Roadha Mihaaru
ރަށްރަށް ވެސް އުފާވެރިކަމެއް ނެތް، ފަޅު އީދެއް

ކޮވިޑާ ހެދި ރަށްރަށުގައި ވެސް އީދުގެ އުފާވެރިކަން ގެއްލިފައި!

13 މެއި 2021

މީގެ ކުރިން، އއ. ތޮއްޑޫގައި އީދު ދުވަހަށް އަލި ވިލޭނީ، ހެނދުނު އޮންނަ ބޮޑު ސަޔަށް ވާ ތައްޔާރީތަކާ އެކު އެވެ. ފަތިހުއްސުރެ، ބަދިގެތަކުގައި އަންހެންވެރިން ހޭލަމޭލަވެ އުޅޭނެ އެވެ. އީދު ނަމާދަށް ފަހު، މަގުމަތީގައި އޮންނަ ބޮޑު ސަޔަށް ދިޔުމަކީ ރަށުގެ ހުރިހާ އެންމެންގެ ވެސް އާދަ އެކެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

މީގެ ކުރިން، އއ. ތޮއްޑޫގައި އީދު ދުވަހަށް އަލި ވިލޭނީ، ހެނދުނު އޮންނަ ބޮޑު ސަޔަށް ވާ ތައްޔާރީތަކާ އެކު އެވެ. ފަތިހުއްސުރެ، ބަދިގެތަކުގައި އަންހެންވެރިން ހޭލަމޭލަވެ އުޅޭނެ އެވެ. އީދު ނަމާދަށް ފަހު، މަގުމަތީގައި އޮންނަ ބޮޑު ސަޔަށް ދިޔުމަކީ ރަށުގެ ހުރިހާ އެންމެންގެ ވެސް އާދަ އެކެވެ.

އެކަމަކު ރޯދަ މަސް ނިމި، ފިތުރު އީދު ދުވަސް ބޯމަތިވަމުން އަންނައިރު އެ އުފާވެރިކަމެއް ރަށުގައި ނެތެވެ. ކުރިއާލާ އީދަކަށް ތައްޔާރުވުމެއް ނެތެވެ. ބޮޑު ޖަމާއަތުގައި ކުރާ ނަމާދެއް ނެތެވެ. އެއަށް ފަހު ރަށުގެ ރައްޔިތުންނާއި އެ ރަށަށް އަރާ ތިބި މެހެމާނުންނަށް ހާއްސަކޮށްގެން ބާއްވާ ސައެއް ވެސް މި ފަހަރުގެ އީދުގައި ތޮއްޑޫގައި ނެތެވެ.

ރަށެއްގައި ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރަނީ

ރަށެއްގައި ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރަނީ

"ހަމަ އެއްވެސް ކަމެއް ނެތް މި އީދަކު ނޯންނާނެ. މި ބަލިމަޑުކަމުގައި ކަމެއް ނުކުރެވޭނެ ނޫންތޯ،" ތޮއްޑޫ ކައުންސިލްގެ ނައިބު ރައީސް ހަސަން އަބްދުﷲ ވިދާޅުވި އެވެ.

ތޮއްޑޫއެކޭ އެއްގޮތަށް މިއީ ރާއްޖެ ހުރިހާ ރަށެއްގައިހެން ހާލަތެވެ. ކޮވިޑް-19ގެ ބަލިމަޑުކަން ގިނަ ރަށްތަކަކަށް ފެތުރި، އަދި އެހެން ރަށްތަކަށް ވެސް ބަލި ގޮސްދާނެ ކަމުގެ ބިރު އޮތުމުން، އެއްވެސް ރަށެއްގައިހެން ކުލަގަދަކޮށް އީދު ފާހަގައެއް ނުކުރެ އެވެ.

