Roadha Mihaaru
އިސްތިއުފާގެ ސިޓީ: ސާފުކުރާ މީހާއާ އެންމެން އެއްވަރު

ސާފުކުރާ މީހާގެ އިސްތިއުފާގެ ސިޓީ: އޯގާތެރިވާތި، ސާފުކުރާ މީހާއާ އެންމެން އެއްވަރު

06 މެއި 2021

އިނގިރޭސިވިލާތުގެ އެޗްއެސްބީސީގެ ބްރާންޗެއްގައި މަސައްކަތު މީހެއްގެ ވަޒީފާއަދާކުރާ ދުވަސްވީ އަންހެނަކާ ދޭތެރޭ މުވައްޒަފުންގެ ކުރިމަތީގައި ވެރިމީހާ އިހާނެތިކޮށް ހިތާތީ ވަޒީފާ ދޫކޮށްލަމުން ލިޔުނު ނޯޓެއް އާންމުކުރުމުން އޭނާ އަށް އެތައް ބައެއްގެ ލޯތްބާއި ތައުރީފު އޮހެން ފަށައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އިނގިރޭސިވިލާތުގެ އެޗްއެސްބީސީގެ ބްރާންޗެއްގައި މަސައްކަތު މީހެއްގެ ވަޒީފާއަދާކުރާ ދުވަސްވީ އަންހެނަކާ ދޭތެރޭ މުވައްޒަފުންގެ ކުރިމަތީގައި ވެރިމީހާ އިހާނެތިކޮށް ހިތާތީ ވަޒީފާ ދޫކޮށްލަމުން ލިޔުނު ނޯޓެއް އާންމުކުރުމުން އޭނާ އަށް އެތައް ބައެއްގެ ލޯތްބާއި ތައުރީފު އޮހެން ފަށައިފި އެވެ.

ޖޫލީ ކަޒިންސް ކިޔާ 67 އަހަރުގެ މީހާ މިދިޔަ ހުކުރު ދުވަހު ވަޒީފާ އިން ވަކިވާން ލިޔުނު ސިޓީ އޭނާގެ ދަރިފުޅު ޖޯ ވަނީ ޓްވިޓާގައި އާންމުކޮށްފަ އެވެ.

ސިޓިއާ އެކު ޖޯ ބުނެފައި ވަނީ އޭނާގެ މަންމަ ބޭންކުތައް ސާފުކުރާ މީހެއްގެ ގޮތުގައި މަސައްކަތްކުރާތާ 35 އަހަރުވެއްޖެ ކަމަށާއި އެޗްއެސްބީސީގައި މަސައްކަތްކުރާތާ ވެސް ފަސް އަހަރުވެފައިވާ ކަމަށެވެ. އެކަމަކު އެހާ ދުވަސްވީ އިރު ވެސް އެ މަސައްކަތުގެ އަގުވަޒަން ނުކޮށް އިހާނެތިކޮށް ހިތީތީ ވަރަށް ދެރަ ކަމަށް ބުންޏެވެ.

އެ މައްސަލާގައި މަންމަ ވަޒީފާ ދޫކޮށްލުމުން އުފާވާ ކަމަށް ވެސް ދަރިފުޅު ބުނެފައިވެ އެވެ.

އަތުން ލިޔެފައިވާ ޖޫލީގެ އިސްތިއުފާގެ ސިޓީ ފަށަމުން، ދެން އޮތީ އޭނާ އެޗްއެސްބީސީ ސާފުކުރާ އެންމެ ފަހު ދުވަސް ކަމަށް ބުނެފައިވެ އެވެ. ދެން މަސައްކަތާ ހަވާލުވާ މީހަކަށް، ސާފުކުރަން ތަކެތި ތައްޔާރުކޮށްފައި ހުންނާނެކަން ބަޔާންކޮށް ދެން އޮތީ އިސްތިއުފާ ދިން ސަބަބާ އެކު ވަރުގަދަ މެސެޖެކެވެ.

ބުނެފައި އޮތީ އިސްތިއުފާ ދެނީ އޮފީހަށް ހާޒިރުކޮށް އޭނާ މަސައްކަތް ބަލައި ނުގަނެ އޭނާއާ މެދު އަމަލުކުރި ހަރުކަށި އަދި އަނިޔާވެރި ގޮތުން ކަމަށާއި ނަމަވެސް އެކަމުން ހާމަވީ މެނޭޖަރުގެ އަސްލު ސިފަ ކަމަށެވެ.

"މި ދުނިޔޭގައި ކޮންމެ މީހަކަށް ކޮންމެ ގޮތަކަށް ވެސް އުޅެވިދާނެ. އެކަމަކު އޯގާތެރިވާން ވާނެ. އެއީ، އެއްވެސް މީހަކީ ސާފުކުރާ މީހާ އަށް ވުރެ ވަކި މޮޅު މީހަކަށް ނުވާތީ،" އިސްތިއުފާގެ ނޯޓް ނިންމާލަމުން ބުނެފައިވެ އެވެ.

އެ ސިޓީއާ އެކު ޖޫލީ އިސްތިއުފާ ދިނުމުން ހިތްވަރު ދިން ބައެއް މީހުން ބުނެފައިވާ ގޮތުގައި ތަންތަންފޮޅައި ސާފުކުރާ މީހުންނާއި ސެކިއުރިޓީ ގާޑުން ފަދަ ވަޒީފާތަކާ މެދު ބައެއް މީހުން ދެކެނީ ވަރަށް ދަށްފެންވަރުގެ ބައެއްގެ ގޮތުގަ އެވެ. އަދި ބައެއް މީހުން އެ މީހުންގެ އަމިއްލަ ތަޖުރިބާގެ ވާހަކަ ވެސް ހިއްސާކޮށްފައިވެ އެވެ.

ޖޫލީ އަށް ދިމާވި ހާދިސާއާ ބެހޭ ގޮތުން މީޑިއާތަކުން ސުވާލުކުރުމުން އެޗްއެސްބީސީން ބުނީ ވަކިވަކި މުވައްޒަފުންނާ ގުޅުން ހުރި ވާހަކަތައް މީޑިއާތަކާ ހިއްސާނުކުރާ ކަމަށެވެ. އެކަމަކު ޖޫލީ އަށް ދިމާވި ހާދިސާ އިތުރަށް ބަލަމުން އަންނަ ކަމަށް ބުންޏެވެ.

މަންމަގެ ސިޓީ ޓްވިޓާގައި ވައިރަލްވެ، އެ ވާހަކަ ވަރަށް ގިނަ މީޑިއާތަކުގައި ވެސް ގެނެސްދިނުމުން ޖޯ އެކަމަށް ޝުކުރު އަދާކޮށްފައިވެ އެވެ. އޭނާ ބުނި ގޮތުގައި އެ ވާހަކަ ހިއްސާކުރީ ބަޔަކަށް ފިލާވަޅަކަށެވެ.