Roadha Mihaaru
އއ. އަތޮޅުގެ ކަންބޮޑުވުންތައް ރައީސަށް

އއ. އަތޮޅުގެ ކަންބޮޑުވުންތައް ރައީސަށް

20 އޮކްޓޯބަރ 2021

އއ. އަތޮޅަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރައްޔިތުންގެ ޝުއޫރުތަކާއި ކަންބޮޑުވުންތައް އެމަނިކުފާނާ މިއަދު ހިއްސާކުރައްވައިފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

އއ. އަތޮޅަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރައްޔިތުންގެ ޝުއޫރުތަކާއި ކަންބޮޑުވުންތައް އެމަނިކުފާނާ މިއަދު ހިއްސާކުރައްވައިފި އެވެ.

އެ އަތޮޅަށް މިއަދު ފެއްޓެވި ދަތުރުފުޅުގައި މިހާތަނަށް ވަޑައިގަތީ ތޮއްޑު އާއި ރަސްދޫގެ އިތުރުން އުކުޅަހަށެވެ. މަތިވެރި އާއި ބޮޑުފޮޅުދޫ އަދި ހިއަމަންދު އަށް މާދަމާ ވަޑައިގަންނަވާނެ އެވެ.

ރައީސްގެ ދަތުރުފުޅުގެ ތެރެއިން އއ. އަތޮޅު ކައުންސިލާ ބައްދަލުކުރައްވާފައިވާއިރު ތޮއްޑޫ، އުކުޅަސް އަދި ރަސްދޫ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ މެމްބަރުންނާ ވެސް ބައްދަލުކުރެއްވި އެވެ.

އެ ބައްދަލުކުރެއްވުމުގައި ރަސްދޫ ކައުންސިލުން މައިގަނޑު ކަންބޮޑުވުމެއްގެ ގޮތުގައި ހުށަހަޅާފައި ވަނީ ރަށުގެ ބިން ފުރިފައިވުމުން ރައްޔިތުންނަށް ދިމާވާ ބޯހިޔާވަހިކަމުގެ ދަތިކަމާއި، ސިއްހީ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރަން ޖެހިފައިވާ ކަމެވެ. އަދި އެރަށުގައި ފަށާ މަޝްރޫއުތައް ނުނިމި ލަސްވުމުގެ ކަންބޮޑުވުން ވެސް ރައީސްއަށް ހިއްސާކުރެއްވި އެވެ.

އޭގެ އިތުރުން ރަށުގެ ބޭރު ތޮށި ހަލާކުވެފައިވުމުގެ ސަބަބުން ދިމާވާ ދަތިތަކާއި، ކުޅިވަރު ފެސިލިޓީތައް މަދުވުމުން ހުރި ކަންބޮޑުވުމާއި މިނިސްޓްރީތަކާއި ކައުންސިލާ ދޭތެރޭ އޮންނަ އިދާރީ ގުޅުން ހީނަރުވުމުގެ ކަންބޮޑުވުން ވެސް ހިއްސާކުރެއްވި އެވެ.

އެ ރަށު އަންހެނުންގެ ތަރައްގީއަށް މަސައްކަޔްކުރާ ކޮމިޓީން ވަނީ އަލަށް އެފަދަ ކޮމިޓީއެއްގެ މަސައްކަތްކުރިއަށްދާތީ ކަމާގުޅޭ ފަރާތްތަކުގެ ފަންނީ ލަފައާއި އިރުޝާދު ބޭނުންވާކަން ރައީސްގެ ސަމާލުކަމަށް ގެނެސްފަ އެވެ.

ރަސްދޫން ގިނަ ކަންބޮޑުވުންތަކެއް ހިއްސާކުރިއިރު ތޮއްޑޫން ވެސް ވަނީ އެ ރަށުގެ ކަންބޮޑުވުންތަކާއި ބޭނުންވާ ކަންކަން ރައީސްއާ ހިއްސާކުރައްވައިފަ އެވެ.

ތޮއްޑޫން ފާހަގަކުރީ މަގު ހެދުމާއި، ސިއްހީ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމާއި ބަނދަރުގެ އެކްސްޓެންޝަން މަސައްކަތާއި ދޭތެރޭ ހުރި ހުށަހެޅުންތަކާއި، ސްކޫލަށް ބޭނުންވާ އިތުރު ކަންކަމާއި، ފަތުރުވެރިކަމާއި ދަނޑުވެރިކަން ހިމެނޭހެން ރަށުގެ ތަރައްގީއާ ގުޅޭ ކަންކަމެވެ. އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީން ވަނީ އޮފީސް އިމާރާތެއް ނެތުމުން ދިމާވާ ދަތިތައް ހިއްސާކޮށްފަ އެވެ.

އެއަށް ފަހު ރައީސް ވަޑައިގެންނެވި އުކުޅަހުން ވެސް އެ ރަށުގެ ކަންބޮޑުވުންތައް ރައީސްއާ ހިއްސާކުރެއްވި އެވެ. އެ ރަށުން ވެސް ރައީސް ވަނީ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރުނާ ބައްދަލުކުރައްވައި މަޝްވަރާތައް ކުރައްވައިފަ އެވެ.

ރައްޔިތުންގެ އެ ކަންބޮޑުވުންތަކަށް ހައްލެއް ހޯދައިދެއްވުމަށް މަސައްކަތްކުރައްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ. ކުވެއިތު ފަންޑުގެ އެހީގައި އެ އަތޮޅު ހޮސްޕިޓަލް ތަރައްގީކުރުމުގެ މަޝްރޫއު ކުރިޔަށްގެން ނިންމާފައިވާއިރު ސީ އެމްބިއުލާސް އަންނަ އަހަރު ލިބޭނެކަމަށް ރައީސް ވިދާޅުވި އެވެ.

އއ. އަތޮޅުގައި ކުރިއަށް ގެންދިއުމަށް ރާވާފައިވާ 62 މަޝްރޫއުއެއް އެކި މަރުހަލާތަކުގައި މިވަގުތު އޮތްއިރު 18 މަޝްރޫއުއެއް ފެށި، 11 މަޝްރޫއުއެއް ވަނީ ނިމިފަ އެވެ.