Roadha Mihaaru
ލޭންޑް ޔޫސް ޕްލޭން ލަސްވުމުގެ ހިތްހަމަނުޖެހުން!

ލޭންޑް ޔޫސް ޕްލޭން ނުހެދި ލަސްވުމުގެ ހިތްހަމަނުޖެހުން މިނިސްޓްރީއަށް!

28 މެއި 2022

ރަށްރަށުގެ ލޭންޑް ޔޫސް ޕްލޭން، ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ފަސޭހަ އިން ހެދިދާނެ ގޮތެއް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެދެއްވި އެވެ. ފުރުސަތު ލިބުމާ އެކު ބައެއް ކައުންސިލަރުން ކުރެއްވީ ޝަކުވާ އެވެ. ސުވާލަކަށް ވީ މިނިސްޓަރު އެ ވިދާޅުވިިހާ ފަސޭހަ އިން އެކަން ކުރެވެން އޮތް ނަމަ ހައްލު ނުހޯދިި އަހަރެއް ވޭތުވީ ކީއްވެގެންތޯ އެވެ.

ފަޒީނާ އަހުމަދު އުކުޅަހުން ފަޒީނާ އަހުމަދު

ރަށްރަށުގެ ލޭންޑް ޔޫސް ޕްލޭން، ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ފަސޭހަ އިން ހެދިދާނެ ގޮތެއް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެދެއްވި އެވެ. ފުރުސަތު ލިބުމާ އެކު ބައެއް ކައުންސިލަރުން ކުރެއްވީ ޝަކުވާ އެވެ. ސުވާލަކަށް ވީ މިނިސްޓަރު އެ ވިދާޅުވިިހާ ފަސޭހަ އިން އެކަން ކުރެވެން އޮތް ނަމަ ހައްލު ނުހޯދިި އަހަރެއް ވޭތުވީ ކީއްވެގެންތޯ އެވެ.

ބައެއް ކައުންސިލަރުން ވިދާޅުވީ، ރަށު ތަރައްގީއާ ގުޅިފައިވާ ނިންމުންތައް ލޭންޑް ޔޫސް ޕްލޭނާ ހެދި ހުއްޓިފައިވާ އިރު، މިކަމުގައި ހައުސިން މިނިސްޓްރީގެ ފުރިހަމަ އެއްބާރުލުން ނުލިބޭ ކަމަށެވެ. މިނިސްޓަރު އަސްލަމް ހައްލު ކިޔައިދެއްވިހާ ފަސޭހަތަކެއް މިނިސްޓްރީގެ ތެރެއިން ފަހިނުވެ އޮތް ކަމަަށް ވިދާޅުވި އެވެ.

ގާނޫނީ ބާރުވެރިކަން ދީ ކައުންސިލްތައް ހިންގަން ފެށިތާ އަހަރެއްވި އިރު ލޭންޑް ޔޫސް ޕްލޭން ފާސްކުރަން ހައުސިން މިނިސްޓްރީއަށް ހުށަހެޅީ 55 ކައުންސިލުންނެވެ.

ކައުންސިލަރުންނަށް ޝަކުވާ ހުށަހަޅަން ހުޅުވާލުމުގެ ކުރިން ރައީސް ވިދާޅުވީ އަހަރެއްހާ ދުވަސް ވި އިރު އެ މައްސަލައަށް ހައްލު ހޯދިފައި އޮންނަން ޖެހޭ ކަމަށެވެ. އެކަމަކު، ހުރި ދަތިތަކަށް ހައްލެއް ނުހޯދި ހުރުމާ އެކު ދެން އޮތީ އަވަހަށް ގޮތްތަކެއް ނިންމުން ކަމަށް ވިދާޅުވި އެވެ.

