Roadha Mihaaru
ޓްވިޓާގައި އެހީއަށް އެދުމާ އެކު ވަޒީފާއެއް ލިބިއްޖެ

ޓްވިޓާގައި އެހީއަށް އެދުމާ އެކު ވަޒީފާއެއް ލިބިއްޖެ

25 ޑިސެމްބަރ 2020

ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައި ވަޒީފާ ގެއްލުނު މީހަކަށް ވަޒީފާއަކަށް ވަރަށް ބޮޑަށް ބޭނުން ޖެހިފައިވާ ކަމަށް ބުނެ ޓްވިޓާގައި އެ ވާހަކަ ހިއްސާކުރިތާ އެންމެ 24 ގަޑިއިރު ތެރޭގައި ވަޒީފާއެއް ހަމަޖެހިއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައި ވަޒީފާ ގެއްލުނު މީހަކަށް ވަޒީފާއަކަށް ވަރަށް ބޮޑަށް ބޭނުން ޖެހިފައިވާ ކަމަށް ބުނެ ޓްވިޓާގައި އެ ވާހަކަ ހިއްސާކުރިތާ އެންމެ 24 ގަޑިއިރު ތެރޭގައި ވަޒީފާއެއް ހަމަޖެހިއްޖެ އެވެ.

މިކަމާ ގުޅިގެން ބޮޑު އުފާވެރިކަމެއް ލިބުނު އިނގިރޭސިވިލާތުގެ ނިއުކާސަލްގައި ދިރިއުޅޭ ދެ ކުދިންގެ ބައްޕަ ލިއަމް މެކްއެވޯއި، 32، ބުނީ ވަޒީފާއެއް ހޯދައިދޭން އެހީވާން އާންމުން ދިން އެހީތެރި ކަމަށް ޝުކުރު އަދާކުރާ ކަމަށެވެ. އޭނާ ކިޔައިދިން ގޮތުގައި އޮކްޓޫބަރު މަހު ވަޒީފާ ގެއްލި ހާލުގައި ޖެހުމުން ސޯޝަލް މީޑިއާގައި އެ ވާހަކަ ދެއްކުމާ އެކު ވަޒީފާ ހަމަޖެހުނީ އުންމީދު ވެސް ނުކުރާހާ އަވަހަށެވެ.

އުމުރުން އެންމެ 16 އަހަރުން ފެށިގެން މަސައްކަތުގެ މައިދާނުގައި އުޅޭ ޒުވާނާ ވަޒީފާ އަދާކުރީ އެއާބަސް މަތިންދާބޯޓްގެ ފިޔަގަނޑު އުފައްދާ ކުންފުންޏެއްގަ އެވެ. އެކަމަކު ކޮވިޑްގެ ތެރޭގައި އެ ކުންފުންޏަށް ކުރިމަތިވި މާލީ ތާށިކަމާ ހެދި މުވައްޒަފުން މަދުކުރި އިރު ލިއަމް ހިމެނުނީ އޭގެ ތެރޭގަ އެވެ.

އެތަނުން ވަޒީފާ ގެއްލުމުން އޭނާ ހުރީ ޔުނިވާސަލް ކްރެޑިޓް ކާޑްގެ ވަޒީފާއަކަށް ވެސް އެޕްލައިކޮށްގެންނެވެ. އެކަމަކު އެ ތަނުން ޚަބަރެއް ނުވެ ލަސްވާން ފެށުމުން ވަޒީފާއެއް ހޯދައި ދޭން އެހީވާން އާންމުންގެ އެހީ އަށް މިދިޔަ އަންގާރަ ދުވަހު ޓްވިޓާގައި އެދެން މަޖުބޫރުވީ އެވެ.

އެ ޓްވީޓާ އެކު އެތައް ބަޔަކު ލިއަމްގެ ސީވީ ހޯދަން އެދި އެ މީހުން އެކަމަށް މަސައްކަތްކޮށް ދޭނެ ކަމަށް ބުނެ ކޮމެންޓްކޮށް މެސެޖް ވެސް ފޮނުވި އެވެ. އަދި ލިއަމްގެ ފެންވަރާ ބެހޭ ގޮތުން ބައެއް މީހުން އުފެއްދި ސުވާލުތަކަށް އޭނާއާ އެކީގައި މަސައްކަތްކުރި ބައެއް މީހުން ޖަވާބުދީ، ލިއަމް އަކީ އަބަދު ވެސް މަސައްކަތަށް ފަރުވާ ބަހައްޓާ މަސައްކަތުގެ އަހުލާގު ވަރަށް ރަނގަޅު މީހެއްގެ ގޮތުގައި ފާހަގަކޮށްފައިވެ އެވެ.

ޓްވިޓާގައި ލިބުނު އިޖާބައާ އެކު ލިއަމް އަށް ވަޒީފާއެއް ހުށަހެޅީ ނިއުކާސަލްގް "ޑްރައިވް ހަޔާ" އިންނެވެ. އެއީ އެއްގަމު ދަތުރުފަތުރާ ގުޅޭ މަސައްކަތް ކުރާ ކުންފުންޏެކެވެ. އެގޮތުން ޑްރައިވަރުން ތަމްރީނުކުރުމާއި ޑްރައިވަރުން ރެކްރޫޓްކުރުމާއި ދަތުރުފަތުރާ ގުޅޭ ލޮޖިސްޓިސްޓިކް މަސައްކަތައް މެނޭޖްކުރުން ހިމެނެ އެވެ.

"ޑްރައިވް ހަޔާ" އިން ލިއަމް ހުށަހެޅީ ވަގުތީ ވަޒީފާއެކެވެ. އެކަމަކު އެއީ އޭނާގެ މަސައްކަތްތައް ބަލައި ފަހުން ދާއިމީކޮށްދޭ ގޮތަށެވެ.

އެތަނުގެ ބްރާންޗް މެނޭޖަރު ޑޭވިޑް ބާން ވިދާޅުވީ ލިއަމް އަށް އެހީވާން ނިންމީ ވަޒީފާއަކަށް ބޭނުންވެފައިވާ މިންވަރު އެނގުމުން ކަމަށެވެ.

"އަންބަކާއި ދަރިން ތިބި މީހަކަށް ވަޒީފާއެއް ނެތުމަކީ ކިހާ ބޮޑު ތަކުލީފަކަށްވާނެކަން އަހަރެމެންނަށް އެނގޭ،" އޭނާ ވިދާޅުވި އެވެ. "އެހެންވީމާ އާއިލާއަކަށް އެހީވުމަކީ އަހަރެމެން ކޮންމެހެން ވެސް ކުރަން ޖެހޭ ކަމެއް ކަމުގައި ދެކުނީ. ލިއަމްގެ ކޭސް އިން އަހަރެމެންނަށް ފާހަގަކުރެވު އެއް ކަމަކީ އިންޓަނެޓާއި ސޯޝަލް މީޑިއާގެ މުހިއްމުކަން."

ޑޭވިޑް ވިދާޅުވީ "ޑްރައިވް ހަޔާ" އޮތީ ލިއަމް ފަދަ މީހުންނަށް އަބަދު ވެސް އެހީވާން ތައްޔާރަށް ކަމަށާއި އެކަން އަންގައި ދިނުމުން އެ ކުންފުނިން ވީ ވަރަކުން އެހީވެދޭނެ އެވެ.