Roadha Mihaaru
ސުއަރޭޒް ފެންވަރު ސާބިތުކޮށްދީފި

ސުއަރޭޒް ފެންވަރު ސާބިތުކޮށްދީފި

23 މެއި 2021

މެޑްރިޑް (22 މެއި) - މިދިޔަ ސީޒަނަށް ފަހު އުރުގުއޭގެ ފޯވަޑް ލުއިސް ސުއަރޭޒް ބާސެލޯނާއާ ދުރަށް ދިޔައީ ހިތްހަމަޖެހިގެނެއް ނޫނެވެ. އެ ކްލަބަށް 195 ލަނޑު ޖަހައިދިން ސުއަރޭޒް ،34، ބާސާ އިން ދޫކޮށްލުމުން، އޭނާ ބަދަލުވީ އެ ޓީމާ ވާދަވެރި އެތުލެޓިކޯ މެޑްރިޑަށެވެ. ދުނިޔޭގެ ފެންވަރުގެ ފޯވަޑެއް ވާދަވެރި ކްލަބަށް ބަދަލުވުމުގެ ފުރުސަތު ދިނުމުން، ބާސާގެ ބައެއް ސަޕޯޓަރުން ވެސް އޭރު ހިތްހަމަނުޖެހުނެވެ. އެކަމަކު، ސުއަރޭޒްގެ ގާބިލްކަމާމެދު ސުވާލު އުފެއްދި މީހުން ވެސް މަދެއް ނޫނެވެ. އުމުރުން ދޮށީވެ، ސުއަރޭޒަށް ދެން ކުރީގެ ފޯމުގައި ނުކުޅެވޭނެ ކަމަށް ބުނެ އޭނާ އަށް ފާޑުކިއުންތައް އަމާޒުވި އެވެ. އެ ހުރިހާ ފާޑުކިއުންތަކަށް އޭނާ ރޭ ޖަވާބު އެ ދިނީ އެތުލެޓިކޯއާއެކު ސްޕެނިޝް ލީގުގެ ތަށި އުފުލާލައިގެނެވެ.

ލީގުގެ ފަހު މެޗުގައި ރޭ ރެއާލް ވަޔަޑޮލިޑް އަތުން 2-1 އިން ރަށުން ބޭރުގައި މޮޅުވެ، އެތުލެޓިކޯ އިން ލީގު ޗެމްޕިއަންކަން ހޯދިއިރު، މި މެޗުގައި އެތުލެޓިކޯ މޮޅުވި ލަނޑު ކާމިޔާބުކޮށްދިނީ ސުއަރޭޒެވެ. މިއީ މި ސީޒަންގައި އޭނާ ޖެހި 21 ވަނަ ލަނޑެވެ.

ރޭގެ މެޗުގެ ފަހު ކަށިގަނޑާއެކު، ޓީމުގެ އެހެން ކުޅުންތެރިންނާއެކު ސުއަރޭޒް އުފާފާޅުކުރިއިރު، އޭނާގެ ލޮލުން ކަރުނަ އޮހޮރުނެވެ. ކާމިޔާބީގެ އުފަލާއެކު، ސުއަރޭޒްގެ ލޮލުން އޮހިރިގެންދިޔައީ ޝުކުރުގެ ކަރުނަ އެވެ. އެކަން އެނގިގެންދިޔައީ މެޗަށް ފަހު އޭނާ މީޑިއާތަކާ ހިއްސާކުރި ވާހަކަތަކުންނެވެ.

ސުއަރޭޒް: ބާސާ އިން އޭނާގެ އަގު ވަޒަންނުކުރާ ކަމަށް ބުނި. -- ފޮޓޯ / އޭއެފްޕީ

ސުއަރޭޒް: ބާސާ އިން އޭނާގެ އަގު ވަޒަންނުކުރާ ކަމަށް ބުނި. -- ފޮޓޯ / އޭއެފްޕީ

"އެތުލެޓިކޯ އިން އަހަންނަށް އިތުބާރުކޮށް، މި ކްލަބުގެ ދޮރު އަހަންނަށް ހުޅުވާލަދިނީ،" މެޗަށް ފަހު މީޑިއާއާ ވާހަކަދައްކަމުން ސުއަރޭޒް ބުންޏެވެ.

ސުއަރޭޒް ބުނީ ބާސާ އިން އޭނާގެ އަގު ވަޒަންނުކޮށް، އެނާ އެ ކްލަބުން ދޫކޮށްލިއިރު، އޭނާ އާއި އޭނާގެ އާއިލާ ތަޖުރިބާކުރަން ޖެހުނީ ވަރަށް ހިތްދަތި ދުވަސްތަކެއް ކަމަށެވެ. އެކަމަކު އޭނާ އަށް އިތުބާރުކޮށް، އަދިވެސް އެންމެ މަތީ ފެންވަރުގައި ތަފާތު ދެއްކޭނެކަން ސާބިތުކޮށްދިނުމުގެ ފުރުސަތު ދިނީ އެތުލެޓިކޯ އިން ކަމަށެވެ.

"އެހެންވެ، އަހަރެން މުޅި އުމުރު ދުވަހަށް ވެސް އެތުލެޓިކޯ އަށް ޝުކުރުވެރިވާނަން. އަހަންނަށް އެކުރި އިތުބާރަށްޓަކައި،" ސުއަރޭޒް ބުންޏެވެ.

މިއީ ސްޕެއިންގައި ސުއަރޭޒް ހޭދަކުރި ހަތް ސީޒަންގައި އޭނާ ލީގު ޗެމްޕިއަންކަން ހޯދި ފަސް ވަނަ ފަހަރެވެ. ބާސާއެކު އޭނާ ވަނީ ހަތަރު ފަހަރު ލީގު ޗެމްޕިއަންކަން ހޯދައިފަ އެވެ.

އެކަމަކު ސުއަރޭޒް ބުނީ ކުރިން ލީގު ޗެމްޕިއަންކަން ހޯދައިފައި އޮތަސް، މި ސީޒަން ލިބުނު ކާމިޔާބީގެ "ހާއްސަކަން ބޮޑު" ކަމަށެވެ.

"މުޅި ސީޒަނަށް ބަލާއިރު، އެއް ފެންވަރެއްގައި ހިފަހައްޓާލީ އެތުލެޓިކޯ،" ސުއަރޭޒް ބުންޏެވެ. -- އޭއެފްޕީ