Roadha Mihaaru

ތޮއްޑޫ މާސްޓާސް ޓީޓީ މުބާރާތުގައި 18 ގައުމަކުން 110 ކުޅުންތެރިން ބައިވެރިވެއްޖެ

އިހާ އެކަޑަމީ އާއި، ތޮއްޑޫ ލޯކަލް އޮތޯރިޓީ ކުންފުނި ގުޅިގެން، އޮގަސްޓް މަހު ބާއްވާ އެއް ވަނަ ތޮއްޑޫ މާސްޓާސް ޓޭބަލް ޓެނިސް ޓޯނަމަންޓަށް ހީކުރި ވަރަށް ވުރެ ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށާއި، މިހާތަނަށް 18 ގައުމަކުން 110 ކުޅުންތެރިން ބައިވެރިވެފައިވާ ކަމަށް އެ ފަރާތުން ބުނެފި އެވެ.

ތޮއްޑޫ ޓީޓީ މުބާރާތުގައި 18 ގައުމަކުން 110 ކުޅުންތެރިން ބައިވެރިވެއްޖެ

އިހާ އެކަޑަމީ އާއި، ތޮއްޑޫ ލޯކަލް އޮތޯރިޓީ ކުންފުނި ގުޅިގެން، އޮގަސްޓް މަހު ބާއްވާ އެއް ވަނަ ތޮއްޑޫ މާސްޓާސް ޓޭބަލް ޓެނިސް ޓޯނަމަންޓަށް ހީކުރި ވަރަށް ވުރެ ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށާއި، މިހާތަނަށް 18 ގައުމަކުން 110 ކުޅުންތެރިން ބައިވެރިވެފައިވާ ކަމަށް އެ ފަރާތުން ބުނެފި އެވެ.

މުބާރާތުގެ އެންމެ ފަހުގެ މައުލޫމާތު ދިނުމަށް މިއަދު ޓީޓީ ހޯލުގައި ބޭއްވި ޕްރެސް ކޮންފަރެންސެއްގައި، އިހާ އެކަޑަމީގެ އެޑްވައިޒަރު ސީވީޑް އަހުމަދު ލަތީފް ވިދާޅުވީ މުބާރާތުގައި ޗައިނާ، އިންޑިއާ، ނޭޕާލް، ރަޝިއާ، ސިންގަޕޫރު، އަދި ތުރުކީ ހިމެނޭހެން އެކި ގައުމުތަކުން މޮޅެތި ކުޅުންތެރިންތަކެއް ވާދަކުރާނެ ކަމަށެވެ.

"އޭގެ ތެރޭގައި މާސްޓާސް ވޯލްޑް ޗެމްޕިއަނުން ވެސް ހިމެނޭ،" މާސްޓާސް މުބާރާތްތަކުގައި ރާއްޖެ ތަމްސީލުކޮށްފައިވާ ކުރީގެ ޓީޓީ ޗެމްޕިއަން ލަތީފް ވިދާޅުވި އެވެ.

"ރާއްޖޭގައި (މި ލެވެލްގައި) ނުފެންނަ ވަރުގެ މޮޅު ކުޅުންތަކެއް މި މުބާރާތުން ފެންނާނެ."

ޓޭބަލް ޓެނިސްގައި މާސްޓާސްއަކީ ސީނިއާ ނުވަތަ ތަޖުރިބާކާރު ކުޅުންތެރިންނަށް ހާއްސަ ކެޓަގަރީއެކެވެ. އެހެން ބައެއް ކުޅިވަރުތަކުގައި ނަމަ ވެޓްރަންސް ކެޓަގަރީ އެވެ.

ސްޕޯޓްސް މިނިސްޓްރީ އާއި ޓީޓީ އެސޯސިއޭޝަނުގެ އެއްބާރުލުމާ އެކު ބާއްވާ މި މުބާރާތް އޮންނާނީ ތޮއްޑޫ ސްކޫލުގެ މަލްޓި ޕާޕޯސް ހޯލުގަ އެވެ. އެތަނަށް ބޭނުންވާ ވަސީލަތްތައް ހަމަކުރުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ. އެގޮތުން މުބާރާތް ފެށެން ވާއިރަށް އެތަން އެއާ ކޮންޑިޝަން ވެސް ކުރާނެ އެވެ.

ރާއްޖޭގައި އެންމެ ފުޅާކޮށް ލޯކަލް ޓޫރިޒަމް ކުރިއަށް ގެންދާ އެއް ރަށް ކަމަށްވާ ތޮއްޑޫގައި މި މުބާރާތް ކުރިއަށް ގެންދާނީ ބައިވެރިންނަށް ޗުއްޓީއެއް ވެސް ހޭދަކޮށްލެވޭ ގޮތަށެވެ. އެގޮތުން ބައިވެރިންނަށް ގުދުރަތީ ތީރިކަން ތަޖުރިބާކޮށްލެވޭނެ ހަރަކާތްތަކެއް ވަނީ ރާވައިފަ އެވެ. އަދި ތޮއްޑޫ ލޯކަލް އޮތޯރިޓީ ކުންފުނި މެދުވެރިކޮށް އެކޮމަޑޭޝަން ހަމަޖައްސާ ކުޅުންތެރިންނަށް ހާއްސަ ރަޖިސްޓަރޭޝަން ފީތަކެއް ވަނީ ކަނޑައަޅައިފަ އެވެ.

