Roadha Mihaaru

ތޮއްޑޫ މާސްޓާސް އިންޓަނޭޝަނަލް ޓީޓީ މުބާރާތް ރައީސް ފައްޓަވައި ދެއްވައިފި

ޓޭބަލް ޓެނިސްގެ ކުރީގެ ކުޅުންތެރިންނަށް ހާއްސަކޮށްގެން ބާއްވާ ވެޓަރަންސް ބައިނަލްއަގްވާމީ މުބާރާތް ރައީސް ޑރ. މުހައްމަދު މުއިއްޒު އއ. ތޮއްޑޫގައި މިއަދު ފައްޓަވައި ދެއްވައިފި އެވެ.

ތޮއްޑޫ މާސްޓާސް މުބާރާތް ރައީސް ފައްޓަވައި ދެއްވައިފި
ހުސެއިން ހަބީބް
ހުސެއިން ހަބީބް

20 އޯގަސްޓް 2025

ޓޭބަލް ޓެނިސްގެ ކުރީގެ ކުޅުންތެރިންނަށް ހާއްސަކޮށްގެން ބާއްވާ ވެޓަރަންސް ބައިނަލްއަގްވާމީ މުބާރާތް ރައީސް ޑރ. މުހައްމަދު މުއިއްޒު އއ. ތޮއްޑޫގައި މިއަދު ފައްޓަވައި ދެއްވައިފި އެވެ.

ޓީޓީގެ ލެޖެންޑް އަދި ޓީޓީ އެސޯސިއޭޝަނުގެ ކުރީގެ ރައީސް އަހުމަދު ލަތީފު (ސީވީޑް) އިސްކޮށް ހުންނަވައި، އޭނާގެ އާއިލީ ކްލަބް "އިހާ އެކަޑަމީ" އާއި ތޮއްޑޫ ކައުންސިލު ގުޅިގެން ބާއްވާ، ތޮއްޑޫ މާސްޓާސް ޓޭބަލް ޓެނިސް މުބާރާތަކީ ޓީޓީގެ ވެޓަރަންސް ކެޓަގަރީ އަށް ހާއްސަކޮށް ރާއްޖޭގައި ބާއްވާ ފުރަތަމަ ބައިނަލްއަގްވާމީ މުބާރާތެވެ.

އއ. އަތޮޅަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ރައީސް މުއިއްޒު މިއަދު ތޮއްޑު އަށް ވަޑައިގެން އެ މުބާރާތް އިފުތިތާހު ކޮށްދެއްވައި އެ ހަފުލާގައި ވެސް ބައިވެރިވެ ވަޑައިގަތުމަކީ، ސީވީޑް ލަތީފު ވިދާޅުވިގޮތުގައި ރާއްޖޭގެ ޓީޓީ އާއި ދިވެހި ކުޅިވަރަށް އެ މަނިކުފާނު ދެއްވާ އަހަމިއްޔަތުކަން ހާމަވާ ކަމެކެވެ.

އޭނާ ވިދާޅުވީ އެއީ ކޮންމެ އަހަރަކު އެއް ފަހަރު ބާއްވާ މުބާރާތަށް ހަދަން މަސައްކަތް ކުރައްވާ ކަމަށެވެ.

ތޮއްޑޫ މާސްޓާ ޓީޓީ މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތުގައި ސީވީޑް އަހްމަދު ލަތީފް ވާހަކަ ދައްކަވަނީ: އޭނާ ވިދާޅުވީ ކޮންމެ އަހަރަކު އެ މުބާރާތް ތޮއްޑޫގައި ބާއްވަން މަސައްކަތް ކުރާނެ ކަމަށް --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

މި މުބާރާތުގައި 17 ގައުމަކުން 75 ކުޅުންތެރިން ވާދަކުރެ އެވެ. އުމުރުން 35 އަހަރުން ފެށިގެން 75 އަހަރާ ދެމެދު އުމުރުގެ ކުރީގެ ކުޅުންތެރިން މުބާރާތުގައި ވާދަކުރާނެ އެވެ.

ލަތީފު ވިދާޅުވިގޮތުގައި، ދުނިޔޭގެ މުބާރާތުގެ ޗެމްޕިއަނުންނާއި ސަރަހައްދީ އަދި ބައްރުތަކުގެ މުބާރާތުގެ އިތުރުން އެކި ގައުމުތަކުގެ ގައުމީ ޗެމްޕިއަންކަން ހޯދި ކުރީގެ ކުޅުންތެރިން މުބާރާތުގައި ބައިވެރިވެ އެވެ.

މުބާރާތަށް ސްޕޯޓްސް މިނިސްޓްރީން ދިން އެހީތެރިކަން ލަތީފު ފާހަގަ ކުރެއްވި އެވެ.

ތޮއްޑޫ މާސްޓާސް ޓީޓީ މުބާރާތުގައި ވާދަކުރާ ބައެއް ކުޅުންތެރިން: 17 ގައުމަކުން ޖުމުލަ 75 ކުޅުންތެރިން މުބާރާތުގައި ވާދަކުރޭ --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ތޮއްޑޫ މާސްޓާސް ޓީޓީ މުބާރާތުގައި ވާދަކުރާ ބައެއް ކުޅުންތެރިން: 17 ގައުމަކުން ޖުމުލަ 75 ކުޅުންތެރިން މުބާރާތުގައި ވާދަކުރޭ --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ހަފުލާގައި ވާހަކަ ދައްކަވަމުން ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު ވިދާޅުވީ، ތޮއްޑޫ މާސްޓާސް މުބާރާތަކީ ރަށްރަށުގައި ވެސް ބައިނަލްއަގްވާމީ މުބާރާތްތައް ބޭއްވޭނެކަން ހާމަކޮށްދޭ މުބާރާތެއް ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، ބައިނަލްއަގްވާމީ ގިނަ މުބާރާތްތަކެއް މާލެ ސަރަހައްދުގައި މީގެ ކުރިން ބޭއްވި ނަމަވެސް ރާއްޖޭގެ އަތޮޅުތަކުގައި އެފަދަ މުބާރާތްތައް ބޭއްވުމަކީ ސަރުކާރުގެ އެންމެ ބޮޑު އަމާޒު ކަމަށެވެ.

ތޮއްޑޫ ސްކޫލު ހޯލްގައި ކުޅޭ މުބާރާތުގެ މެޗުތަކުގެ ކުޅުން މިއަދު ފަށާނެ އެވެ. އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް މުބާރާތް ކުރިއަށް ގެންދާނެ އެވެ.