Roadha Mihaaru
ޔުނައިޓަޑް ބަލިކޮށް، ވިޔަރެއާލް ޗެމްޕިއަންކަން ހޯދައިފި

ޕެނަލްޓީ ޖަހައިގެން ޔުނައިޓަޑް ބަލިކޮށް، ވިޔަރެއާލް ޔޫރޮޕާ ލީގުގެ ތަށި އުފުލާލައިފި

27 މެއި 2021

ގްނަސްކް (26 މެއި) - ޔޫރޮޕާ ލީގުގެ ފައިނަލްގައި މިރޭ މެންޗެސްޓާ ޔުނައިޓަޑް އަތުން ޕެނަލްޓީ ޖަހައިގެން، 11-10 އިން މޮޅުވެ، ވިޔަރެއާލް އިން ފުރަތަމަ ފަހަރަށް ޔޫރޮޕާ ލީގުގެ ތަށި އުފުލާލައިފި އެވެ.

ގްނަސްކް (26 މެއި) - ޔޫރޮޕާ ލީގުގެ ފައިނަލްގައި މިރޭ މެންޗެސްޓާ ޔުނައިޓަޑް އަތުން ޕެނަލްޓީ ޖަހައިގެން، 11-10 އިން މޮޅުވެ، ވިޔަރެއާލް އިން ފުރަތަމަ ފަހަރަށް ޔޫރޮޕާ ލީގުގެ ތަށި އުފުލާލައިފި އެވެ.

ޕޯލެންޑްގައި ކުޅުނު ފައިނަލްގެ ފުރިހަމަ ވަގުތު ހަމަވިއިިރު، ދެ ޓީމު އޮތީ 1-1 އިން އެއްވަރުވެފަ އެވެ. ފުރިހަމަ ވަގުތުގައި ދެ ޓީމު އެއްވަރުވެފައި އޮތުމުން ކުޅުނު އިތުރު ވަގުތުގެ ދެ ހާފުގައި ވެސް ނަތީޖާ ބަދަލެއް ނުވި އެވެ.

މެޗުގެ 29 ވަނަ މިނިޓުގައި ވިޔަރެއާލް އިން ،ލީޑު ނެގީ ޖެރާޑް މޮރޭނޯ ޖެހި ލަނޑުންނެވެ. އެކަމަކު މެޗުގެ ދެވަނަ ހާފުގެ ކުރީކޮޅު ޔުނައިޓަޑުން މެޗުގެ ނަތީޖާ ހަމަހަމަކުރީ އެޑިސަން ކަވާނީ ޖެހި ލަނޑަކުންނެވެ.

މެޗުގެ ނަތީޖާ ނެރުމަށް ކުރިއަށް ގެންދިޔަ ޕެނަލްޓީ ޝޫޓް އައުޓް ވެގެންދިޔައީ ދެ ޓީމަށް ވެސް ނޭވާ ހިފަހައްޓާލަންޖެހުނު، ދިގު ޕެނަލްޓީ ޝޫޓްއައުޓަކަށެވެ. ކޮންމެ ޓީމަކުން ވެސް ފުރަތަމަ 10 ޕެނަލްޓީ ކާމިޔާބުކުރުމާއެކު، ދެ ޓީމުގެ 11 ވަނަ ޕެނަލްޓީ ޖަހަން ނުކުތީ ދެ ގޯލްކީޕަރުންނެވެ.

ވިޔަރެއާލްގެ ގޯލްކީޕަރު ޖެރަރީމޯ ރޫލީ ޖެހި ޕެނަލްޓީ އޭނާ ކާމިޔާބުކުރި އެވެ. ޔުނައިޓަޑް އިން ތަށި ހޯދަން ކުރަމުންދިޔަ އުންމީދުތައް ދަމަހައްޓަން، މުހިންމު ޕެނަލްޓީގެ ޒިންމާ ނެގީ ތަޖުރިބާކާރު ގޯލްކީޕަރު ޑޭވިޑް ޑެހެއާ އެވެ. އެކަމަކު މާ ބާރެއް ނެތި، ޑެހެއާ ފޮނުވާލި ޕެނަލްޓީ ރޫލީ ވަނީ ދިފާއުކޮށްފަ އެވެ.

މިއީ ވިޔަރެއާލަށް ޔޫރަޕްގެ ކްލަބު ފުޓްބޯޅައިގެ ބޮޑު މުބާރާތެއް ކާމިޔާބުކުރެވުނު ފުރަތަމަ ފަހަރެވެ. އެކަމަކު ވިޔަރެއާލްގެ ކޯޗު އުނާއީ އެމްރޭ އަށް ޔޫރޮޕާ ލީގުގެ ޗެމްޕިއަންކަން ހޯދުމަކީ އާ ކަމެއް ނޫނެވެ. މީގެ ކުރިން ސެވިއްޔާގެ ކޯޗެއްގެ ގޮތުގައި އޭނާ ވަނީ ޔޫރޮޕާ ލީގު ތަށި ޖެހިޖެހިގެން ތިން ފަހަރު ހޯދައިފަ އެވެ.

މި ނާކާމިޔާބާއެކު، ތައްޓެއް ހޯދުމަށް ޔުނައިޓަޑުން ކުރަމުންދާ އިންތިޒާރު ވަނީ ދިގުދެމިފަ އެވެ. މިއީ ހުސްއަތާ ޔުނައިޓަޑުން ސީޒަން ނިންމާލީ ހަތަރު ވަނަ ފަހަރެވެ. -- އޭއެފްޕީ