ތޮއްޑޫ ލޯކަލް އޮތޯރިޓީ ކުންފުންނީގެ ފަރާތުން، އެ ރަށު ކައުންސިލް ރައީސް އަހުމަދު ކަރަމް ވިދާޅުވީ މުބާރާތުގެ އެއް ބޭނުމަކީ ސްޕޯޓްސް ޓޫރިޒަމް ތައާރަފުކޮށް، ލޯ ސީޒަނުގައި ވެސް ގެސްޓް ހައުސްތައް ފުރާލެވޭނެ މަގުކޮށުން ކަމަށެވެ. އޭނާ ވިދާޅުވީ ސްޕޯޓްސް ޓޫރިޒަމް ފުޅާކުރުމަކީ ސަރުކާރުގެ ވެސް ވިސްނުމެއް ކަމަށާއި، ކައުންސިލުގެ ވެސް ވިސްނުމަކީ ބީޗަށް ނުވަތަ މޫދަށް އެރެން ނޫން ގޮތްގޮތަށް ވެސް ރަށަށް ޓޫރިސްޓުން ގެނައުން ކަމަށެވެ.

"އެހެންކަމުން މިފަދަ ކުޅިވަރުގެ ގިނަ ހަރަކާތްތަކެއް ބާއްވަން ބޭނުންވޭ. ހަމައެކަނި ޓީޓީ އަށް އޮތް ފުރުސަތެއް ނޫން މިއީ. އެހެން ކުޅިވަރުތަކަށް ވެސް އަޅުގަނޑުމެން ޖާގަ ދޭނަން،" ކަރަމް ވިދާޅުވި އެވެ.

ޓީޓީ އެސޯސިއޭޝަނުގެ ކުރީގެ ރައީސް ލަތީފް ވިދާޅުވީ ބޭރު ގައުމެއްގެ ސިޓީއެއްގައި ބާއްވާ މުބާރާތަކަށް ވުރެ، ރާއްޖެ ފަދަ ގައުމެއްގެ ރަށެއްގައި ބާއްވާ މުބާރާތަކުން ކުޅުންތެރިންނަށް ތަފާތު ތަޖުރިބާއެއް ކުރެވޭނެ ކަމަށާއި، މި މުބާރާތުގެ ތެރޭގައި ކުޅުންތެރިންނަށް ރާއްޖޭގެ ރީތިކަމާއި، ސަގާފަތް ދައްކައިދޭ ހަރަކާތްތަކެއް އޮންނާނެ ކަމަށެވެ.

އޭނާ ވިދާޅުވީ މުބާރާތުގެ ސަބަބުން ރާއްޖެ އަށް އިތުރު މަޝްހޫރުކަމެއް ލިބޭނެ ކަމަށާއި، ބޭނުންވަނީ ސިލްސިލާކޮށް ކޮންމެ އަހަރަކު ވެސް ކުރިއަށް ގެންދިއުން ކަމަށެވެ.

"އަލަށް ބާއްވާއިރު މި ލިބުނު ތަރުހީބާ މެދު ވަރަށް ބޮޑަށް ހިތްހަމަޖެހޭ. މިހާރު މި މަސައްކަތްކުރަނީ އަންނަ އަހަރު ވެސް މި މުބާރާތަށް މީހުން އަންނާނެ ފަދަ ފުރިހަމަ މުބާރާތެއް މި ފަހަރު ބާއްވަން،" ލަތީފް ވިދާޅުވި އެވެ.

މުބާރާތުގައި ރާއްޖޭގެ 10 ކުޅުންތެރިން ވެސް ބައިވެރިވެފައިވާއިރު، އިހާ އެކަޑަމީގެ މެނޭޖިން ޑައިރެކްޓަރު އަފްނާން އިބްރާހީމް ވިދާޅުވީ މި މުބާރާތުގެ ސަބަބުން އެ ކުޅުންތެރިންނަށް ވެސް ރަނގަޅު ތަޖުރިބާތަކެއް ލިބޭނެ ކަމަށެވެ. އަދި މުބާރާތުގެ ސަބަބުން ތޮއްޑޫގައި ތިބި މި ކުޅިވަރަށް ޝައުގުވެރިވާ ކުދިންނާއި، މީހުންނަށް ވެސް ފުރުސަތު ފަހިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން އިހާ އެކަޑަމީން ވަނީ މުބާރާތާ ދިމާކޮށް ތޮއްޑޫ ސްކޫލަށް ހާއްސަ ޓްރެއިނިން ޕްރޮގްރާމެއް ހިންގައިދީފަ އެވެ.

ކުރީގެ ކުޅުންތެރިޔާ ސީވީޑް އިބްރާހީމް ލަތީފް (އިއްބެ) އާއި އޭނާގެ ދަރިފުޅު އަފްނާން އިސްވެ މީގެ ހަތަރު އަހަރު ކުރިން އުފެއްދި އިހާ އެކަޑަމީން ވަނީ މިހާތަނަށް 250 އަށް ވުރެ ގިނަ ކުޅުންތެރިންނަށް ޓްރެއިނިން ދީފަ އެވެ. އޭގެ ތެރެއިން ބައެއް ކުޅުންތެރިންނަށް ރާއްޖޭން ބޭރުގެ ތަޖުރިބާ ވެސް ހޯދައިދީފަ އެވެ. އަދި އެ އެކަޑަމީން ޓްރެއިނިން ދިން ބައެއް ކުޅުންތެރިން އަންނަނީ ގައުމީ ފެންވަރުގައި ވެސް ވާދަކުރަމުންނެވެ. މި އެކަޑަމީގައި ދެން އިސްކޮށް އުޅެނީ ކުރީގެ ޗެމްޕިއަން ތާޅަފިލި އަލީ އާދަމް މަނިކު (އަލިބެ) އެވެ.