Roadha Mihaaru

އިންޑިއާގެ ހޮސްޕިޓަލެއްގެ އެންއައިސީޔޫގައި މީދާ؛ ދެ ކުއްޖަކު މަރުވެ ޝަކުވާ ބޮޑުވެއްޖެ

އިންޑިއާގެ އިންދޯރްގައި ހުންނަ ސަރުކާރުގެ އެންމެ ބޮޑު ހޮސްޕިޓަލް ކަމަށްވާ މަހަރާޖާ ޔަޝްވަންތުރޯ ހޮސްޕިޓަލް (އެމްވައިއެޗް) ގެ އެންއައިސީޔޫގައި ދެ ކުއްޖަކު މަރުވީ މީދާ ދަތް އެޅުމުމުގެ ސަބަބުން ކަމަށް ބުނެ އެ ސަރަހައްދުގެ އާންމުންގެ ޝަކުވާ ބޮޑުވެއްޖެ އެވެ.

އިންޑިއާގެ ހޮސްޕިޓަލެއްގެ އެންއައިސީޔޫގައި މީދާ

އިންޑިއާގެ އިންދޯރްގައި ހުންނަ ސަރުކާރުގެ އެންމެ ބޮޑު ހޮސްޕިޓަލް ކަމަށްވާ މަހަރާޖާ ޔަޝްވަންތުރޯ ހޮސްޕިޓަލް (އެމްވައިއެޗް) ގެ އެންއައިސީޔޫގައި ދެ ކުއްޖަކު މަރުވީ މީދާ ދަތް އެޅުމުމުގެ ސަބަބުން ކަމަށް ބުނެ އެ ސަރަހައްދުގެ އާންމުންގެ ޝަކުވާ ބޮޑުވެއްޖެ އެވެ.

އެމްވައިއެޗްގެ އެންއައިސީޔޫގައި ބުދަ ދުވަހު ކުއްޖަކު މަރުވެފައި ވާއިރު އޭގެ ކުރީ ދުވަހު ވެސް ހަމަ އެތަނުގައި ކުއްޖަކު މަރުވި އެވެ. އާންމުން ބުނަމުންދަނީ އެންއައިސީޔޫ ތެރޭގައި މީދާ ގިނަ ކަމަށާއި އެ ކުދިން މަރުވީ މީދާ ދަތް އެޅުމުގެ ސަބަބުން ކަމަށެވެ. ނަމަވެސް ހޮސްޕިޓަލުން އެކަމަށް އިންކާރު ކުރެ އެވެ. ނަމަވެސް މައްސަލައިގެ ފުރިހަމަ ތަހުގީގެއް ކުރާނެ ކަމަށް ވަނީ ބުނެފަ އެވެ.

"ފަރުވާކުޑަވުމުގެ އެއްވެސް އަމަލަކަށް މި ސަރުކާރުން އަޅައިނުލައި ނުތިބޭނެ. ކަން ހިނގި ގޮތް ފުރިހަމައަށް ބަލަން ހެލްތު ޑިޕާޓްމަންޓުގެ ޕްރިންސިޕަލް ސެކްރެޓަރީއަށް ވާނީ އަންގާފައި. އަދި ހެލްތު މިނިސްޓަރަށް ވެސް ވާނީ މިކަމުގައި ފިޔަވަޅު އަޅަން އަންގާފައި،" ޗީފް މިނިސްޓަރު މޯހަން ޔަދާވް ނޫސްވެރިންނަށް ވިދާޅުވި އެވެ.

ހޮސްޕިޓަލްގެ ސުޕްރިންޓެންޑެންޓް ޑރ. އަޝޯކް ޔަދާވް ވިދާޅުވީ އަލަށް އުފަންވި ދެ ކުއްޖަކު މަރުވީ މީދާ ދަތްއެޅުމުގެ ސަބަބުން ނޫން ކަމަށާއި އެ ކުދިންގެ މަރުވީ އުފެދުމުގައި ހުރި އައިބުތަކެއްގެ ސަބަބުން ކަމަށެވެ.

