Roadha Mihaaru
އޯޑިއޯ ލީކުވި މައްސަލަ ބަލައެއް ނުގަތް

އޯޑިއޯ ލީކުވި މައްސަލަ ބަލައެއް ނުގަތް

31 އޯގަސްޓް 2021

ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ މައްޗަށް މަނީ ލޯންޑްރިންގެ ކުށް ސާބިތުވި ޝަރީއަތް ހިންގި ފަނޑިޔާރުންގެ އޯޑިއޯތަކެއް ކަމަށް ބުނާ އޯޑިއޯތަކެއް ލީކްވި މައްސަލައިގައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލައެއް ބަލައިގަންނަން ފާސްނުކޮށް މިއަދު ބޭރުކޮށްލައިފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ މައްޗަށް މަނީ ލޯންޑްރިންގެ ކުށް ސާބިތުވި ޝަރީއަތް ހިންގި ފަނޑިޔާރުންގެ އޯޑިއޯތަކެއް ކަމަށް ބުނާ އޯޑިއޯތަކެއް ލީކްވި މައްސަލައިގައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލައެއް ބަލައިގަންނަން ފާސްނުކޮށް މިއަދު ބޭރުކޮށްލައިފި އެވެ.

މަޖިލީހުގެ ގަވައިދުގެ 179 ވަނަ މާއްދާގެ ދަށުން މަޑުއްވަރީ ދާއިރާގެ ޕީއެންސީ މެމްބަރު އާދަމް ޝަރީފް ހުށަހެޅުއްވި މައްސަލަ އަށް މަޖިލީހުގައި ބަހުސްކުރުމާ މެދު ފެންނަ ގޮތެއް ބަލަން ނެގި ވޯޓްގައި އެކަމާ އެއްކޮޅަށް ވޯޓްދެއްވީ އެންމެ ހަތް މެމްބަރުންނެވެ. މަޖިލީހަށް އެ މައްސަލަ ބަލައިގަންނަން ފެނިވަަޑައިނުގަންނަވާ ކަމަށް 20 މެމްބަރަކު ވޯޓް ދެއްވި އެވެ. ވޯޓްގައި ބައިވެރިވެވަޑައިގެންނެވީ 27 މެމްބަރުންނެވެ.

އާދަމް ޝަރީފު ހުށަހެޅުއްވި މައްސަލައިގައި ވިދާޅުވީ ޔާމީނަށް ހުކުމްކުރި ފަނޑިޔާރުންނަށް ބިރުދައްކައި ނުފޫޒު ފޯރުވާފައިވާ ކަން، ލީކްވެފައިވާ އޯޑިއޯތަކަކުން ހާމަވާ ކަމަށެވެ. އެހެންވެ އެ މައްސަލަ ތަހުގީގުކޮށްދޭން އާދަމް ޝަރީފް ހުށަހެޅުއްވި މައްސަލައިގައި ސަރުކާރުގެ ކަމާ ބެހޭ މުއައްސަސާތަކަށް އާދަމް ޝަރީފު ގޮވައިލެއްވި އެވެ.

ކްރިމިނަލް ކޯޓްގެ ތިން ފަނޑިޔާރަކު ދައްކަވާފައިވާ ވާހަކަތަކެއްގެ ރެކޯޑިން ކަމަށް ބުނެ ބަޔަކު ލީކްކޮށްލި އޯޑިއޯތަކުގެ މައްސަަލައިގެ ކަންބޮޑުވުން މަޖިލީހުގެ އިދިކޮޅު މެމްބަރުން އިއްޔެ ވެސް ފާޅުކުރެއްވި އެވެ. މަޖިލީހުގެ އިއްޔެގެ ޖަލްސާ ކުރިއަށް ދިޔަ އިރު، މަޖިލީހުގެ ރިޔާސީ މޭޒުގެ ކައިރީގައި ތިއްބަވައިގެން އެކަމާ އަޑު އުފުއްލެވުމަށް ފަހު ރައީސް އޮފީހަށް ވެސް އެ މެމްބަރުން އިއްޔެ ވަޑައިގެންނެވި އެވެ.

އެކަމަކު އެ އޯޑިއޯތައް ލީކްވުމާ ގުޅިގެން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ފެށި ތަހުގީގުގައި ތިންް ފަނޑިޔާރުން ވެސް ވިދާޅުވީ އޯޑިއޯތަކުގައި ވަނީ އެބޭފުޅުންގެ އަޑު ނޫން ކަމަށެވެ. އެހެންވެ އެ މައްސަލައިގެ ތަހުގީގަށް އަޑުގެ ސާމްޕަލް ދެއްވަން ވެސް ތިން ފަނޑިޔާރުން އެއްބަސްވެވަޑައިގެންނެވި އެވެ. ފަނޑިޔާރުން އެގޮތަށް ޖަވާބުދެއްވިކަން ޖޭއެސްސީން އިއްޔެ ހާމަކުރީ އެ ކޮމިޝަނުން ނެރުނު ބަޔާނެއްގަ އެވެ.

ނޮވެމްބަރު 28، 2019 ގައި ޔާމީން ޖަލަށް ލާން ހުކުމް ކުރީ ކްރިމިނަލް ކޯޓުގެ ފަސް ފަނޑިޔާރުންގެ ބެންޗެއްގެ އިއްތިފާގުންނެވެ.

އެ ބެންޗުގައި ހިމެނިވަޑައިގަތީ ރިޔާސަތު ބެލެހެއްޓެވި، ސުޕްރީމް ކޯޓުގެ މިހާރުގެ ފަނޑިޔާރު އަލީ ރަޝީދާއި ގާޒީ ހުސައިން ފާއިޒު ރަޝާދާއި ކްރިމިނަލް ކޯޓުގެ މިހާރުގެ އިސް ގާޒީ އަހުމަދު ޝަކީލާއި ގާޒީ އަލީ އާދަމާއި ޑްރަގް ކޯޓުގައި މިހާރު ހުންނެވި ގާޒީ މުހައްމަދު ސަމީރެވެ. އޭގެ ތެރެއިން ލީކުވެފައިވާ އޯޑިތަކުގައި ވަނީ ފަނޑިޔާރު ފާއިޒާއި ފަނޑިޔާރު އަލީ އާދަމްގެ އިތުރުން ފަނޑިޔާރު މުހައްމަދު ސަމީރުގެ އަޑު ކަމަށް އަންނަނީ ތުހުމަތުކުރަމުންނެވެ.

މި އޯޑިއޯތަކާ ގުޅިގެން، އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ބުނެފައި ވަނީ މިއީ ޔާމީންގެ ޝަރީއަތަށް ސަރުކާރުން ނުފޫޒު ފޯރުވާފައިވާ ކަމުގެ ހެއްކެއް ކަމަށާއި ޔާމީން ވަގުތުން މިނިވަންކުރަންޖެހޭ ކަމަށެވެ.