Roadha Mihaaru
ފަލަސްތީނާއެކު ތިބިކަން އަންގައިދޭން ބެލްކަނީތަކަށް

ފަލަސްތީނާއެކު ދިވެހިން ތިބިކަން އަންގައިދޭން ދިދައާއެކު ބެލްކަނީތަކަށް

16 މެއި 2021

އިޒްރޭލުން ފަލަސްތީނަށް އަނެއްކާ ވެސް ދެމުންދާ ވަރުގަދަ ހަމަލާތަކުގައި، ފަލަސްތީނުގެ އެތައް ބަޔަކު ޝަހީދުވަމުންދާ މި ދަނޑިވަޅުގައި ދިވެހި ރައްޔިތުން އެ ގައުމާއެކު ތިބިކަން އަންގައި ދިނުމަށްޓަކައި ރާއްޖޭގައި ވެސް ހާއްސަ ހަރަކާތެއް ކުރިއަށް ގެންދަން ނިންމައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

އިޒްރޭލުން ފަލަސްތީނަށް އަނެއްކާ ވެސް ދެމުންދާ ވަރުގަދަ ހަމަލާތަކުގައި، ފަލަސްތީނުގެ އެތައް ބަޔަކު ޝަހީދުވަމުންދާ މި ދަނޑިވަޅުގައި ދިވެހި ރައްޔިތުން އެ ގައުމާއެކު ތިބިކަން އަންގައި ދިނުމަށްޓަކައި ރާއްޖޭގައި ވެސް ހާއްސަ ހަރަކާތެއް ކުރިއަށް ގެންދަން ނިންމައިފި އެވެ.

ދިވެހި ޒުވާނުންތަކެއް އިސްވެ، އަންނަ އަންގާރަ ދުވަހު ބާއްވާ މި ހަރަކާތް ކުރިއަށް ގެންދާނީ ގޭގައި ތިބެގެންނެވެ. އެ ދުވަހުގެ ހަވީރު 4:00 ގައި ފަށާ މި ހަރަކާތުގެ ބޭނުމަކީ ދިވެހިން ތިބީ ފަލަސްތީނާއެކު ކަން އަންގައި ދިނުމަށްޓަކައި ކޮންމެ ގެއަކުން ވެސް އެ ގައުމުގެ ދިދަ އާއި ދިވެހި ދިދަ ހިފައިގެން ގޭގޭގެ ދޮރުމައްޗަށް ނުވަތަ ބެލްކަންޏަށް ނުކުތުމެވެ.

"ހުރިހާ ބޭފުޅުން ވެސް ޕަސްތީނު އަދި ދިވެހިރާއްޖޭގެ ދިދަ ހިއްޕަވައިގެން އެ ބޭފުޅެއްގެ ގޭގެ ބެލްކަނީ އަށް، ބެލްކަނީ ނެތް ބޭފުޅުން ގޭގެ ދޮރުމައްޗަށް ނުކުމެ ދެއްވާ،" މި ހަރަކާތް އިންތިޒާމު ކުރާ ޒުވާނުން އެދުނެވެ.

މި ހަރަކާތް ކުރިއަށް ގެންދަނީ ދިވެހި ރައްޔިތުން ފަލަސްތީނާއެކު ތިބިކަން މުޅި ދުނިޔެ އަށް އަންގައިދިނުމަށް ކަމަށާއި އަހަރެމެން މިއީ އެއް އުއްމަތެއްގެ އަދި އެއް މިއްލަތެއްގެ ބަޔަކަށް ވާއިރު ހުރިހާ ދިވެހިން ވެސް މި ކަމުގައި ބައިވެރިވުމަކީ ވަރަށް ބޮޑު އެދުމެއް ކަމަށް އެ ޒުވާނުން ބުންޏެވެ.

އިޒްރޭލުން ފަލަސްތީނު މީހުންނަށް އެންމެ ފަހުން ދޭން ފެށި ހަމަލާތަކުގަައި 140 އާ ގާތްކުރާ އަދަދަކަށް ވަނީ މީހުން މަރާލައިފަ އެވެ. އޭގެ ތެރޭގައި 39 ކުޑަކުދިން ހިމެނެ އެވެ. އަދި އިތުރު 950 މީހަކު ވަނީ ޒަހަމް ވެސް ވެފަ އެވެ.

ބޮން އެޅުމުގެ އިތުރުން ބޮޑުބަޑި އާއި އެހެންނިހެން ހަތިޔާރުތައް ސަރަހައްދީ ރޮނގަށް ޖަމާކޮށް، ގާޒާއަށް އަރައިގަތުމަށް ވެސް އިޒްރޭލުން ދަނީ ތައްޔާރުވަމުންނެވެ.

ގާޒާ ކޮންޓްރޯލްކުރާ ހަމާސް އިން ވެސް ދަނީ އެ ޖަމާއަތުގެ އަތުގަައި ހުރި ނަމަ ހުރި ހަތިޔާރެއް އިޒްރޭލާ ދެކޮޅަށް ބޭނުންކުރަމުންނެވެ. މި ހަމަލާތަކުގައި އިޒްރޭލުގެ 10 ވަރަކަށް މީހުން މަރުވި ކަމަށް ބައެއް މީޑިއާ ރިޕޯޓްކޮށްފައިވެ އެވެ.