މީގެ ކުރިން ތޮއްޑޫ އަކީ، އީދުގައި މަޖާކޮށްލަން، މާލޭންނާއި އަތޮޅުގެ އެހެން ރަށްތަކުން ވެސް ޒިޔާރަތް ކުރާ ރަށެކެވެ. ވާދަވެރި ސޯސަން ކްލަބާއި ބްރައިޓް ކްލަބުން، ދުވަހުގެ އެކި ވަގުތުތަކުގައި މުނިފޫހި ފިލުވުމުގެ ހަރަކާތްތައް ކުރިއަށް ގެންދެ އެވެ. ފެން ޖެހުމާއި ކުލަ ޖެހުމާއި ދަފި ނެގުމާއި މަގުމަތީގެ ކުޅިވަރުތަކެވެ. ރޭގަނޑު ވެސް އެކި ކަހަލަ މުނިފޫހިފިލުވުމުގެ ޝޯތަކެވެ.

ވައިކަރަދޫގައި އީދު ނަމާދު ބޮޑު ޖަމާއަތުގައި ކުރުމަށް ފަހު އެންމެން އެކުގައި ހެނދުނުގެ ސައިބޮނީ

ވައިކަރަދޫގައި އީދު ނަމާދު ބޮޑު ޖަމާއަތުގައި ކުރުމަށް ފަހު އެންމެން އެކުގައި ހެނދުނުގެ ސައިބޮނީ

އެކަމަކު މި އީދުގައި، މުޅި ރަށުގައި ވެސް އޮންނާނީ ހަމަހިމޭން ކަމެވެ. މޮނިޓަރިންއަށް ލާފައި ނެތް ނަމަވެސް، ދޭތެރެ ދޭތެރެއިން އެ ރަށުން ކޮވިޑްގެ ކޭސްތައް ފެންމަތިވެ އެވެ. އެހެންވެ، މީހުން އެއްވެ، އަނެއްކާ ވެސް ބަލިމަޑުކަން ރަށުގައި ހިލުމުގެ ފުރުސަތު ދޭން ބޭނުން ނުވަނީ އެވެ.

ކ. ތުލުސްދޫ އަކީ ވެސް މީގެ ކުރިން ކުލަ ގަދަކޮށް އީދު ފާހަގަ ކުރި ރަށެކެވެ. ހެނދުނު ބޮޑު ޖަމާއަތުގައި އީދު ނަމާދުކޮށް، ސަޔަށް ފަހު ފެންކުޅި ފެށޭނެ އެވެ. މެންދުރު ގޭގޭގައި ވަރުގަދައަށް ކައްކާނެ އެވެ. އަނެއްކާ ވެސް ހަވީރުން ފެށިގެން އެކި ކަހަލަ ކުޅިވަރުތައް ފެށޭނެ އެވެ.

އެކަމަކު، ތުލުސްދޫ ކައުންސިލްގެ ނައިބު ރައީސް ޒުލްކިފްލި އަލީ ވިދާޅުވި ގޮތުގައި މި ފަހަރުގެ އީދު ވަރަށް ފަޅުވާނެ އެވެ.

އީދު ނަމާދަށް ފަހު އެންމެން އެކުގައި ސައިބޮނީ

އީދު ނަމާދަށް ފަހު އެންމެން އެކުގައި ސައިބޮނީ

ތުލުސްދުއަކީ ކޮވިޑް އުޅޭތީ މޮނިޓަރިންއަށް ލާފައި އޮންނަ ރަށެކެވެ. ރަށުގެ ގިނަ ގެތަކެއް ހުރީ ބަންދުކޮށްފަ އެވެ. އެހެންވެ، ކުރިން އޮތް ކަހަލަ، ގޭގެއަށް ޒިޔާރަތްކޮށް ހާލުބަލައި، އީދުގެ އުފާފާޅުކުރުމުގެ އުފަލެއް އެ ރަށުގެ ރައްޔިތުންނަށް ލިބޭކަށް ނެތެވެ.

