Roadha Mihaaru

ރައީސް ވިދާޅުވީ މިއަދާ ހަމަޔަށް އޮތީ ދިއުޅި ދިގު ނިޒާމެއް ކަމަށް

މިއަދާ ހަމަޔަށް އޮތީ ދިއުޅި ދިގު، އިންއެފިޝިއެންޓް ނިޒާމެއް ކަމަށާއި ކެބިނެޓުގެ ވަޒީރުންނާއި މަސައްކަތްކުރާ ކުންފުނިތަކުގެ ވެރިންނާ އެކު ރަށްތަކަށް ދަތުރުކުރައްވަނީ އެކަން ނިމުމަކަށް ގެނެސް މަސައްކަތް ހަލުވިކުރަން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

"މިއަދާ ހަމަޔަށް އޮތީ ދިއުޅި ދިގު ނިޒާމެއް"
ފާތިމަތު އަޖްފާން
ފާތިމަތު އަޖްފާން

19 އޯގަސްޓް 2025

މިއަދާ ހަމަޔަށް އޮތީ ދިއުޅި ދިގު، އިންއެފިޝިއެންޓް ނިޒާމެއް ކަމަށާއި ކެބިނެޓުގެ ވަޒީރުންނާއި މަސައްކަތްކުރާ ކުންފުނިތަކުގެ ވެރިންނާ އެކު ރަށްތަކަށް ދަތުރުކުރައްވަނީ އެކަން ނިމުމަކަށް ގެނެސް މަސައްކަތް ހަލުވިކުރަން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

އއ. އަތޮޅަށް ރައީސް މިއަދު ފެއްޓެވި ދަތުރުފުޅުގައި ފުރަތަމަ އެ އަތޮޅު ހިމަންދޫއަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވައި ވިދާޅުވީ މިނިސްޓަރުންނާއި ކުންފުނިތަކުގެ ވެރިންނާ އެކު ދަތުރު ކުރައްވަނީ ރައްޔިތުންނާ ވީހާ ވެސް ގާތުން މަސައްކަތް ކުރައްވަން ބޭނުންފުޅުވާތީ ކަމަށެވެ.

"އަޅުގަނޑު ރަށްރަށަށް ދަތުރު މި ކުރަނީ މިގޮތަށް، ރައްޔިތުން ބޭނުންވާ ކަންކަން އެއް ބައްދަލުވުމަކުން ނުވަތަ އެއް ދަތުރެއްގެ ތެރެއިން ކިޔައިދީ ކަންކަމަށް ހައްލު ގެނެސްދިނުމަށް،" ރައީސް ވިދާޅުވި އެވެ.

ރައީސްގެ ދަތުރުފުޅަށް އިދިކޮޅު ފަރާތްތަކުން ފާޑު ކިޔާކަން ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ އެ ދަތުރުތަކުގެ މުހިންމުކަން އެ ބޭފުޅުންނަށް ވިސްވިވަޑައި ނުގަންނަވަނީ ކަމަށެވެ.

"އަޅުގަނޑުމެން މި ދަތުރުތައް މި ކުރަނީ ރަށްރަށުގައި ހުރި ހުރިހާ މަޝްރޫއުތަކެއް ހިންގަވާ ބޭފުޅުންނާ އެކީ. މިގޮތަށް މިކަން ނުކުރީމާ ވާގޮތަކީ، ވަރަށް އިންއެފިޝިއެންޓް،" ރައީސް ވިދާޅުވި އެވެ.

"ދިއުޅި ދިގު، އިންއެފިޝިއެންޓް ނިޒާމެއް މިއަދާ ހަމައަށް މި އޮތީ، އަޅުގަނޑުމެން މި މަސައްކަތް ފެށުމާ ހަމައަށް. މި ސަރުކާރުން މި ކަން ކުރަނީ މިކަމާ ގުޅޭ ހުރިހާ އެންމެން އެއްކޮށް ގެނެސް، އެއް ބައްދަލުވުމެއްގައި ހުރިހާ މުއައްސަސާތަކުގެ ވެރިންނާ އެކީގައި އެއް ބައްދަލުވުމެއް ބާއްވައި ހުރިހާ ވާހަކައެއް ދެއްކުމަށް އަޅުގަނޑު ފުރުސަތު ދެން."

ރަށްރަށުގައި ހުރި ކޮންމެ ވުޒާރާއަކުން ވެސް ކަމެއް ބޭނުން ވެއްޖެ ނަމަ ދާންޖެހެނީ މާލެއަށްކަން ފާހަގަކުރައްވަމުން ރައިސް ވިދާޅުވީ މި ދަތުރުތަކުން ރަށުގައި ތިބެގެން ހުރިހާ އިދާރާތަކެއްގެ ކަންކަން ހައްލުވާ ކަމަށެވެ.

ބައްދަލުވުންތަކުގައި އިތުރު ސުވާލެއް ނެތުމުން ނޫނީ ބައްދަލުވުން ނިންމާނުލައްވާ ކަމަށާއި އެއަށް ފަހު ކަމާ ގުޅުންހުރި އިދާރާތަކާ އެކު މަޝްވަރާ ކުރައްވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ހިމަންދޫއަށް ގިނަ ކަންތައް ތަކެއް ކޮށްދެއްވަން ރައީސް ވައުދުވެވަޑައިގެންފައި ވާއިރު އަންނަ އަހަރަށް ފާސްކުރާ ބަޖެޓުގައި ހިމަންދޫ ރައްޔިތުން އެދުނު ގޮތަށް ބިން ހިއްކުމުގެ މަސައްކަތް ފައްޓަވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.