Roadha Mihaaru
ސެލޫންތަކުން އެޗްޕީއޭ އަށް ގޮންޖަހައި، ހިދުމަތް ދެނީ!

ސެލޫންތަކުން އެޗްޕީއޭ އަށް ގޮންޖަހައި ހިދުމަތް ދެނީ، ފިޔަވަޅެއް ނާޅާ!

10 މެއި 2021

ރާއްޖޭގައި މިއިން ދުވަހަކު ވެސް ކޮވިޑް-19 ނުފެތުރޭހާ ބާރު ސްޕީޑްގައި މިހާރު އެ ބަލި ފެތުރޭތީ އެކަން ކޮންޓްރޯލް ކުރުމަށް މިދިޔަ ބުރާސްފަތި ދުވަހު އެޗްޕީއޭއިން ވަނީ މާލެ ސަރަހައްދުގައި ފިޔަވަޅުތަކެއް އަޅައިފަ އެވެ. މީގެ ތެރޭގައި މި ސަރަހައްދުގައި ހިންގާ ސެލޫންތަކާއި ޖިމްތަކުން ހިދުމަތް ދިނުން ހުއްޓައިލުން ހިމެނެ އެވެ. އެކަމަކު ގިނަ ސެލޫންތަކުން އަދިވެސް ދަނީ ހިދުމަތް ދެމުންނެވެ. ފާޅުގަ އާއި ސިއްރުން އެކަން ބަރާބަރަށް ސެލޫންތަކުން އެބަކުރެ އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ރާއްޖޭގައި މިއިން ދުވަހަކު ވެސް ކޮވިޑް-19 ނުފެތުރޭހާ ބާރު ސްޕީޑްގައި މިހާރު އެ ބަލި ފެތުރޭތީ އެކަން ކޮންޓްރޯލް ކުރުމަށް މިދިޔަ ބުރާސްފަތި ދުވަހު އެޗްޕީއޭއިން ވަނީ މާލެ ސަރަހައްދުގައި ފިޔަވަޅުތަކެއް އަޅައިފަ އެވެ. މީގެ ތެރޭގައި މި ސަރަހައްދުގައި ހިންގާ ސެލޫންތަކާއި ޖިމްތަކުން ހިދުމަތް ދިނުން ހުއްޓައިލުން ހިމެނެ އެވެ. އެކަމަކު ގިނަ ސެލޫންތަކުން އަދިވެސް ދަނީ ހިދުމަތް ދެމުންނެވެ. ފާޅުގަ އާއި ސިއްރުން އެކަން ބަރާބަރަށް ސެލޫންތަކުން އެބަކުރެ އެވެ.

މާލޭގައި ގިނަ އަދަދެއްގެ ބޯ ކޮށާ ސެލޫންތައް ހުންނައިރު، މީގެ ތެރެއިން ގިނަ ތަންތަން މިއަދު ވެސް ހުރީ ހުޅުވައިފަ އެވެ. އެ ތަންތަން ހުޅުވާފައި ހުންނަކަން އަންގައިދޭ "އޯޕެން" ބޯޑު ވެސް އަޅުވާފައިވާއިރު ދިވެހިންނާއި ބިދޭސީން ވެސް އެތަންތަނުން ދަނީ ހިދުމަތް ހޯދަމުންނެވެ.

"މިހާރު" ގެ ނޫސްވެރިން ދިޔަ ބައެއް ސެލޫންތަކުގައި ވެސް ހިދުމަތް ހޯދަން ކިއު ހަދާފައި ދިވެހިންނާއި ބިދޭސީން ތިއްބެވެ.

މި ސެލޫންތައް ހުޅުވައިގެން ހިދުމަތް ދިން ނަމަވެސް ބިއުޓީ ސެލޫންތަކުން މިކަން ކުރަމުން އަންނަނީ އޮޅުވާލައިގެންނެވެ. ހުރިހާ ތަނެއްގެ ވެސް ބޭރުން ފެންނަ ގޮތުގައި ސެލޫންތައް ބަންދެވެ. ނަމަވެސް ބަރާބަރަށް ކަސްޓަމަރުންނަށް ހިދުމަތް ދެ އެވެ.

