Roadha Mihaaru
ގާޒީ އިސްމާއިލް ވަކިކުރުމުގެ މައްސަލަ ކޮމިޓީއަށް

ގާޒީ އިސްމާއިލް ވަކިކުރުމުގެ މައްސަލަ ޖުޑިޝަރީ ކޮމިޓީ އަށް

24 މެއި 2021

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް ކުރި ދައުވާތައް ބޭރުކޮށްލަން ނިންމެވި ގާޒީ އިސްމާއިލް ރަޝީދު ފަނޑިޔާރު ކަމުން ވަކިކުރުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީ އަށް ފޮނުވައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް ކުރި ދައުވާތައް ބޭރުކޮށްލަން ނިންމެވި ގާޒީ އިސްމާއިލް ރަޝީދު ފަނޑިޔާރު ކަމުން ވަކިކުރުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީ އަށް ފޮނުވައިފި އެވެ.

އަދީބާއި ދައުލަތާއެކު ހެދި، އިއުތިރާފުގެ އެއްބަސްވުމެއްގެ ދަށުން ހަތް ދައުވާއެއް 2019 ގައި އަދީބުގެ މައްޗަށް އުފުލުމުން މިދިޔަ އަހަރު ކްރިމިނަލް ކޯޓުގެ ގާޒީ އިސްމާއިލް ރަޝީދު ނިންމެވީ އެ ދައުވާތައް ކުރިއަށް ނުގެންދެވޭނެ ކަމަށެވެ. ނަމަވެސް ދައުލަތުން އެ މައްސަލަ އިސްތިއުނާފު ކުރުމުން ހައި ކޯޓުން އެންގީ އެ މައްސަލަ އަލުން ބެލުމަށެވެ. އަލުން މައްސަލަ ބެލުމަށް ފަހު އަދީބަށް 20 އަހަރުގެ ޖަލު ހުކުމެއް މިހާރު އޮތީ އިއްވައިފަ އެވެ.

އަދީބަށް ކުރި ދައުވާތައް ބޭރުކޮށްލި މައްސަލާގައި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމީ ގާޒީ އިސްމާއިލް ގެންދެވީ މާ ކުރިން ވެސް އެ މައްސަލަ ނިންމާނެ ގޮތް، ޕެން ޑްރައިވެއްގައި އޮތް ފައިލެއްގައި ލިޔަމުން ކަމަށެވެ. އެހެންވެ، އެއީ ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުތަކާ ޚިލާފު އަމަލެއް ކަމަށް ނިންމައި، އޭނާ ވަކިކުރަން ޖޭއެސްސީން މަޖިލީހަށް އޮތީ ފޮނުވައިފަ އެވެ.

މަޖިިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ އެ މައްސަލަ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީ އަށް ފޮނުވައިފަ އެވެ.

ގާނޫނުއަސާސީ ބުނާގޮތުން ފަނޑިޔާރަކު ވަކި ކުރެވޭނީ ޖޭއެސްސީން ހުށަހަޅާ ހުށަހެޅުމަކަށް ބިނާކޮށް، މަޖިލީހުން ފާސް ކުރުމުންނެވެ.

އަދީބަށް ކުރި ދައުވާތައް ބޭރުކޮށްލި މައްސަލާގައި ގާޒީ އިސްމާއިލް ކުރިން ސަސްޕެންޑް ވެސް ކުރި އެވެ. އޭރު 60 ދުވަހަށް ސަސްޕެންޑް ކޮށްފައި ވަނިކޮށް ސަސްޕެންޝަންގެ މުއްދަތު ހަމަވުމުން އޭނާ އަނެއްކާވެސް ގެންދަވަނީ މަސައްކަތަށް ނިކުމެވަޑައިގަންނަވަމުންނެވެ.