައިވާ، ވިހަ ރަލުގެ ބެޗެއް ބޮވުނު އެތައް ބައެއްގެ ހާލު ދެރަވެ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން ދާއިރު މިހާތަނަށް މަރުވި މީހުންގެ އަދަދު 53 އަށް އަރައިފި އެވެ.

ޓެމިލްނާޑޫގެ ޗީފް މިނިސްޓަރު އެމް.ކޭ. ސްޓެލިން ވިދާޅުވީ މީހުން ވިހަވެފައިވަނީ ރަލަށް އަޅާފައިވާ ވިހަ މާއްދާއެއް ކަމަށްވާ މެތަނޯލްގެ ސަބަބުން ކަމަށާއި އަންގާރަ ދުވަހު އެ ބުއިތާ ދެތިން ގަޑިއިރު ތެރޭ 37 މީހަކު މަރުވި ކަމަށެވެ.

މި ރާ ބުއި 100 އަށް ވުރެ ގިނަ މީހުން ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ޖެހުނެވެ. އެކަމަކު ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ބައެއް މީހުންގެ ހާލު މާބޮޑަށް ގޯސްވެ އެ މީހުންގެ ފުރާނަ ސަލާމަތްކުރެވޭ ގޮތެއް ނުވި އެވެ.

އިންޑިއާ އަކީ މިގޮތަށް ރާ ހަދައިގެން ބޮއެގެން ކޮންމެ އަހަރަކު ވެސް އެތައް ބަޔަކު މަރުވާ ގައުމެކެވެ. އެކަމަކު މިއީ މިގޮތަށް އެންމެ ގިނަ މީހުން މަރުވި އެއް ހާދިސާ އެވެ.

މިހެން ހަދާ ރަލަށް އަޅާ މެތަނޯލް އަކީ ލޯ އަނދިރިވުމާއި ފުރަމޭ ހަލާކުވުން އަދި މަރަށް ވެސް ހުށަހެޅޭ އެއްޗެކެވެ.

އިންޑިއަން އެކްސްޕްރެސް ނޫހުން ބުނެފައިވާ ގޮތުގައި ޕްލާސްޓިކް ކޮތަޅުގައި 60 އިންޑިއާ ރުޕީސް އަށް ވިއްކާ މި ރަލަކީ ފަގީރު މަސައްކަތްތެރިން އާންމުކޮށް ގަންނަ އެއްޗެކެވެ. މަސައްކަތަށް ދިއުމުގެ ކުރިން މި ބުއިމަކީ އެ މީހުންގެ އާދައެއް ކަމަށާއި މި ބުއި އެއްބައެއްގެ ލޯ ހިނދުކޮޅެއްގެ ތެރޭ އަނދިރިވި އިރު އަނެއް ބަޔަކު މަގުމައްޗަށް މަރުވެގެން ވެއްޓުނު ކަމަށް ވެސް ރިޕޯޓްކޮށްފައިވެ އެވެ. މީގެ ތެރެއިން ގިނަ މީހުންނަކީ ރާ ބުއިމަށް ފައިސާ ހޯދަން މަސައްކަތްކުރާ މީހުން ކަމަށާއި އެ މީހުންގެ އާއިލާތައް ބަލަހައްޓަނީ އެ މީހުންގެ އަނބިން ކަމަށް ވެސް ނޫސްތަކުން ބުނެފައިވެ އެވެ. -- އޭއެފްޕީ