އިރާދަކުރެއްވިއްޔާ، ތި ބޭފުޅުންގެ ތި މައްސަލައަށް ހައްލު އަންނާނެ: ރައީސް

ރައީސް ރިޔާސަތު ބެލެހެއްޓެވި ކޮންފަރެންސްގައި، ހުރާ ކައުންސިލްގެ ރައީސް އަހްމަދު އީސާ އެއްސެވީ ވޭތުވެދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ހައުސިން މިނިސްޓަރު އުޅުއްވީ ކޮންތާކުތޯ އެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ލާމަރުކަޒީ ނިޒާމު ގެންނެވުމުގައި ކުރައްވާ މަސައްކަތުގައި ރައީސްގެ ސްޕީޑާ އެއްވަރަށް ވަޒީރުންގެ އެއްބާރުލުން ނުދެއްވަނީތޯ ވެސް އެއްސެވި އެވެ.

ކޮންފަރެންސްގައި އީސަ ވާހަކަ ދައްކަވަނީ: ލޭންޑް ޔޫސް ޕްލޭން ލަސްވުމުގައި އޭނާ ދެއްކެވީ ހައުސިން މިނިސްޓަރުގެ ގޯސްތައް. -- ފޮޓޯ | ރައީސް އޮފީސް

ކޮންފަރެންސްގައި އީސަ ވާހަކަ ދައްކަވަނީ: ލޭންޑް ޔޫސް ޕްލޭން ލަސްވުމުގައި އޭނާ ދެއްކެވީ ހައުސިން މިނިސްޓަރުގެ ގޯސްތައް. -- ފޮޓޯ | ރައީސް އޮފީސް

ބ. މާޅޮހު ކައުންސިލްގެ ރައީސްގެ އަބްދުﷲ ޝުޖާއު ވިދާޅުވި ގޮތުގައި ތިން މަސް ދުވަހުގެ ތެރޭގައި ހަދަން ޖެހޭ ޕްލޭންތައް ނުހެދި ވަނީ އެއްބާރުލުން ނުލިބިގެންނެވެ. އެއާ އެކު އިހްތިސާސް ކަނޑައެޅުމުގައި ހުރި ދަތިތައް ވެސް އޭގެތެރެއަށް ވަދެ ކައުންސިލްތަށް ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިނިސްޓަރު އަސްލަމް މިއަދު ދެއްކެވީ ލޭންޑް ޔޫސް ޕްލޭން ހަދަން ޖެހޭ ތިން މަހުގެ ތެރެއިން ފުރަތަމަ މަހުގެ ތެރޭގައި ދައްކަވަން ޖެހޭ ވާހަކަތަކެއް ކަމަށެވެ.

"އެ ދުވަހު އެ ވާހަކަ ދެއްކި ނަމަ 55 ރަށުގެ ލޭންޑް ޔޫސް ޕްލޭނެއް ނޫން މިނިސްޓްރީއަށް ވަދެފައި އޮންނާނީކީއެއް. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި 95 ޕަސެންޓުގެ ކައުންސިލްތަކުގެ ލޭންޑް ޔޫސް ޕްލޭން އޮންނާނީ މިނިސްޓްރީއަށް ވަދެފައި،" އޭނާ ވިދާޅުވި އެވެ.

ވިއަވަތި ކޮންފަރެންސްގައި ކައުންސިލްގެ ރައީސް ވާހަކަ ދައްކަވަނީ. -- ފޮޓޯ | ރައީސް

ވިއަވަތި ކޮންފަރެންސްގައި ކައުންސިލްގެ ރައީސް ވާހަކަ ދައްކަވަނީ. -- ފޮޓޯ | ރައީސް

އޭނާ ވިދާޅުވީ ލޭންޑް ޔޫސް ޕްލޭނަށް ހައްލު ހޯދައި ދިނުމުގައި މާބޮޑަށް ވެސް ލަސްވެއްޖެ ކަމަށެވެ. ކައުންސިލްތަކުން ރުޅި އަންނަން ޖާއިޒު ކަމަށް ވިދާޅުވި އެވެ.

ކައުންސިލްތަކުގެ ބެލެނިވެރި ފަރާތް ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ސީއީއޯ އަފްޝަން ލަތީފު މިއަދު ވެސް ވިދާޅުވި ގޮތުގައި، ރަށްރަށުގެ ލޭންޑް ޔޫސް ޕްލޭންތައް ނުނިމި ލަސްވަނީ އެކަމާ ގުޅޭ ތަޖުރިބާކާރުން ރާއްޖޭގައި މަދުވުމާއި ކައުންސިލްތަކުން އެ ކަމަށް ކުރަން ޖެހޭ ހަރަދު ބޮޑުވުމުންނެވެ. އެލްޖީއޭ އަށް ވެސް އެކަމުގައި އެހީތެރިކަމެއް ފޯރުކޮށްދެވެން ނެތް ކަމަށް ވިދާޅުވި އެވެ.

ކައުންސިލަރުންގެ ކަންބޮޑުވުންތައް ރައީސް އައްސަވަނީ: މި ކޮންފަރެންސުން ޝަކުވާތަކަށް ހައްލެއް ލިބޭނެ ކަމަށް ވިދާޅުވި. -- ފޮޓޯ | ރައީސް އޮފީސް

ކައުންސިލަރުންގެ ކަންބޮޑުވުންތައް ރައީސް އައްސަވަނީ: މި ކޮންފަރެންސުން ޝަކުވާތަކަށް ހައްލެއް ލިބޭނެ ކަމަށް ވިދާޅުވި. -- ފޮޓޯ | ރައީސް އޮފީސް

އޭނާ ވިދާޅުވި ގޮތުގައި ލޭންޑް ޔޫސް ޕްލޭނުގެ މައްސަލައަށް ހައްލު ހޯދުމުގައި ކައުންސިލްތަކަށް އަވަސް ހައްލެއް ހޯދައިދޭން ޖެހެ އެވެ.

"އެއީ ޓެކްނިކަލް ހައްލެއް"

ކައުންސިލަރުންގެ ކަންބޮޑުވުންތައް އަޑުއެއްސެވުމަށް ފަހު، މިނިސްޓަރު އަސްލަމް ވަނީ އޭނާ ދެއްކެވި ވާހަކަ ދިފާއު ކުރައްވައިފަ އެވެ.

އޭނާ ވިދާޅުވީ ޕްރެޒެންޓޭޝަންގައި އޭނާ ދެއްވީ ޓެކްނިކަލް ހައްލެއް ކަމަށެވެ. އެއީ، މިނިސްޓަރުން އާއްމުކޮށް ދައްކައި އުޅޭ ކަހަލަ ވާހަކައެއް ނޫން ކަމަށާއި އެކަމަކު ވެސް އެއީ އެކަން ކުރެވެން އޮތް ގޮތެއް ކަމަށް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި، ލޭންޑް ޔޫސް ޕްލޭން ހެދުމުގައި ހުރި ދަތިތައް ފިލުވާލެވެން ކައުންސިލްތަކަށް އެބައޮތެވެ. ޒަމާނީ ޓެކްނޮލޮޖީގައި އެކަން ކުރާނެ ގޮތުގެ ތަފްސީލްތައް ކައުންސިލަރުންނާ ހިއްސާކުރައްވަމުން ވިދާޅުވެ ދެއްވީ ޑްރޯންއަކުން ރަށް ފޮޓޯ ނަގައިގެން ލޭންޑް ޔޫސް ޕްލޭން ހެދިދާނެ ގޮތެކެވެ.

ކޮންފަރެންސްގައި ކައުންސިލަރަކު ސުވާލުކުރައްވަނީ. -- ފޮޓޯ | ރައީސް އޮފީސް

ކޮންފަރެންސްގައި ކައުންސިލަރަކު ސުވާލުކުރައްވަނީ. -- ފޮޓޯ | ރައީސް އޮފީސް

މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި ލޭންޑް ޔޫސް ޕްލޭނަކީ ރަށެއްގެ ބިން ބޭނުންކުރާނެ ގޮތް ދައްކައިދޭ ޗާޓެވެ. އެއީ، ރަށުގެ ގޯތި ދޭނެ ސަރަހައްދުތަކާއި ކުޅިވަރާއި އިންޑަސްޓްރިއަލް ކަންކަން ކުރާނެ ސަރަހައްދުތައް ކަމަށް ވިދާޅުވި އެވެ.

"އެ މެޕް ނުޖެހޭ އެކި ބޭނުމަށް މީހުން ޗާޓު ކުރަހާފައި ހުންނަން،" މިނިސްޓަރު ވިދާޅުވި އެވެ.

އަސްލަމް ވިދާޅުވީ 35 ރަށުގެ ޗާޓު މި ފަހުން ވެސް މިނިސްޓްރީން ކުރަހާފައިވާ ކަމަށެވެ. އެ ޗާޓުތައް ލޭންޑް ޔޫސްޕް ލޭން ކުރަހަން ފުދޭ ކަމަށް ވިދާޅުވި އެވެ.

ވިއަވަތި ކޮންފަރެންސްގައި އެލްޖީއޭގެ ސީއީއޯ އަފްޝަން ވާހަކަ ދައްކަވަނީ. -- ފޮޓޯ | ރައީސް އޮފީސް

ވިއަވަތި ކޮންފަރެންސްގައި އެލްޖީއޭގެ ސީއީއޯ އަފްޝަން ވާހަކަ ދައްކަވަނީ. -- ފޮޓޯ | ރައީސް އޮފީސް

އޭނާ ވިދާޅުވި ގޮތުގައި ގާނޫނު ބައެއް ފަހަރަށް ކައުންސިލްތަކާއި ހައުސިން މިނިސްޓްރީގެ މުވައްޒަފުން ވެސް މާނަކުރަނީ މާ ބޮޑަށެވެ. ނޫން ނަމަ ފަސޭހަތަކާ އެކު ޕްލޭން ނިންމާލެވޭނެ ގޮތްތައް ފެންނާނެ އެވެ.

ލޭންޑް ޔޫސް ޕްލޭން ހެދުމުގައި ކައުންސިލްތަކަށް ދިމާވާ ކަންކަމުގައި ހައްލު ހޯދަން އަންނަ މަހުގެ 3-5 އަށް ބައްދަލުވުމެއް ބާއްވަން ވަނީ ނިންމައިފަ އެވެ. މި ބައްދަލުވުމުން، ހައްލެއް ލިބޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށް އަސްލަމް ވިދާޅުވި އެވެ.

ލޭންޑް ޔޫސް ޕްލޭންގައި އޮތް ހައްލަކަށް ބައެއް ކައުންސިލަރުން ހުށަހެޅީ ގާނޫނަށް ބަދަލު ގެނައުމަށެވެ. އެކަމަކު ލާމަރުކަޒި ކޮމިޓީގެ މުގައްރިރު އަދި ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒް (ނިޔާ) ވިދާޅުވީ ގާނޫނަށް ބަދަލު ނުގެނެސް ވެސް ލޭންޑް ޔޫސް ޕްލޭންގެ މައްސަލަ ހައްލުކުރެވޭނެ ކަމަށެވެ. އެކަން ކުރެވެން އޮތީ އޭނާ ހުށަހެޅުއްވި ގޮތުގައި ބިނާ ވެށި ޕްލޭންގެ ތެރެއިން ކަމަށް ވިދާޅުވި އެވެ.

ވަކި ގޮތެއް ނުނިމުނަސް ވިސްނުން ހުރީ، ގާނޫނު އިސްލާހުކުރަން ޖެހޭ ނަމަ އެކަންކޮށްގެން ވެސް ކައުންސިލްތަކަށް އެކަން ފަހިކޮށްދިނުމަށެވެ.