Roadha Mihaaru
ޔޫކޭގެ ރެޑްލިސްޓްގައި ރާއްޖެ ހިމަނައިފި

އިނގިރޭސިވިލާތުގެ ރެޑްލިސްޓްގައި ރާއްޖެ ހިމަނައިފި

07 މެއި 2021

ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތު އެންމެ ގޯސްވެފައިވާ ގައުމުތަކާއި އިނގިރޭސިވިލާތާ ދެމެދު ދަތުފަތުރުކުރުން ހުއްޓައިލުމަށް އެކުަލަވާލާފައިވާ ރެޑް ލިސްޓުގައި ރާއްޖެ ހިމަނައިފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތު އެންމެ ގޯސްވެފައިވާ ގައުމުތަކާއި އިނގިރޭސިވިލާތާ ދެމެދު ދަތުފަތުރުކުރުން ހުއްޓައިލުމަށް އެކުަލަވާލާފައިވާ ރެޑް ލިސްޓުގައި ރާއްޖެ ހިމަނައިފި އެވެ.

އިނގިރޭސިވިލާތުގެ ނޫސްތަކުން ބުނީ، އެ ލިސްޓަށް އެންމެ ފަހުން އިތުރުކުރީ ރާއްޖެ އާއި ތުުރުކީ އަދި ނޭޕާލެވެ.

އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަން އެ ގައުމުގެ ޕާލަމެންޓުގައި ވިދާޅުވީ، އެ ލިސްޓުގައިވާ 22 ގައުމުން އިނގިރޭސިވިލާތަށް ދަތުރުކުރުން މަނާކުރުމުގެ އިތުރުން، އެ ގައުމުތަކުން އެނބުރި ދާ މީހުން ކަރަންޓީނުކުރަން ނިންމާފައިވާ ކަމަށެވެ.

ރެޑް ލިސްޓްގައި ގައުމުތައް ހިމެނީ ކޮވިޑްގެ ވޭރިއަންޓްތައް އުޅޭ ގައުުމުތައް ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮވިޑް ކޮންޓްރޯލް ކުރުމުގައި ކާމިޔާބީ ހޯދަމުން އަންނަ ގައުމުތައް އިނގިރޭސިވިލާތުން ލިސްޓްކޮށްފައި އޮންނަނީ ގްރީން ލިސްޓްގެ ގޮތުގަ އެވެ. އެއީ ރައްކާތެރިކަމުގެ ފިޔަވަޅުތަކާ އެކު ދަތުރުކުރެވޭނެ ގައުމުތަކެވެ. ރާއްޖެއަކީ ވެސް ކުރިން އެ ލިސްޓްގައި އޮތް ގައުމެކެވެ.

ކޮވިޑްގެ ބަލިމަޑުކަމުގެ ހާލަތު ރާއްޖޭގައި މިހާރު ވަނީ ވަރަށް ގޯސްވެފަ އެވެ.

މިދިޔަ 48 ގަޑި އިރުގެ ތެރޭގައި ރާއްޖޭން އެ ބަލީގައި އަށް މީހަކު މަރުވި އިރު އެކްޓިވް ކޭސްތަކުގެ އަދަދު މިހާރު ވަނީ 7،000 އާ ގާތްވެފަ އެވެެ. އޭގެ ތެރެއިން 200 އަށް ވުރެ ގިނަ މީހުންނަށް ފަރުވާދެމުން އަންނީ ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެންނެވެ. މިދިޔަ ހަފްތާއެއްހާ ދުވަހުގެ ތެރޭގައިި ރާއްޖޭން ކޮންމެ ދުވަހަކު އެ ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދުދު ހުރީ 500 އަށް ވުރެ މަތީގަ އެވެ. އެޗް؛ޕީއޭއިން އިއްޔެ އާއްމުކުރި މައުލޫމާތުގައިވާ ގޮތުން ބުދަދުވަހުގެ ހަވީރު 6:00 އިން އިއްޔެ ހަވީރު 6:00 އަށް 700 އަށް ވުރެ ގިނަ މީހުން އެ ބައްޔަށް ޕޮޒިޓިވްވި އެވެ.