ހޮސްޕިޓަލްގެ އެންއައިސީޔޫ ތެރޭގައި މީދާ ދުވަނީ

ޑރ. ޔަދާވް ވިދާޅުވީ ބުދަ ދުވަހު މަރުވި ކުއްޖާގެ އިނގިލިތަކެއްގައި މީދަލެއް އަންގާރަ ދުވަހުގެ ރޭ ދަތް އަޅާފައި ހުރި ކަމަށެވެ. އެހެންވެ "މަރުގެ ސަބަބަކީ މީދާ ދަތް އެޅުން ކަމަކަށް ނުވާނެ" ކަމަށް އޭނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ މަރުގެ ސަބަބު ދެނެގަތުމަށް ޕޯސްޓްމޯޓަމް ހަދަން އާއިލާއިން ދެކޮޅުހެދުމަށް ފަހު ކުއްޖާގެ ހަށިގަނޑު އާއިލާއިން ގެންގޮސްފައިވާ ކަމަށެވެ.

އަންގާރަ ދުވަހު މަރުވި ކުއްޖާގެ ޕޯސްޓްމޯޓަމް ހަދާފައިވާ ކަމަށާއި އެ ކުއްޖާ މަރުވި ސަބަބެއް ކަމަށް ދެއްކީ ހިތުގެ އެކި ނާރުތަކުގައި ހުރި މައްސަލަތަކާއި ލޭގެ ޕްލޭޓްލެޓް ދަށްވުމާއި ބެކްޓީރިއާ، ވައިރަސް ނުވަތަ ފަންގަލް އިންފެކްޝަންގެ ސަބަބުން ލޭ ވިހަވުމުގެ ހާލަތެއް ކަމަށްވާ ސެޕްޓިސީމިއާ ކަމަށް ޑޮކްޓަރު ވިދާޅުވި އެވެ.

މި މައްސަލައިގެ ފުރިހަމަ ތަހުގީގެއް ކޮށް އެއް މަސް ދުވަހުގެ ތެރޭގައި ރިޕޯޓް ހުށަހެޅުމަށް އެ ސްޓޭޓްގެ ހިއުމަން ރައިޓްސް ކޮމިޝަނުން ވެސް ވަނީ އަންގައިފަ އެވެ.

މައްސަލަ ދިމާވި ހޮސްޕިޓަލުގެ ޑޮކްޓަރުން ބުނާ ގޮތުގައި އެ ހޮސްޕިޓަލާއި އެތަނާ ކައިރީގައި ހުރި ޗަޗާ ނެހުރޫ ޗިލްރެންސް ހޮސްޕިޓަލާއި ކެންސަ ހޮސްޕިޓަލްގައި ވެސް މީދާ ވަރަށް ގިނަވެ އާލާވަމުންދެ އެވެ. މައިގަނޑު ސަބަބަކީ ބަލި މީހުންގެ އެހީތެރިން އެ ތަންތަނުގެ ތެރެއަށް ގެންނަ ކާތަކެތި ކަމަށް ޑޮކްޓަރުން ބުނެ އެވެ.

ހޮސްޕިޓަލަށް ގެންނަ ކާތަކެއްޗަށް މީދާ އަންނަ ކަމަށާއި ހޮސްޕިޓަލުގައި ހުންނަ އެކި ބާވަތުގެ ބޭހާއި ގުލްކޯޒް ފަދަ މާއްދާތަކުން މީދާ އާލާވުން އަވަސްވާ ކަމަށް ވެސް ޑޮކްޓަރުން ވަނީ ބުނެފަ އެވެ. ޑޮކްޓަރުން ބުނަނީ މައްސަލަ ހައްލުވާނީ ޕެސްޓް ކޮންޓްރޯލްކުރުން ގަވައިދުން ކުރިއަށް ގެންދިއުމުންނާއި ބޭރުން ހޮސްޕިޓަލަށް ގެންނަ ކާތަކެތި ކޮންޓްރޯލްކުރެވިގެން ކަމަށެވެ.

ޑރ. ޔަދާވް ވިދާޅުވީ މިހާރު އިންޑިއާއަށް ކުރަމުންދާ ވިއްސާރައަކީ ވެސް މީދާ ގިނަވެގެން އުޅޭ ސަބަބެއް ކަމަށެވެ.