ބިއުޓީ ސެލޫންތަކުން އެޗްޕީއޭ އަށް "ވަގަށް" ހިދުމަތް ދެނީ ކުރިއެކޭ ވެސް އެއްގޮތަށް އެޕޮއިންޓްމަންޓް އުސޫލުންނެވެ. ހިދުމަތް ދެނީ ރެގިއުލާ ކަސްޓަމަރުންނަށެވެ. އާންމުކޮށް، މީހުން ބޯކޮށަން ދާ ތަންތަނާ ތަފާތުކޮށް، ބިއުޓީ ސެލޫންތަކުގައި "އޯޕެން" ބޯޑެއް ނާޅުވަ އެވެ. އެކަމަކު، ގުޅައިލުމުން އަދި ބައެއް ތަންތަނުގެ ފޭސްބުކް ޕޭޖު މެދުވެރިކޮށް އެޕޮއިންޓްމަންޓް ހެއްދުމުން ސެލޫން އަށް ގޮސް ހިދުމަތް ޙޯދެ އެވެ.

މާލޭގައި މިއަދު ހުޅުވައިގެން ހިދުމަތް ދޭ ސެލޫނެއް: ގިނަ ބަޔަކު އަދިވެސް ހިދުމަތް ހޯދަން ދޭ-- ފޮޓޯ: މިހާރު

މާލޭގައި މިއަދު ހުޅުވައިގެން ހިދުމަތް ދޭ ސެލޫނެއް: ގިނަ ބަޔަކު އަދިވެސް ހިދުމަތް ހޯދަން ދޭ-- ފޮޓޯ: މިހާރު

ބަންދުކުރުމަށް އަންގާފައި ވަނިކޮށް ސެލޫނަކުން ހިދުމަތް ހޯދި މީހަކު "މިހާރު" އަށް ބުނީ އޭނާ އެޕޮއިންޓްމަންޓަކަށް އެދުމުން ވަގުތުން އެޕޮއިންޓްމަންޓް ހަމަޖެހުނު ކަމަށެވެ. ގަޑިއަށް އެ ތަނަށް ގޮސް އެ މީހުންނަށް ގުޅަން އެދުނު ކަމަށް ވެސް އޭނާ ބުންޏެވެ.

އޭނާ ބުނިގޮތުގައި ސެލޫނަށް ވަންނަން ދިޔައިރު އެތަން ހުރީ ބަންދު ކޮށްފަ އެވެ. ނަމަވެސް ސެލޫން އިން ބުނިގޮތަށް، އެ ތަނުގެ ފޯނަށް ގުޅުމުން ސެލޫން ހުޅުވައިދީ އޭނާ އެތެރެއަށް ވެއްދި އެވެ.

"އަހަރެން ވަން އިރު ވެސް ގިނަ ބަޔަކު ހިދުމަތް ހޯދަން ގޮސް ތިބި. ހުންނަނީ ބޭރުގެ ބޮކިތައް ނިއްވާފައި ތަޅު ވެސް ލާފައި. އެކަމަކު އެތެރޭގައި ބަރާބަަރަށް ހިދުމަތް ދޭ،" ސެލޫނަކުން ހިދުމަތް ހޯދި މީހަކު ކިޔައި ދިނެވެ.

މާލޭގައި މިއަދު ހުޅުވާފައިވާ ސެލޫނަކުން ކަސްޓަމަރުންނަށް ހިދުމަތް ދެނީ: ބައެއް ސެލޫންތަކުން ދަނީ އެޗްޕީއޭ އަށް ގޮންޖަހަމުން.

މާލޭގައި މިއަދު ހުޅުވާފައިވާ ސެލޫނަކުން ކަސްޓަމަރުންނަށް ހިދުމަތް ދެނީ: ބައެއް ސެލޫންތަކުން ދަނީ އެޗްޕީއޭ އަށް ގޮންޖަހަމުން.

