Roadha Mihaaru
ހަމަލާތަކުގެ މެދުތެރެއިން އެހީތެރިކަން ނުދެވޭނެ!

ގަރާރާ މެދު ރައީސްގެ ބަސް: ހަމަލާތަކުގެ މެދުތެރެއިން ފަލަސްތީނަށް އެހީތެރިކަން ފޯރުކޮށް ނުދެވޭނެ!

23 ޑިސެމްބަރ 2023

އިޒްރޭލުން ދޭ ހަމަލާތަކުގެ ސަބަބުން ފަލަސްތީނުގައި ހާލުގައި ޖެހިފައިވާ މީހުންނަށް ބޭނުންވާ އިންސާނީ އެހީތެރިކަމުގެ ސާމާނު އެތެރެ ކުރެވޭނެ މަގު ފަހިކޮށްދިނުމަށް ގޮވާލައި އދ. ގެ ސަލާމަތީ މަޖިލީހުން އިއްޔެ ފާސްކުރި ގަރާރަކީ ރަނގަޅު މަގަށް އެޅޭ ފިޔަވަޅެއްގެ ގޮތުގައި ސިފަ ކުރައްވައި، ހަމަލާތައް ހުއްޓާލަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ގޮވާލައްވައިފި އެވެ.

އައިޝަތު ނުޒުހާ އައިޝަތު ނުޒުހާ

އިޒްރޭލުން ދޭ ހަމަލާތަކުގެ ސަބަބުން ފަލަސްތީނުގައި ހާލުގައި ޖެހިފައިވާ މީހުންނަށް ބޭނުންވާ އިންސާނީ އެހީތެރިކަމުގެ ސާމާނު އެތެރެ ކުރެވޭނެ މަގު ފަހިކޮށްދިނުމަށް ގޮވާލައި އދ. ގެ ސަލާމަތީ މަޖިލީހުން އިއްޔެ ފާސްކުރި ގަރާރަކީ ރަނގަޅު މަގަށް އެޅޭ ފިޔަވަޅެއްގެ ގޮތުގައި ސިފަ ކުރައްވައި، ހަމަލާތައް ހުއްޓާލަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ގޮވާލައްވައިފި އެވެ.

ގާޒާގައި ހާލުގައި ޖެހިފައި ތިބި މީހުންނަށް ބޭނުންވާ އިންސާނީ އެހީތެރިކަމުގެ ސާމާނު ފޯރުކޮށްދިނުމަށްޓަކައި ކޮންމެހެން ބޭނުން ކަމަކަށް ވާތީ، އެމެރިކާ ރުހޭ ފަދަ ގޮތަކަށް އިބާރާތް ކޮށްގެން ފާސްކުރި އެ ގަރާރާ ގުޅިގެން، ރައީސް ޑރ. މުއިއްޒު "އެކްސް" ގައި ވިދާޅުވީ، ފަލަސްތީނުގެ މީހުން ގެންދަނީ މެދުކެނޑުމެއް ނެތި އިޒްރޭލުގެ ހަމަލާތަކާ ކުރިމަތިލަމުން ކަމަށާއި އެ ހަމަލާތަކުގެ މެދުތެރެއިން އެހީތެރިކަން ރައްކާތެރިކަމާ އެކު ފޯރުކޮށްދެވޭނެ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ.

މި ގަރާރުގެ އެހީގައި ފަލަސްތީނުގެ މީހުންގެ ހައްގުތައް ކަށަވަރުކޮށް، ހަމަލާތައް މެދުކަނޑާލައި، އިތުރު ފިޔަވަޅުތަކެއް އެޅުމަށް ރައީސް ޑރ. މުއިއްޒު ގޮވައިލެއްވި އެވެ.

ސަލާމަތީ މަޖިލީހުން އިއްޔެ ފާސްކުރި ގަރާރުގައި ވަނީ ހަނގުރާމަ ހުއްޓައިލުމުގެ މާނަ ދޭހަ ނުވާ ފަދަ ގޮތަކަށް އިބާރާތް ބަދަލުކޮށްފަ އެވެ.