ކޮވިޑްގެ ބަލިމަޑުކަން މުޅި ރާއްޖެ އަށް ފެތުރި، ގިނަ ރަށްތަކަކަށް ބައްޔާ ކުރިމަތިލާން ޖެހުނު ނަމަވެސް މިހާތަނަށް، ހދ. ވައިކަރަދޫ ރައްކާތެރި އެވެ. ހޯމް ކަރަންޓީނުން ނޫން ގޮތަކަށް ޕޮޒިޓިވް ކޭހެއް ނުފެނެ އެވެ. އެކަމަކު، މީގެ ކުރިން ކުލަ ގަދަކޮށް އީދު ފާހަގަ ކުރަމުން އައި އެ ރަށުގައި ވެސް މި ފަހަރު އެއްވެސް ކަމެއް ނެތެވެ. ބޮޑު ޖަމާއަތުގައި ނަމާދު ކުރުމާއި މީހުން އެއްވެ އުޅޭ ފަދަ އެއްވެސް ކުޅިވަރެއް ނުކުޅެ އެވެ. އެއީ ކައިރި ބައެއް ރަށްރަށުގައި ބަލިމަޑުކަން އޮތުމާއެކު، އިތުރަށް ބަލި ފެތުރުމުގެ ފުރުސަތު އޮތުމުންނެވެ.

ކުޅުދުއްފުށީގައި ބޭއްވި މާލި ޕެރޭޑެއް: މި ފަދަ އެއްވެސް ހަރަކާތެއް މި ފަހަރު ނޯންނާނެ

ކުޅުދުއްފުށީގައި ބޭއްވި މާލި ޕެރޭޑެއް: މި ފަދަ އެއްވެސް ހަރަކާތެއް މި ފަހަރު ނޯންނާނެ

އާއްމުންގެ ތެރޭގައި ކޮވިޑް ފެތުރުމުގެ ބިރު އޮތުމުން، މިއަދާ ހަމައަށް 43 ރަށެއް ވަނީ މޮނިޓަރިންއަށް ލާފަ އެވެ. އެކަމަކު މި ވަގުތު ކޮވިޑްގެ ބަލި އެއްވެސް ވަރަކަށް ނެތް ރަށްރަށުގައި ވެސް މި ފަހަރު އީދު ފާހަގައެއް ނުކުރެ އެވެ. އެއީ ބައެއް ރަށްތަކުގައި، މީހުން ގެއިން ބޭރަށް ނުނިކުމެވި، އީދުގެ އެއްވެސް އުފަލެއްގައި ބައިވެރިވުމުގެ ފުރުސަތު ނެތުމުން، އެކަމަށް އިހްތިރާމްކޮށް، އެ ހިތާމައިގައި ބައިވެރިވުމުގެ ގޮތުންނެވެ.

ތުލުސްދޫގައި މީގެ ކުރިން އީދު ފާހަގަ ކުރުމަށް ބޭއްވި ކުޑަކުދިންގެ ހަވީރެއް. މިހާރު އެ ރަށް އޮތީ މޮނިޓަރިންއަށް ލާފައި

ތުލުސްދޫގައި މީގެ ކުރިން އީދު ފާހަގަ ކުރުމަށް ބޭއްވި ކުޑަކުދިންގެ ހަވީރެއް. މިހާރު އެ ރަށް އޮތީ މޮނިޓަރިންއަށް ލާފައި

މިދިޔަ އަހަރުގެ އޭޕްރީލް މަހުން ފެށިގެން ކޮވިޑް ބަލި މާލެތެރޭގައި ފެތުރެން ފެށި ފަހުން، ދެން އައި އެއްވެސް އީދެއްގެ އުފަލެއް މާލޭގައި އުޅޭ މީހުންނަކަށް ނުލިބެ އެވެ. މި ފިތުރު އީދުގައި ވެސް މާލޭގައި އޮންނާނީ، މިހާރު އިއުލާންކޮށްފައިވާ ކާފިއުއާއެކު ހަމަހިމޭން ކަމެވެ. އެކަމަކު، މިއީ ބަލިހާލަތު ގޯސްވެފައިވާ މި ދަނޑިވަޅު އެންމެންނަށް އެންމެ ރަނގަޅު ގޮތެވެ.