އެޗްޕީއޭގެ އެންމެގުމަށް ސެލޫންތަކުން މިހާ ފާޅުކަން ބޮޑު ގޮތެއްގައި ގޮން ޖަހާއިރު އެ އިދާރާ އިން އެއްވެސް ފިޔަވަޅެއް އަޅާ ތަނެއް އަދި އެންގުން ތަންފީޒު ކުރާ ތަނެއް ވެސް ނުފެނެ އެވެ. ފިޔަވަޅުތަކަށް އަމަލު ކުރޭތޯ ބަލަން މީގެ ކުރިން އިންޕެކްޓަރުން ނެރުނަސް އެކަން ވެސް ވަނީ ހުއްޓާލައިފަ އެވެ.

"މިހާރު އޮތީ ގަވައިދުތައް ނަމެއްގައި. އެ އަމަލު ކުރާ ބަޔަކު ކުރަނީ. ގައިމި ސެލޫންގައި އޯޕެން ބޯޑު ޖަހައިގެން އެތެރެއިން ހިދުމަތް ހޯދަން މީހުން ގޮސް ތިބޭ ބަޔަކު ފުލުހުންނަށް ވެސް ފެންނާނެ. އެކަމަކު ފެންނަ ކަމަށް ވެސް ނުހަދާ،" ސެލޫނެއް ކައިރީގައި މަޑުކޮށްލައިގެން ހުރި މީހަކު މިއަދު ބުންޏެވެ.

"ރޭގަނޑު ކާފިއު ގަޑީގައި ވެސް މަގުމަތީގައި މީހުން އުޅޭ. ފުލުހަކު ނުފެނޭ އެއިން މީހަކާ ސުވާލެއް ކޮށްލާ ތަން ވެސް މި ފަހަރު. މި ކަހަލަ ގަވައިދު ހަަދައިގެން ކޮވިޑް ކޮންޓްރޯ ކުރެވޭނެ ގޮތެއް ނުފެނޭ."

ކޮވިޑް-19 ފެތުރުން ކޮޓްރޯލް ކުރުމަށްޓަކައި ކޮންމެ ރެއެއްގެ 9 އިން ފަތިހު 4 އަށް މާލެ ސަރަހައްދުގައި އޮންނަނީ މިހާރު ކާފިއު ހިންގައިފަ އެވެ. ނަމަވެސް ކާފިއުއާ ހިލާފުވާ މީހުން ހޯދައި ފިޔަވަޅު އަޅަން ފުލުހުން ނުކުމެ އުޅޭ ތަނެއް ނުފެނެ އެވެ. ކާފިއު ގަޑީގައި މަގުމަތީގައި އުޅޭ މީހުންނާ ވެސް ފުލުހުން މިހާރު ސުވާލު ނުކުރާ ކަމަށް ވެ އެވެ.

ކޮވިޑް ފެތުރޭ ވަރު އިތުރު ވާތީ އެކަން ކޮންޓްރޯލް ކުރަން މި ފަހުން އެޗްޕީއޭ އިން ފިޔަވަޅުތައް އަޅާފައި ވަނީ ނަމަކަށް ކަމަށް ބުނެ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރެ އެވެ. އާންމުން އެންމެ ބައިބޯވާ ކެފޭ/ރެސްޓޯރަންޓުތައް ބަންދު ނުކޮށް، ހިދުމަތް ދޭ މައްސަލައިގެ ކަންބޮޑުވުން ވެސް އެބައޮތެވެ. އެކަމަކު، ކެފޭ/ރެސްޓޯތަންޓް/ފިހާރަތައް ހުޅުވާފައި ބެހެއްޓޭ ގަޑި މިހާރު ވަނީ ރޭގަނޑު 9 އަށް ބަދަލުކޮށްފަ އެވެ.

މާލެ ސަރަހައްދުގައި ކޮވިޑް-9ގެ ހާލަތު ދަނީ ގޯސްވަމުންނެވެ. އެގޮތުން އިއްޔެ އެކަނި މާލެ ސަރަހައްދުން 933 މީހަކު ވަނީ ޕޮޒިޓިވް ވެފަ އެވެ. މިހާތަނަށް ޖުމުލަ 35،815 މީހަކު ޕޮޒިޓިވްވެފައިވާއިރު 87 މީހަކު ވަނީ މަރުވެފަ އެވެ.