މި ގަރާރުގައި އިޒްރޭލުން ދެމުންދާ ހަމަލާތައް ހުއްޓާލުމަށް ގޮވާލާފައިވާ ނުވާތީ މިއީ އެއްވެސް "މާނައެއް ނެތް" ގަރާރެއްގެ ގޮތުގައި ސިފަކޮށް، ގިނަ ގައުމުތަކުގެ ފާޑުކިޔުން ވެސް ދަނީ އަމާޒުވަމުންނެވެ.

ގަރާރުގައިވާ ގޮތުން، ހަމަލާތައް މެދުކަނޑާލާފައި އޮންނަ މުއްދަތުގައި، އިންސާނީ އެހީތެރިކަމުގެ ސާމާނު ގާޒާ އަށް އެތެރެކުރުމުގެ މަސައްކަތް ކުރިއަށް ގެންދާ ގޮތް އދ. އިން ބަލައި ފާރަވެރިވާން ޖެހޭނެ އެވެ. ގާޒާ އަށް އިންސާނީ އެހީތެރިކަމުގެ ސާމާނު ފޯރުކޮށްދޭނީ، މިހާރު ހިނގަމުންދާ ހަނގުރާމައިގައި ބައިވެރި ނުވާ އެހެން ގައުމުތަކުން ކަމަށާއި ގާޒާ އަށް އެހީގެ ސާމާނު އެތެރެކުރަމުންދާ ގޮތުގެ ފުރިހަމަ މައުލޫމާތު އދ. ގެ ފަރާތުން އިޒްރޭލަށާއި ފަލަސްތީނު ސަރުކާރަށް ގަރާރުގައި ބުނާ ގޮތުން އަންގަން ޖެހެ އެވެ.

ގާޒާގެ ހަނގުރާމަ ހުއްޓާލުމަށް ގޮވާލައި މީގެ ކުރިން ސަލާމަތީ މަޖިލީހަށް ހުށަހެޅި ގަރާރުތައް ވެސް ބޭކާރުވީ، އެމެރިކާ އާއި އިނގިރޭސި ވިލާތާއި ރަޝިއާ އިން ވީޓޯ ކުރުމުންނެވެ. ސަލާމަތީ މަޖިލީހުގައި ގަރާރެއް ފާސްވާނީ، ދާއިމީ ފަސް މެމްބަރުން ކުރެ މެންބަރަކު ވީޓޯގެ ބޭނުންނުކޮށް، އަދި މަދުވެގެން ނުވަ މެމްބަރުންގެ ތާއީދު ލިބިގެންނެވެ.

އިޒްރޭލުގެ ސިފައިން ގައްޒާއާ ދެކޮޅަށް މިހާރު ކުރަމުން ދާ ހަނގުރާމަ ފެށީ، އޮކްޓޫބަރު 7، 2023 ގައި ހަމާސް ޖަމާއަތުން އިޒްރޭލުގެ ޔަހޫދީ އާބާދީތަކަށް އަރައިގަނެ ދިން ހަމަލާތަކުގައި 1،147 މީހުން މަރާލައި 240 އަށް ވުރެ ގިނަ މީހުން ރަހީނުކުރުމާ ވިދިގެން ބަދަލު ހިފުމުގެ ގޮތުންނެވެ.

މިދިޔަ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިޒްރޭލު ސިފައިން ގާޒާއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ 73 ވަނަ ދުވަހަށް ފެށިފައިވާ އިރު، އިޒްރޭލުގެ ހަމަލާތަކުގައި ގާޒާ އިން ޝަހީދުވި މީހުންގެ އަދަދު ވަނީ 20،000 އަށް ވުރެ ގިނަވެފަ އެވެ. އޭގެ ތެރެއިން ދެ ބައިކުޅަ އެއް ބަޔަށް ވުރެ ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ.