ރަމަޟާން މަހުގެ ރޯދައަށް ފަހު މުޅި ދުނިޔޭގައި މުސްލިމުން ފިތުރު އީދުގެ އުފާ ފާޅުކުރި އިރު މިދިޔަ އަހަރު ވެސް ފަލަސްތީނުގެ ޣައްޒާއަށް އެ އުފާވެރިކަމެއް ނުލިބެ އެވެ. މިދިޔަ ފިތުރު އީދުގައި ވެސް އިޒްރޭލުގެ އަނިޔާވެރިކަމުގެ ތެރޭގައި ޣައްޒާގެ ރައްޔިތުން އުޅެން ޖެހުނީ ހަމަލާތަކުގައި ޝަހީދުވީ މީހުންގެ ޖަނާޒާ ބާއްވާށެވެ.
ރަމަޟާން މަހުގެ ރޯދައަށް ފަހު މުޅި ދުނިޔޭގައި މުސްލިމުން ފިތުރު އީދުގެ އުފާ ފާޅުކުރި އިރު މިދިޔަ އަހަރު ވެސް ފަލަސްތީނުގެ ޣައްޒާއަށް އެ އުފާވެރިކަމެއް ނުލިބެ އެވެ. މިދިޔަ ފިތުރު އީދުގައި ވެސް އިޒްރޭލުގެ އަނިޔާވެރިކަމުގެ ތެރޭގައި ޣައްޒާގެ ރައްޔިތުން އުޅެން ޖެހުނީ ހަމަލާތަކުގައި ޝަހީދުވީ މީހުންގެ ޖަނާޒާ ބާއްވާށެވެ.
މި އަހަރު ހާލަތު އަދި މާ ގޯހެވެ. ދޮޅު އަހަރަށްވުރެ ގިނަ ދުވަސް ވަންދެން ކެނޑިނޭޅި ޣައްޒާއަށް ބޮން އަޅައި އެއްގަމު މަގުން އަރައި ހަމަލާތައް ދެމުން ގޮސް ރޯދަ މަހާ ދިމާކޮށް ހަމަލާތައް މެދުކަނޑާލި ނަމަވެސް ރޯދަ މަހުގެ ފަހު 10 އާ އެކު އިޒްރޭލުން އަލުން ހަމަލާތައް ފަށައި ހަފްތާއެއް ތެރޭގައި 700 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލި އެވެ.
ފަލަސްތީނުގެ ޣައްޒާގައި އިއްޔެ ފިތުރު އީދު ދުވަސް ފާހަގަކުރި އިރު އިޒްރޭލުން ދިން އެކި ހަމަލާތަކުގައި 64 މީހަކު ޝަހީދުކޮށްލި އެވެ. ހަމަލާތަކަށް ފަހު 14 މީހަކު ގެއްލިފައިވާ ކަމަށް އޮފިޝަލުން ވަނީ ބުނެފަ އެވެ.
ފަލަސްތީނުގެ ޣައްޒާގެ މަގުމަތީގައި އިއްޔެ އީދު ނަމާދުކުރަނީ: ދުވަސް ފެށުނީ ވެސް އިޒްރޭލުން ފަސް ކުއްޖަކު ޝަހީދުކޮށްލި ހަމަލާއަކުން. -- ފޮޓޯ: އޭއެފްޕީ
"އީދަކީ އާއިލީ ގުޅުންތައް ބަދަހިކޮށް އެންމެން އެކަކު އަނެކަކަށް ޒިޔާރަތްކުރުމުގެ ދުވަސް. އެކަމަކު އަހަރެމެންނަށް އޮތީ އާއިލީ މެންބަރުންނަށް އަލްވަދާއު ކިޔައި ޖަނާޒާތައް ބޭއްވުން،" އުމުރުން 28 އަހަރުގެ މަންމައެއް ކަމަށްވާ ނަހްލާ އަބޫ މަތާރު އޭއެފްޕީ އަށް ދިން އިންޓަވިއުއެއްގައި ބުނެފައިވެ އެވެ.
ނަހުލާ އަކީ ވެސް ޣައްޒާގެ އެތައް ހާސް މީހުންނެއް ފަދައިން ޣައްޒާގެ އުތުރު ސަރަހައްދުން ގެދޮރު ގެއްލި ހާލުގައި ޖެހުމުން ޚާން ޔޫނިސްގެ ވަގުތީ ހިޔާތަކުގައި މިހާރު އުޅެން ޖެހިފައިވާ މީހެކެވެ.
"އީދު ދުވަސްތަކުގައި އަހަރެމެން އެންމެން އެއްވެ ނަމާދުކުރި މިސްކިތްތައް މިއަދު އެ ހުރީ ފުނޑުފުނޑު ކޮށްލާފައި. އީދު ދުވަހު މީހުން ގޮސް އުޅުނު ހުރިހާ ތަނެއް ހުރީ އެހެން،" އޭނާ ބުންޏެވެ.
ޣައްޒާގައި އީދު ދުވަހަށް އަލި ވިލުނީ ވެސް އިޒްރޭލުން ގެޔަކަށާއި ފޭލިގެޔަކަށް ދިން ހަމަލާތަކެއްގައި ފަސް ކުޑަކުދިން ހިމެނޭހެން އަށް މީހަކު ޝަހީދުކޮށްލުމާ އެކުގަ އެވެ.
ފަލަސްތީނުގެ ޣައްޒާގައި މީހަކު އިއްޔެ އޭނާގެ އާއިލާގެ މީހެއްގެ މަހާނަ ކައިރީ އިނދެ ރޮނީ: އީދަކީ އާއިލާއަށް ޒިޔާރަތްކުރުމަށް ހާއްސަ ދުވަހަކަށް ވާއިރު ޣައްޒާގެ އެތައް ބަޔަކު ދިޔައީ އިޒްރޭލުގެ ހަމަލާތަކުގައި ޝަހީދުވި މީސްމީހުންގެ މަހާނަ ދޮށަށް. -- ފޮޓޯ: އޭއެފްޕީ
އެކަމަކު މި ބިރުވެރިކަމާއި ހިތްދަތިކަމުގެ ތެރޭގައި ވެސް ޣައްޒާގެ އެކި ތަންތަނަށް މީހުން ނުކުމެ ދުވަސް ފެށީ އީދު ނަމާދުންނެވެ. ބިމާ ހަމަކޮށްލާފައިވާ އިމާރާތްތަކުގެ ތެރެެއިން ޖާގަ ހަދައި، މުސައްލަ އަޅައިގެން އެތައް ހާސް ބަޔަކު އަޅުކަމުގައި ބައިވެރިވި އެވެ.
އޭއެފްޕީގެ ނޫސްވެރިން ބުނި ގޮތުގައި އެތައް ބަޔަކު އީދު ނަމާދަށް ފަހު ޒިޔާރަތްކުރީ ހަމަލާތަކުގައި ޝަހީދުވި އާއިލާގެ މީސްމީހުން ވަޅުލާފައިވާ ގަބުރުސްތާނުތަކަށެވެ. އޭރު ވެސް ބޯމަތިން އިޒްރޭލުގެ ޑްރޯންތައް ބުރުޖަހާ އަޑު ގަދަޔަށް އިވެ އެވެ.
އާންމުން ބުނަނީ މީހުން އެއްތަނަކަށް އެއްވާ ކޮންމެ ފަހަރު އިޒްރޭލުން ހަމަލާ ދޭތީ އެކަކު އަނެނަކަށް ޒިޔާރަތްކުރުން ވެސް ބިރުވެރި ކަމަކަށް ވެފައި އޮންނަ ކަމަށެވެ.
އީދު ދުވަހު ފަލަސްތީނުގެ ކުދިންތަކެއް، މަގުމަތީ މުދާ ވިއްކާ މީހެއްގެ އަތުން ކުޅޭ އެއްޗެހި ގަންނަނީ: އީދުގެ އުފާވެރިކަން ޣައްޒާގައި ގެއްލިފައި ވާއިރު ކުޑަކުދިންނަށް އޮތް ނުރައްކާ ބޮޑު. -- ފޮޓޯ: އޭއެފްޕީ
މީގެ ހަފްތާއެއް ކުރިން އިޒްރޭލުން އަލުން ޣައްޒާއަށް ހަމަލާތައް ދޭން ފަށައި ފަލަސްތީން ރެޑް ކްރެސެންޓުގެ އެމްބިއުލާންސްތަކަކަށް ދިން ހަމަލާގައި މަރުވި 15 މީހުންގެ ތެރެއިން އަށް މީހެއްގެ ހަށިގަނޑު ވެސް އިއްޔެ ފެށިފައިވެ އެވެ. މީގެ ތެރޭގައި ހިމެނެނީ ސިވިލް ޑިފެންސްގެ ފަސް މީހަކާއި އދ.ގެ މުވައްޒަފަކު ވެސް ހިމެނެ އެވެ.
އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ރެޑް ކްރޮސް އެންޑް ރެޑް ކްރެސެންޓުން ވަނީ އިޒްރޭލުގެ މި ހަމަލާ ވަރަށް ބޮޑަށް ކުށްވެރިކޮށް މިއީ އިޒްރޭލުން ރެޑް ކްރޮސް އާއި ރެޑް ކްރެސެންޓުގެ މީހުންނަށް އަމާޒުކޮށް ދީފައިވާ ހަމަލާތަކުގެ ތެރެއިން މިހާތަނަށް ދިން އެންމެ އަނިޔާވެރި ހަމަލާ ކަމަށް ބުނެފަ އެވެ.
ރެޑް ކްރެސެންޓުގެ ވެހިކަލްތަކަށް ހަމަލާ ދިނުމަށް ފަހު އިޒްރޭލުން ބުނެފައިވަނީ އެއީ ޝައްކުވާ އުޅަނދުތަކަކަށް ދިން ހަމަލާތަކެއް ކަމަށާއި އެ ހަމަލާގައި "އެތައް ޓެރަރިސްޓުންނެއް" މަރާލާފައިވާ ކަމަށެވެ. އަދި ހަމާސް އިން އިމަޖެންސީ ވެހިކަލްތައް ހަނގުރާމައަށް ބޭނުންކުރަނީ ކަމަށް ވެސް ބުންޏެވެ.
ހަމާސް އިން އޮކްޓޫބަރު 7، 2023 ގައި އިޒްރޭލަށް ހަމަލާދީ ހާހަކަށް ވުރެ ގިނަ މީހުން މަރާލި ހަމަލާގެ ބަދަލު ހިފަން ކަމަށް ބުނެ އިޒްރޭލުން ދެމުން ގެންދާ ހަމަލާތަކުގައި ޣައްޒާއިން މިހާތަނަށް ޝަހީދުވި މީހުންގެ އަދަދު ވަނީ 50،277 އަށް ވުރެ މަތިވެފަ އެވެ. އެ ހަމަލާތަކުގައި 114،000 އަށް ވުރެ ގިނަ މީހުން ވަނީ ޒަހަމްވެފަ އެވެ.
ޣައްޒާގައި އީދާ ދިމާކޮށް ފަސް ކުއްޖަކު ޝަހީދުކޮށްލައިފި
ޣައްޒާ އިތުރަށް ކުޑަކޮށް އެކަހެރިކުރާނެ ކަމަށް ބުނެފި
ޣައްޒާގެ ގެޔަކަށް ހަމަލާދީ 23 މީހުން ޝަހީދުކޮށްލައިފި
ޣައްޒާ އަކީ ގަތުލުގެ މައިދާނަކަށް ހަދައިފި: ގުޓަރެޒް
ރޭގެ ހަމަލާތަކުގައި ޣައްޒާއިން 19 މީހަކު ޝަހީދުވި
ރެޑް ކްރެސެންޓުގެ ޓީމަށް ހަމަލާދިނީ މެރުމުގެ ނިޔަތުގައި
ޣައްޒާގައި އިތުރު 400،000 މީހުން މަގުމަތިވެއްޖެ
ކާރުތަކަށް ގާ އުކާ ކަމަށް ބުނެ ކުއްޖަކު ޝަހީދުކޮށްފި
މިއަދުވެސް ޣައްޒާއިން 25 މީހަކު ޝަހީދުކޮށްލައިފި
އެހީގެ ޓީމު ޝަހީދުކޮށްފައި އިޒްރޭލުން ހެދި ދޮގު ފަޅާއަރައިފި